ޚަބަރު

އިސްލާމިކް ފޯރަމް ބާއްވަވައިފި


އިސްލާމިކް ފޯރަމް ރޭ އިސްލާމީ މަރުކަޒްގައި ބާއްވަވައިފިއެވެ. މި ފޯރަމްގައި ވާހަކަދެއްކެވީ ރަހިމުގެ ގުޅުމާ ބެހޭ ގޮތުންނެވެ. 

މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން އިންތިޒާމްކުރައްވައިގެން ބޭއްވެވި މިއަހަރުގެ އިސްލާމިކް ފޯރަމްގައި މަޢުލޫމާތުދެއްވާފައިވަނީ ރަހިމް ގުޅުން މި މައުޟޫޢަށެވެ. މި މައުޟޫޢަށް ވާހަކަދައްކަވާފައިވަނީ އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމާއި އައްޝައިޚް އަޙްމަދު ފަހުމީ ދީދީއެވެ. 

ރަޙިމުގެ ގުޅުން ނުވަތަ ގާތްތިމާގެ ކަމުގެ ގުޅުމަކީ ކޮބައިކަމައާއި ދީނީގޮތުން މިއީ ކިހާ މުހިންމު ކަމެއްކަން މި ފޯރަމްގައި ހާމަކޮށްދެއްވިއެވެ. އަދި ގާތްތިމާގެކަމުގެ ކުޅުން ހީނަރުވަމުންދާ ސަބަބުތަކާއި މި ގުޅުން ދެމެހެއްޓުމަށް ކުރެވިދާނެކަންތައްތަކުގެ މައްޗަށް ވާހަކަދެއްވިއެވެ. މި ފޯރަމްގެ ބައިވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ވިދާޅުވީ، ގާތްތިމާގެ މީހުންނާ ގުޅުންބަދަހި ކުރުމަށް އެމީހުންނާ ބައްދަލުކުރުމަށްފަހު އެމީހުންނަށް ސަމާލުކަންދޭ މިންވަރަށްވުރެ އަތުގައި އޮންނަ މޯބައިލް ފޯނަށް އިސްކަންދެވޭ މަންޒަރު މިހާރަކަށް އައިސް ޢާންމުވެފައިވާކަމަށެވެ.

"ކައިރީގައި ވާހަކަދައްކަންޖެހޭ މީހާ އިންދާ އެހެންމީހަކާ (ފޯނުން) ވާހަކަދެއްކުމަކީ ނުވަތަ ފޯނާ ކުޅެން އިނުމަކީ އޭނާއާ ބައްދަލު ނުކުރުމަށްވުރެ މާ އުނދަގޫވާ ކަމެއް. އެއީ ކުރިމަތީގައި އެގުޅުން ދަމަހައްޓަންޖެހޭ މީހުންތިއްބާ އަދި އޭނާ އެތާ އިނދެގެން އެހެން މީހަކާ ވާހަކަދެއްކުމަށްވުރެ މާ ފަސޭހަވާނެ އެގެއަށް ނައިސް ދުރުގަހުރެހެން ވާހަކަދެއްކީމަ. އަނެއްކޮޅުން ބަލާއިރު އެމީހުންނަށް ސަމާލުކަން ނުދޭކަމުގެ ވެސް ވަރަށް ބޮޑު އަލާމާތެއް ކުރިމަތީގައި ހުންނަ މީހާއަށް ވަރަށް ބޮޑު ބޭ ޢިއްޒަތެއް އެއީ ހަޤީޤަތުގައި އޭނާ ކައިރީ ހުރެގެން އެހެން މީހުންނާ މުޢާމަލާތް ކުރަމުން ދިއުމަކީ. އެހެންވީމާ ފަސޭހަތައް އޭގެ ފަސޭހައިގެ ޒަރިއްޔާގައި ބޭނުންކުރުމަކީ ވަރަށް މުހިންމުކަމެއް. އަޅުގަނޑު އަބަދުވެސް ދަންނަވާ ވާހަކައެއް ފޯނުގެ ސަބަބުން ދުރުގައި ތިބޭ މީހުން ގާތްކޮށްދިނަސް ކައިރީގައި ތިބި މީހުން ދުރުކޮށްދޭކަމަށް މިއަދުގެ މުޢާމަލާތްތަކުން އެބަފެނޭ.،" އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް ވިދާޅުވިއެވެ. 

ރަހިމުގެ ގުޅުމަކީ ހަމައެކަނި މަންމަ ފަރާތުގެ މީހުންގެ މެދުގައި އޮންނަ ގުޅުމެއް ނޫންކަމަށާއި ބައްޕަގެ ފަރާތު ގާތްތިމާގެ މީހުންނަކީވެސް ރަހިމުގެ ގުޅުމުގެ މީހުންކަމަށް ވިދާޅުވިއެވެ. މި ފޯރަމްގައި އައްޝައިޚް އަޙްމަދު ފަހުމީ ދީދީ ވަނީ ރަހިމުގެ ގުޅުން ދެމެހެއްޓުމުގެ މުހިންމުކަމާބެހޭ ގޮތުން ވާހަކަދައްކަވާފައެވެ. 

"މީގެ ނަތީޖާއަކަށްވާނީ އަޅުގަނޑުމެންނަށް ދިމާވާ ބޮޑެތި ކަންކަމުގައި އެކަކު އަނެކަކަށް އެހީތެރިވުމުގެ ފުރުޞަތު ފަހިވެގެން ދިއުން. އެހެންނޫނީ ވިއްޔާ އެއް ގެއެއްގެތެރޭގައި ބައެއްފަހަރު އެއް އެނދެއްގެ މަތީގައި ނިދާފައި އުޅޭ ދެބެންވެސް އެކަކަށް ވާނުވާއެއް އަނެކަކަށް ނޭންގި މިހެން ތިބޭކަމަށް ވަންޏާ  ވަރަށް ބޮޑެތި ކަންތައް ވެ ނިމިގެންދާނެ އަނެކަކަށް އޭނާއަށް އެހީތެރިވުމުގެ ފުރުޞަތު ނުލިބި.،" އައްޝައިޚް އަޙްމަދު ފަހުމީ ދީދީ ވިދާޅުވިއެވެ. 

މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުން މި ފެންނަ ތަފާތު ފަސާދަތަކާއި މުޖުތަމަޢުން މިފެންނަ އަޚްލާޤީ މައްސަލަތައް ދިމާވާން މެދުވެރިވާ މައިގަނޑު އެއްސަބަބަކީ ރަހިމުގެ ގުޅުން ނެތުމުގެ ސަބަބުން ކަމަށް ޝެއިޚް ސަމީރު ސިފަކުރެއްވިއެވެ. އަދި މިގުޅުން ކަނޑައިފި މީހާގެ ދިރިއުޅުން ބާއްޖަވެރި ނުވާނެކަމަށް ޝައިޚް ސަމީރު ވިދާޅުވިއެވެ. 

"އަދި ކޮބައިތޯ ހަދީޘް ކުރައްވާފައިވަނީ އެއްވެސް ފާފައެއް ނުވެއޭ އެފާފައެއްގެ ޝަޒާ ދުނިޔޭގައި ހުއްޓާ އޭނާއަށް ކުރިމަތިލާ ކަމެއް ރަޙިމުގެ ގުޅުން ކެނޑުން ނޫނީ. ގާތްތިމާގެ ކަމުގެ ގުޅުން ކަނޑާފަ މައިންބަފައިންނާ ގުޅުންކަނޑާފަ އުޅޭ އެއްވެސް މީހެއްގެ ދިރިއުޅުން ބާއްޖަވެރިއެއް ނުވާނެ. ކިތަންމެ ބައިވަރު ފައިސާއެއް އޭނާ ހޯދިޔަސް އޭނާގެ ދިރިއުޅުމަކީ ދަތިކަމާ، ހިތްދަތިކަމާ، ބަލިމަޑުކަމާ، އެނޫންވެސް ކޮންމެސް ހާސްކަމެއްގެތެރޭގައި އޭނާގެ ދިރިއުޅުން ހޭދަކުރަމުންދާނީ." ޝައިޚް ސަމީރު ވިދާޅުވިއެވެ. 

އާންމުކޮށް ހުޅުއްވާލައްވައިގެން ބޭއްވެވި މި ފޯރަމްގައި އާންމުންނާއި ސްކޫލްކުދިންބައިވެރިވިއެވެ. މިފޯރަމް ކޮންމެ އަހަރަކު ބާއްވަވާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.