މުނިފޫހިފިލުވުން

"އައިޑަލްއިން ވަކިވިނަމަވެސް، މި ދާއިރާއާ ވަތްކެއްނުވަން"


ޒުވާނުންނާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް ލޯބިކުރާ ހުރިހާ ފަރާތްތަކަކުން މިދުވަސްވަރު އެންމެ ފޯރީގައި ދައްކާނެ އެއް ވާހަކައަކީ މޯލްޑިވިއަން އައިޑަލްގެ ވާހަކަ ކަމާމެދު ޝައްކެއްނެތެވެ. 

މުނިފޫހި ފިލުވުމުގެ ދާއިރާ، ވަކިން ޙާއްސަ ގޮތެއްގައި ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީއަށް އިންޤިލާބީ ބަދަލެއް ގެނުވި މޯލްޑިވިއަން އައިޑަލްގެ ޝޯވތަކުން، ބެލުންތެރިންނާއި ހަމައަށް ކުޅަދާނަ ލަވަކިޔުންތެރިންތަކެއް ވަނީ ގެނެސްދީފައެވެ. އަދި އައިޑަލް ފަދަ އިންޓަރނޭޝަނަލް ޕްލެޓްފޯމެއް މެދުވެރިކޮށް މިއުޒިކްގެ ދާއިރާއަށް ގިނަ ޒުވާނުންތަކެއް ތަޢާރަފުވެގެންދިޔަކަން ފާހަގަކޮށްލެވެއެވެ.

މުޅި ރާއްޖޭގެ އެތަން މިތާނގައި އަތްފުނާ އެޅުމަށްފަހު، ގޯލްޑަން ޓިކެޓް ލިބުނު ބައިވެރިންނާއެކު މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ތިއޭޓަރ ރައުންޑްގެ ޝޯވތައް ދައްކަން ފެށުމާއެކު، މިފަހަރުގެ ޝޯވގައި ވާދަކުރާ ބައިވެރިންގެ ހުނަރުވެރިކަމާއި، ކުޅަދާނަކަމުގެ ވާހަކަ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯރމްތަކުގައި ދިޔައީ އަޑު ހަރުކޮށް ދައްކަމުންނެވެ. ބައިވެރިންގެ ފަރާތުން ފެނިގެންދިޔަ އާދަޔާ ޚިލާފު ހިތްވަރާއި، ހިތްގައިމު ހުށައެޅުންތަކަށް ގިނަ ބަޔަކު ވަނީ ތަޢުރީފުކޮށްފައެވެ. އައިޑަލް ސީޒަން ދޭއްގެ ގަދަ 16 އިޢުލާން ކުރުމާއެކު، ތަފާތު ނަންނަމުގައި ފޭސްބުކް ޕޭޖްތަކާއި، ހޭޝްޓެގްތައް ބޭނުންކޮށްގެން ގަދަ 16 ޕްރޮމޯޓް ކުރުމުގެ މަސައްކަތް ފޯރިއާއެކު ކުރަން ފެށިއެވެ. 

img:http://s3.psmnews.mv/images/660x400/14874455844300.jpg|ޕިއާނޯ ރައުންޑުގެ ފުރަތަމަ ޝޯވގެ ބައިވެރިން- ފޮޓޯ: ޕީއެސްއެމް

ކޮންމެއަކަސް ގަދަ 16 ބައިވެރިންނާއެކު ޕިއާނޯ ރައުންޑުގެ ފުރަތަމަ ޝޯވ މިރޭ ބޭއްވި އެލިމިނޭޝަން ނައިޓާއެކު މިހާރު މިވަނީ ނިމިފައެވެ. އެއް ބައެއްގެ މޫނު މައްޗަށް ހިނިތުންވުން ގެނުވަމުންނެވެ. އަނެއްބައެއްގެ މޫނުމައްޗަށް ހައިރާންކަމާއި، ހިތާމަވެރިކަން ގެނުވަމުންނެވެ. ޕިއާނޯ ރައުންޑުގެ ފުރަތަމަ ޝޯވގައި ޕަރފޯމްކުރި 8 ބައިވެރިންގެ ތެރެއިން، އަޙްމަދު ސައްޔާޙު އަދި ޝަނީޒާ ޝަރީފަށް މިވަނީ ގާލާ ރައުންޑާއި ހަމައަށް ދެވޭގޮތްނުވެ، އައިޑަލަކަށްވުމަށް ކުރަމުން އައި ދަތުރު ނިންމާލަންޖެހިފައެވެ. ނާތިޖާ އިޢުލާން ކުރުމާއެކު މި ދެ ބައިވެރިންގެ މޫނުމަތިންވެސް ފެނިގެންދިޔައީ، އާއިލާއެއްގެ ތެރޭގައި އުޅުމަށްފަހު، ވަކިންވާން ޖެހުމުން ކުރެވޭ ކަހަލަ އިޙްސާސްތަކެކެވެ. ދެ ބައިވެރިންގެ ވާހަކަތައްވެސް ހުރީ އެކަހަލަ ގޮތަކަށެވެ.

img:http://s3.psmnews.mv/images/660x400/14874503824731.jpg|ސައްޔާޙް-

"މިއީ އަޅުގަނޑުގެ މުޅި ލައިފް ޗޭންޖްކޮށްލި ޝޯވއެއް... ދުވަހަކުވެސް ހަނދާނެ ނުނެތޭނެ.. އެއްވެސް އިރެއްގައި ހޯޕް ގެއްލުވައެއް ނުލަން އެންމެ ފަހު ވަގުތާޖެހެންދެންވެސް.. މިއީ އަދި އަޅުގަނޑަށް ފެށުމެއް.." އުމުރުން 18 އަހަރުގެ ސައްޔާޙު، އޭނާއަށް ކުރެވުނު ތަޖުރިބާ ޕީ.އެސް.އެމް ނިއުސްއާއި ހިއްސާކުރަމުން ބުންޏެވެ.

އައިޑަލްގެ މި ސީޒަނާއި، ސައްޔާޙްއާއި ޝަނީޒާ ވަކިވެފައިވާއިރު، 2 ބައިވެރިންގެ އަޒުމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އަދިވެސް ތިބީ މިއުޒިކީ ދާއިރާއިން ކުރިއަށްދިއުމުގެ ފޮނި އުއްމީދުގައެވެ. މިއީ މި 2 ބައިވެރިންނަށް ސަޕޯޓުކުރާ ފަރާތްތަކަށްވެސް ލިބިގެންދާނެ ހިތްހަމަޖެހުމެއްކަން ޔަޤީނެވެ.

img:http://s3.psmnews.mv/images/660x400/14874504006190.jpg|ޝަނީޒާ-

"އާއިލާގެ މެމްބަރުންތަކަކާއި އެއްކޮށް އުޅެވުން ކަހަލަ ކަމެއްގެ ގޮތުގައި އައިޑަލްގައި މި ކުރެވުނު ތަޖުރިބާ އަޅުގަނޑު ސިފަކުރާނީ... ބައިވަރު ކަންތައްތަކެއް ދަސްވެގެންދިޔަ.. އެއްވެސް ވަރަކަށް ވިސްނުމެއް ނެތް މިދާއިރާ ދޫކޮށް ދިއުމުގެ... ފުރުޞަތު ލިބޭވަރަކުން ކުރިއަށްދާނަން..." 16 އަހަރުގެ ޝަނީޒާ ބުންޏެވެ.

އައިޑަލްގެ ގާލާ ރައުންޑަށް ދަތުރުކުރި ފުރަތަމަ 6 ބައިވެރިންނާއި، ޖަޖުންގެ ފަރާތުން މިރޭގެ އެލިމިނޭޝަން ނައިޓުގައި ޝަނީޒާއާއި ސައްޔާޙަށް ހިތްވަރުގެ ބަސްތަކެއް އިވިގެންގޮސްފައިވާއިރު، މި 2 ބައިވެރިންގެ ފަރާތުންވެސް ދޭން ބޭނުންވި މެސެޖަކީ ހިތްވަރު ގެއްލުވާނުލާ، މި ދާއިރާއިން ކުރިއަށް ދިއުން އެއީ ބައިވެރިންގެ އަޒުމެއްގެގޮތުގައި ކަނޑައެޅުމެވެ. އަދި އެ ބައިވެރިންނަށް ޝަނީޒާއާއި ސައްޔާޙު ވަނީ މަރުޙަބާކިޔާ، ހިތްވަރުދީފައެވެ.