ތަރައްްޤީ

ޗައިނާއިން ބްރިޖްގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވައިފި


މިހާރު ރާއްޖެވަޑައިގެން އުޅުއްވާ ޗައިނާގެ އެސިސްޓެންޓް ފޮރިން މިނިސްޓަރ ޗައިނާ- މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފިއެވެ.

ޗައިނާގެ އެސިސްޓެންޓް ފޮރިން މިނިސްޓަރ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑަގެންފައިވަނީ އިއްޔެއެވެ.

މި ދަތުރުފުޅުގައި މިއަދު އެމަނިކުފާނު ވަނީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ އިތުރުން، ޗައިނާ ސަރުކާރުގެ އެހީއާއެކު ރާއްޖޭގައި ކުރިއަށް ގެންދާ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ކުއިއަށްދާގޮތް ބައްލަވާލައްވާފައެވެ.

ޗައިނާގެ އެސިސްޓަންޓް ފޮރިން މިނިސްޓަރގެ މިދަތުރުފުޅަކީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ބޭއްވެވުމަށް ހަމަޖެހިފައިވާ ރަސްމީ މަޝްވަރާތަކެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ޗައިނާއަކީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިޤްތިޞާދެވެ. ދިވެހި ސަރުކާރުން ގެންދަވަނީ ޗައިނާއާއެކު ޚާރިޖީ އަދި އިޤްތިޞާދީ ގުޅުން ބަދަހިކުރައްވަމުންނެވެ. އެގޮތުން ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަޝްރޫޢަކީ ޗައިނާގެ ރައީސްގެ ބެއްލެވުމުގެ ދަށުން، ޗައިނާ ސަރުކާރުގެ ބޮޑު އެހީއަކާއެކު ކުރިއަށްގެންދަވާ މަޝްރޫޢެކެވެ. އަދި ބްރިޖަށް "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް"ގެ ނަން ދެއްވީވެސް ޗައިނާގެ ރައީސް ޝީ ޖިންޕިންގއެވެ.

ބްރިޖް މަޝްރޫޢުގެ އިތުރުން އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢާއި، ޢުމްރާނީ އަދި އިޤްތިޞާދީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކުގައި ޗައިނާ ސަރުކާރުން ގެންދަނީ ދިވެހިރާއްޖެއަށް އެހީތެރިވަމުންނެވެ.