ވިޔަފާރި

ޑޮލަރު އޭޓީއެމްތަކާއެކު އިތުރު އޭޓީއެމް ސެންޓަރެއް ހުޅުވައިފި


ޑޮލަރު އެކައުންޓް ގެންގުޅޭ ކަސްޓަމަރުންނަށް ޚާއްޞަކޮށް ބޭންކް އޮފް މޯލްޑިވްސްއިން އޭޓީއެމް ސެންޓަރެއް ހުޅުވައިފިއެވެ.

ޑޮލަރު ނެގުމާއި ޖަމާކުރުމަށް ޚާއްޞަ މި އޭޓީއެމް ސެންޓަރު ޤާއިމްކޮށްފައިވަނީ، އާޓިފިޝަލް ބީޗް ކައިރީ މިހާރުވެސް ބީއެމްއެލްގެ އޭޓީއެމްތައް ހުންނަ މެރިން ޑްރީމް އިމާރާތުގައެވެ. މި ސެންޓަރުގައި ބީއެމްއެލްއިން ވަނީ ޑޮލަރު ނެގުމަށާއި ޖަމާކުރުމަށް ތިން އޭޓީއެމް ބަހައްޓާފައެވެ.

ޑޮލަރު އޭޓީއެމް ސެންޓަރު ރަސްމީކޮށް ހުޅުވައިދެއްވީ، ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އެންޑްރޫ ހީލީއެވެ.

ޑޮލަރ އޭޓީއެމް ސެންޓަރާއި ބެހޭގޮތުން ވާހަކަދައްކަވަމުން، ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފް ވިދާޅުވީ، އަލަށް ޤާއިމްކުރި ޑޮލަރު އޭޓީއެމް ސެންޓަރުގެ ސަބަބުން ބީއެމްއެލްގެ ޑޮލަރު އެކައުންޓް ގެންގުޅޭ ކަސްޓަމަރުންނަށް ވަރަށްބޮޑު ލުއި ފަސޭހަކަމެއް ލިބިގެންދާނޭކަމަށެވެ. 

ޝަރީފް ވިދާޅުވީ، ބީއެމްއެލްގައި ޑޮލަރު އެކައުންޓް ގެންގުޅޭ ގިނަ އަދަދެއްގެ ކަސްޓަމަރުން އެބަތިބިކަމަށެވެ. އަދި ޑޮލަރު އެކައުންޓް ކަސްޓަމަރުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ބީއެމްއެލްއިން ޑޮލަރު ޖަމާކުރުމަށާއި ނެގުމަށް އިތުރު އޭޓީއެމްތަކެއް ބަހައްޓާފައިވާއިރު، ބޭންކުން މިހާރުވެސް ގެންދަނީ، އެއަރޕޯޓުގެ އިތުރުން ހެޑްއޮފީހުގައި ޑޮލަރު އޭޓީއެމްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ޚިދުމަތްދެމުންނެވެ.

އަހަރެންގެ ބޭންކް ދިވެހިންގެ ބޭންކް، މި ޝިއާރުގެ ދަށުން ބީއެމްއެލްއިން ގެންދަނީ ބޭންކްގެ ކަސްޓަމަރުންގެ އިތުރުން މުޖުތަމައުއަށް ފައިދާހުރި ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އަހަރެންގެ ބޭންކް" ކެމްޕޭނަކީ ދިވެހިންނާއި ދިވެހި މުޖުތަމައުއަށް ބީއެމްއެލްއާ އޮތްގުޅުން އިތުރަށް ބަދަހި ކުރުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ ކެމްޕޭނެކެވެ. މިކެމްޕޭންގެ ތެރެއިން މި ފެބްރުއަރީމަހުގެ ކޮންމެ ދުވަހަކުވެސް މުޖުތަމަޢަށް ފައިދާ ހުރި ހަރަކާތެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.