ޚަބަރު

"ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް އެބައޮތް"


ރާއްޖޭގައި ބާއްވާ ފެއަރތަކުގައި ބޭރުގެ ފަރާތްތަކުގެ ބައިވެރިވުން އިތުރުވުމަކީ ރާއްޖޭގެ އިޤްތިޞާދު ރަގަޅުވަމުން އަންނަކަމުގެ ހެއްކެއްކަމަށް ވިޔަފާރިވެރިންގެ ޤައުމީ ޖަމްޢިއްޔާގެ ނާއިބު ރައީސް އިސްމާޢީލް ޢާސިފް ވިދާޅުވެއްޖެއެވެ.

2013 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މޯލްޑިވްސް ލިވިންގ އެކްސްޕޯ، މިއަހަރު ހުޅުވުމުގެ ރަސްމިޔާތަށްފަހު، މީޑިޔާއަށް ދެއްވި އިންޓަރވިއުއެއްގައި ވިޔަފާރިވެރިންގެ ޤައުމީ ޖަމްޢިއްޔާގެ ނާއިބު ރައީސް އިސްމާޢީލް ޢާސިފް ވިދާޅުވީ މި އެކްސްޕޯގެ ސަބަބުން ހައުސިންގ އިންޑަސްޓްރީގައި މަސައްކަތްކުރާ މީހުންނާއި އެޕަރޓްމަންޓް ގަންނަ ބޭނުންވާ މީހުން އެއްތަނަކުން ބައްދަލުވެ މަޢުލޫމާތު ބަދަލުކުރެވޭކަމަށެވެ. މިގޮތުން ރާއްޖޭގައި ލިބެންހުރި އެޕަރޓްމަންޓްތަކާއި އަވަށްޓެރި ޤައުމުތަކުގައި ހުރި އެޕަރޓްމަންޓްތަކުގެ މަޢުލޫމާތުވެސް ލިވިން އެކްސްޕޯގެ ތެރެއިން ލިބޭނެކަން ޢާސިފް ފާހަގަކުރެއްވިއެވެ.

img:http://s4.psmnews.mv/images/660x400/14872533276008.jpg|މޯލްޑިވްސް ލިވިންގ އެކްސްޕޯ 2017ގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

ޢާސިފް ވިދާޅުވީ މިފަދަ އިވެންޓްތައް ބޭއްވުމުގެ ސަބަބުން ކުރިއަށް އޮތްތަނުގައި ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފުޅާވެގެންދާނެކަމަށެވެ. އަދި މި އެކްސްޕޯގެ ސަބަބުން މާރކެޓްތަކުގައި އެޕަރޓްމަންޓްސް ލިބެން ހުރި އަގުތައް އެނގި ޑައުންޕޭމަންޓް ދައްކާ ހެޔޮއަގުގައި ތަންތަން ހޯދަން ފަސޭހަވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޢާސިފް ވިދާޅުވީ ބޭރުގެ ފަރާތްތަކުން ރާއްޖޭގައި ކުރާ އިންވެސްޓްމަންޓްތައް އިތުރުވުމުން އެނގެނީ ރާއްޖެއަކީ މިފަދަ އިންވެސްޓްމަންޓްތައް ކުރަން ރަނގަޅު ތަނެއްކަން ބޭރުގެ ފަރާތްތަކަށް ޤަބޫލުކުރުންކަމަށެވެ. ކައިރި ޤައުމުތަކުގައި އަލަށް ހަދާ ތަންތަނާއި އެތަންތަނުގެ އަގާބެހޭ މަޢުލޫމާތު މި އެކްސްޕޯގެ ސަބަބުން ލިބޭނެކަމަށްވެސް އާސިފް ވިދާޅުވިއެވެ. 

16 ސްޓޯލަކާއެކު ހުޅުވި މޯލްޑިވްސް ލިވިންގ އެކްސްޕޯ 2017 ގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުން ބައިވެރިވެއެވެ.