ޚަބަރު

މުލީ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް އަންނަ މަހު ނިމޭނެ


މުލަކަތޮޅު މުލީ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް އަންނަ މަހު ނިންމާލެވޭނެ ކަމަށް އެ މަޝްރޫޢުގެ ސަބް ކޮންޓްރެކްޓަރ ހާމަކޮށްފިއެވެ. މ. މުލީގައި ކުރިއަށްގެންދާ ބިން ހިއްކުމުގެ މަސައްކަތަކީ 99 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. 

މ.އަތޮޅުގެ ވެރިކަން ކުރާރަށް މުލީގައި ކުރިއަށްގެންދަވާ ޢުމުރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން، ބިން ހިއްކުމުގެ މަޝްރޫޢު އަންނަ މާޗް މަހުގެ ތެރޭގައި ނިމޭނެ ކަމަށް މިމަސައްކަތުގެ ސަބް ކޮންޓްރެކްޓަރ އެވޯޝަން ކުންފުނިން ބުނެފިއެވެ. ޖުމްލަ 40 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް 36 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ. އެވޯޝަންގެ ކަންޓްރީ އޮފީހުގެ ޑިރެކްޓަރ އަސަދުﷲ ޝިހާބު ވިދާޅުވީ، ބާކީ އޮތް ހަތަރު ހެކްޓަރު ހިއްކުމަށްފަހު، މާޗް މަހުގެ ނިޔަލަށް މަޝްރޫޢު ނިންމާ، މިމަސައްކަތުގެ ކޮންޓްރެކްޓަރުކަމުގައިވާ އެމް.ޓީ.ސީ.ސީއާ ޙަވާލުކުރެވޭނެ ކަމަށެވެ. 

އަސަދުﷲ ވިދާޅުވީ، ބިން ހިއްކުމުގެ މަސައްކަތް ލަސްވުމުގައި ގިނަ ކަންތައްތަކެއް ކުރިމަތިވިކަމަށެވެ. އެގޮތުން ބިން ހިއްކަން ހަމަޖެއްސި ސަރަޙައްދުން އެކަށީގެންވާ ވަރަށް ވެލި ނުލިބުމުގެ މައްސަލައާއި، އިތުރު ޑްރެޖަރެއް ރާއްޖެ ގެނެސް މަސައްކަތް ކުރަންޖެހުން، މިއީ މި މަސައްކަތް ލަސްވުމަށް ދިމާވި ސަބަބުތައްކަމަށް އެކުންފުނިން ބުނެއެވެ. 

ދިމާވި އެކި ކަންތައްތަކަށް ފަހުވެސް، ބިން ހިއްކުމުގެ މަޝްރޫޢު އަންނަ މަހުގެ ނިޔަލަށް ނިންމާލުމުގައި މުލީގެ ރައްޔިތުންގެ ފަރާތުން ލިބިގެންދިޔަ އެއްބާރުލުން ސަބް ކޮންޓްރެކްޓަރ ފާހަގަކުރެއެވެ. 

މުލީ ބިން ހިއްކުމުގެ މަޝްރޫޢަކީ، އެ ރަށުގައި ބިމުގެ ދަތިކަން ކުރިމަތިވެ، ރަށަށް އިތުރު ބިން ބޭނުންވާތީ، ސަރުކާރުން ކުރިއަށްގެންދެވި މަޝްރޫޢެކެވެ. މަޝްރޫއު ފަށާފައިވަނީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. މިހާރު އެރަށުގެ ބޮޑު މިނަކީ 40 ހެކްޓަރު ނަމަވެސް، ބިން ހިއްކާ ނިމޭއިރު، ރަށުގެ ބޮޑުމިން 80 ހެކްޓަރަށް އިތުރުވާނެއެވެ. މި މަޝްރޫޢުގެ ސަބަބުން، 1000 މީހުންގެ އާބާދީއެއް ދިރިއުޅޭ މުލީގެ ބިމުގެ ދަތިކަމަށް ދާޢިމީ ޙައްލެއް ލިބިގެންދާނެއެވެ. އަދި އަލަށް އިތުރުވާ ބިމުގައި ކުރެވޭ އެކި އެކި މަސައްކަތްތަކުން، އިގްތިޞާދީގޮތުންވެސް ރަށަށް ފައިދާތަކެއް ލިބޭނެކަމަށް މުލީ ކައުންސިލުން ވިދާޅުވެއެވެ.