ޚަބަރު

ޔޫތް ކެރިއަރ އެކްސްޕޯ މާދަމާ ބާއްވަނީ


އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީން ބާއްވާ "ޔޫތް ކެރިއަރ އެކްސްޕޯ 2017" މާދަމާ އޮންނާނެއެވެ.

މި ފެއަރ ކުރިއަށްދާނީ ހުޅުމާލޭ ރެހެންދި ސްކޫލްގައި މާދަމާ ހެނދުނު 10:15 ން ފެށިގެން ރޭގަނޑު 22:30 އަކަށެވެ. މިއީ ހުޅުމާލޭގައި މިފަދަގޮތަކަށް ކުރިއަށްގެންދާ ފުރަތަމަ ފެއަރއެވެ. އެޗް.ޑީ.ސީއިން ބުނިގޮތުގައި މިފަދަ ފެއަރއެއް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ، ހުޅުމާލޭގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި ގުޅޭ މަޢުލޫމާތު ޒުވާނުންނާއި ޙިއްޞާކޮށް، ވަޒީފާގެ ފުރުޞަތުތައް ހޯދުމަށް މަގުފަހިކޮށްދިނުން ކަމުގައެވެ. އެގޮތުން ހުޅުމާލޭގައި މިވަގުތު ޙަރަކާތްތެރިވަމުންދާ އެކި މުއައްސަސާތަކާއި، ސަރުކާރުން ޙިއްޞާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތައް ހިމެނޭހެން ޖުމްލަ 15 ފަރާތުން މި ފެއަރގައި ބައިވެރިވެފައިވާ ކަމަށް އެޗް.ޑީ.ސީއިން ބުނެއެވެ.

މި ފެއަރ ކުރިއަށްދާ ވަގުތު، އެކުންފުނިތަކުގައި ހުރި ވަޒީފާގެ ފުރުޞަތުތަކަކީ ކޮބައިކަން ޒުވާނުންނަށާއި، ފެއަރއަށް ޒިޔާރާތްކުރާ މީހުންނަށް އަންގައިދީ، އެ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުޞަތުވެސް ލިބިގެންދާނެ ކަމަށާއި، އިންޓަރވިއު ކުރުމުގެ ފުރުޞަތުވެސް އެފަރާތްތަކަށް ލިބިގެންދާނެ ކަމަށް އެޗް.ޑީ.ސީއިން މަޢުލޫމާތުދެއެވެ.

މިއީ ޢާއްމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ ފެއަރއެއްކަމުން، ވަޒީފާ ބޭނުންވެފައި ތިބި ޒުވާނުން މި ފުރުޞަތުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމަށް އެޗް.ޑީ.ސީއިން ވަނީ އިލްތިމާސްކޮށްފައެވެ.