މުނިފޫހިފިލުވުން

ޕިއާނޯ ރައުންޑް މިރޭ... އެސް.އެމް.އެސް ކުރަން ތައްޔާރުތަ؟


ހަފްތާ ބަންދާއި ދިމާކޮށް، ޝައުގުވެރިކަމާއެކު އެންމެ ގިނަ ބަޔަކު މިހާރު އިންތިޒާރުކުރާ އެއް ޝޯވއަކީ މޯލްޑިވިއަން އައިޑަލެވެ. 

އައިޑަލް ސީޒަން ދޭއްގެ ޝޯވތައް މިދިޔަ ޖެނުއަރީމަހުގެ 27 ވަނަ ދުވަހުން ފެށިގެން ޓީވީއެމުން ދައްކަން ފަށާފައިވާއިރު، ގިނަ ބައެއްގެ ސަމާލުކަން މި ޝޯވއަށް އަންނަނީ ލިބެމުންނެވެ. އޮޑިޝަންތަކަށްފަހު، ގަދަ 16 ހޮވުމަށް ގޯލްޑަން ޓިކެޓް ލިބުނު ބައިވެރިންނާއެކު ބޭއްވި ތިއޭޓަރ ރައުންޑުގެ ޝޯވތަކަށް އާއްމުންގެ ފަރާތުން ހީނުކުރާވަރުގެ ބޮޑު ތަރުހީބެއް ލިބިގެންދިޔަކަން އައިޑަލްގެ ޕްރޮޑަކްޝަން ޓީމުން ފާހަގަކުރެއެވެ.

44 ބައިވެރިންނާއެކު ފެށި ތިއޭޓަރ ރައުންޑްގެ ފުރަތަމަ ބުރުން ފުރޭނިގެން އައި 24 ބައިވެރިންގެ މެދުގައި ބޭއްވި ތިއޭޓަރ ރައުންޑުގެ 2 ވަނަ ބުރު ވެފައިވަނީ ހިތްގައިމު ހުށައެޅުންތަކަކާއެކު ބައިވެރިންގެ ފަރާތުންވެސް ވާދަވެރިކަމުގެ ކުލަވަރުތައް ފެނިގެންދިޔަ ބުރަކަށެވެ. ގަދަ 16 ގައި ހިމެނުމަށް މިއިން ކޮންމެ ބައިވެރިއަކުވެސް ކޮށްފައިވާ މަސައްކަތް އެމީހުންގެ ހުށައެޅުންތަކުން ދައްކުވައިދީފައިވެއެވެ. މިއާއެކު ޖަޖުންނަށްވެސް ތިއޭޓަރ ރައުންޑްގެ ތެރެއިން އެމީހުންގެ ނިންމުންތައް ނިންމުމަށް ބޮޑެތި ޗެލެންޖުތަކެއް ކުރިމަތި ކުރުވިކަން ޖަޖުންގެ ވާހަކައިންވެސް އެނގިގެންދިޔައެވެ. މިއިން ކޮންމެ ބައިވެރިއަކަށްވެސް ޖަޖުންގެ ފަރާތުން ރަނގަޅު ކޮމެންޓްތަކެއް ލިބިގެންދިޔައިރު، ސޯޝަލް މީޑިއާއާއި އެހެނިހެން ޕްލެޓްފޯމްތަކުގައި މިބައިވެރިންނަށް އެތައް ބަޔަކު ދިޔައީ ތަޢުރީފު ކުރަމުންނެވެ. 

ތިއޭޓަރ ރައުންޑުގެ ތެރެއިން ބައެއް ބައިވެރިންގެ މޫނުމަތިން އުފާވެރިކަމާއި ހިތްހަމަޖެހުމުގެ ކުލަވަރުތައް ފެނިގެންދިޔައިރު، އަނެއްބައި ބައިވެރިންގެ ކިބައިން ހިތްހަމަނުޖެހުމާއި، ހިތާމަވެރިކަމުގެ ކުލަވަރުތައްވެސް ފެނިގެންދިޔައެވެ.

ތިއޭޓަރ ރައުންޑާއެކު އައިޑަލްގެ ޕްރޮޑަކްޝަން ޓީމަށް ލިބިގެންދިޔަ އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ، ރާއްޖޭގެ ގުދުރަތީ މުއްސަނދިކަން އިންޓަރނޭޝަނަލް ޕްލެޓްފޯމެއްގައި ދައްކާލުމަށް ކުރި މަސައްކަތް، އާއްމުންގެ އެތައް ބަޔަކު އުފަލާއެކު ބަލައިގެންކަމެވެ. އއ. މަތިވެރީގެ އިތުރުން އެރަށް ކައިރީގައި އޮންނަ ފިނޮޅެއްގައި ތިއޭޓަރ ރައުންޑް ޝޫޓްކޮށްފައިވާއިރު، ޝޯވގެ ކޮލެޓީ ހިފެހެއްޓުމަށް މުޅި ޓީމުންވެސް ބުރަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.

ކޮންމެއަކަސް މި 24 ބައިވެރިންގެ ތެރެއިން 8 ބައިވެރިއަކު ޝޯވއިން ވަކިވެފައިވާއިރު، ގަދަ 16 އަށް ދަތުރުކުރި ބައިވެރިންނާއެކު ބާއްވާ ޕިއާނޯ ރައުންޑްގެ ޝޯވތައް މިރޭ 22:30 ގައި ޓީ.ވީ.އެމުން ދައްކާނެއެވެ. މިރޭގެ ޝޯވގައި ފެނިގެންދާނީ މި 16 ބައިވެރިންގެ ތެރެއިން 8 ބައިވެރިއެއްގެ ހުށައެޅުންތަކެވެ. އަދި މާދަމާ ރޭ އޮންނާނީ އެލިމިނޭޝަން ނައިޓެވެ. މާދަމާ ރޭގެ ޝޯވއިން 2 ބައިވެރިއަކު ވަކިވާއިރު، އެލިމިނޭޝަން ނައިޓް ޓީ.ވީ.އެމުން ގެނެސްދޭނީ ވަގުތުންނެވެ. 

ޕީއާނޯ ރައުންޑާއެކު އައިޑަލްގެ ފޯރި ކުރިއަށްވުރެ ގަދަ ވާނެކަމަށް ބެލޭވިރު، މިރޭގެ ޝޯވއިން ފެނިގެންދާނެ އެންމެ ތަފާތު އެއްކަމަކީ، އައިޑަލްގެ ކުރިއަށްހުރި ޝޯވތަކަށް ދަތުރުކުރާނެ ބައިވެރިން ކަނޑައެޅުމުގައި ޖަޖުންގެ އިތުރުން، ބެލުންތެރިންނަށްވެސް އެ ފުރުޞަތު ލިބިގެންދާކަމެވެ. އެގޮތުން މިރޭގެ ޝޯވގައި ލަވަ ހުށައަޅައިދޭ 8 ބައިވެރިންގެ ތެރެއިން ބެލުންތެރިނަށް އެންމެ ކަމުދާ ބައިވެރިއަކު ހޮވުމަށް އެސް.އެމް.އެސް ކުރުމުގެ ފުރުޞަތު ޝޯވ ދައްކާ ވަގުތުން ފެށިގެން މާދަމާ މެންދުރުފަހު ތިނެއް ޖެހުމާއި ހަމައަށް ހުޅުވާލެވޭނެއެވެ. ވޯޓުލުމަށްޓަކާ، MI ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކުރައްވާ، އެ ބައިވެރިއަކަށް ދީފައިވާ ކޯޑު ޖެއްސެވުމަށްފަހު 303 އަކަށް އެސް.އެމް.އެސް ކުރެވޭނެއެވެ. މިއިން ކޮންމެ އެސް.އެމް.އެސްއަކަށް 3 ރުފިޔާ ޗާޖުކުރާނެއެވެ. އަދި ކޮންމެ ނަންބަރަކުންވެސް އެންމެ ގިނަވެގެން ފޮނުވޭނީ 50 އެސް.އެމް.އެސްއެވެ. ބެލުންތެރިން މި ޝޯވއަށް ފޮނުވާ ވޯޓުގެ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ކްރޯވް ހޮވަތް އެލް.އެލް.ޕީ އޮޑިޓް ފަރމާއެވެ.

މޯލްޑިވިއަން އައިޑަލްގެ ގަދަ 16 ކަށަވަރުވުމާއެކު، ބައިވެރިންނަށް ސަޕޯޓް ކުރުމުގެ ކަންކަންވެސް ފޯރިއާއެކު ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ. ތަފާތު ނަންނަމުގައި ފޭސްބުކް ޕޭޖްތަކާއި، ހޭޝްޓެގްތައް ބޭނުންކޮށްގެން ގަދަ 16 ޕްރޮމޯޓް ކުރުމުގެ މަސައްކަތް ސޯޝަލް މީޑިއާގައި ކުރަމުންދާއިރު، އެންމެންވެސް މިހާރު ކެތްމަދުވެފައިތިބީ މި 16 ބައިވެރިންގެ ފޯރިގަދަ ހުށައެޅުންތަކަށެވެ.