ވިޔަފާރި

ދިރާގުން ޑިވިޑެންޑުގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބަހަނީ


ދިރާގުގެ 2016 ވަނަ އަހަރުގެ ޑިވިޑެންޑުގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުގެ ބޯޑުން ހުށަހަޅައިފިއެވެ. 

ދިރާގުން ބުނީ އެއް ބިލިއަން ނުވަދިހަ ދެ މިލިއަން އެއްލައްކަ ވިހި ހާސް ރުފިޔާ އަހަރުގެ ޖުމްލަ ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ހިއްސާދާރުންނަށް ހުށަހެޅުމަށް ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާކަމަށެވެ. މިއީ މިދިޔަ އަހަރު ދިރާގުން ހިއްސާދާރުންނަށް ޑިވިޑެންޑުގެ ގޮތުގައި ބެހި އަދަދަށްވުރެ 51 އިންސައްތަ އިތުރު ޢަދަދެކެވެ. މިގޮތަށް ނިންމާފައިވަނީ މިމަހުގެ 13 ވަނަ ދުވަހު ބަހުރެއިންގައި އެކުންފުނީގެ ބޯޑުން ބޭއްވި 92 ވަނަ ބައްދަލުވުމުގައެވެ. އެގޮތުން ވިޔަފާރި ފައިދާއިން ހިއްސާއަކަށް މިހާރު ޖެހެނީ 14.37 ރުފިޔާއެވެ.  

ދިރާގުން ވަނީ މިދިޔަ އަހަރުގެ ފުރަތަމަ ޑިވިޑެންޑުގެ ގޮތުގައި ފަސް ރުފިޔާ ނުވަދިހަ ދެލާރި ބަހާފައެވެ. އެހެންކަމުން ދެހާސް ސޯޅަވަނަ އަހަރުގެ ހާއްސަ ފައިނަލް ޑިވިޑެންޑުގެ ގޮތުގައި ބެހުމަށް ހިއްސާދާރުންނަށް ހުށަހަޅަން ބޯޑުން ފާސްކޮށްފައިވަނީ އަށް ރުފިޔާ ސާޅީސް ފަސް ލާރިއެވެ. 

ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ ދިރާގުގެ މިކާމިޔާބީގެ އަސްލަކީ ކުންފުނީގެ ކަސްޓަމަރުން ކުންފުންޏަށް ކުރާ އިތުބާރާއި ހިއްސާދާރުންގެ މެދުގައި ކުންފުންޏަށް އޮންނަ ޔަގީންކަމާއި ކުންފުނީގެ މުވައްޒަފުންގެ ބުރަ މަސައްކަތްކަމުގައެވެ.

ދެހާސް ސޯޅަވަނަ އަހަރުގެ ފައިނަލް ޑިވިޑެންޑުގެ ގޮތުގައި އަހަރީ އާންމު ޖަލްސާގައި ފާސްކުރާ ފައިދާ ބަހަން ހަމަޖެހިފައިވަނީ ދިރާގުގެ އަހަރީ އާންމު ޖަލްސާއަށް އިއުލާންކުރެވޭ ބުކް ކްލޯޝަރ ޑޭޓްގައި ކުންފުނީގެ ރަޖިސްޓްރީގައި ލިސްޓްކޮށްފައިވާ ކުންފުނިތަކަށެވެ.