ތަރައްްޤީ

އަމީނިއްޔާ ސްކޫލުގައި ފަޔަރ ޑްރިލްއެއް ކުރިއަށް ގެންދަވައިފި


އަލިފާނުގެ ޙާދިސާއެއް ހިނގައިފިނަމަ ޢަމަލުކުރަންވީ ގޮތްތަކަށް، ދަރިވަރުންނާއި މުދައްރިސުން އަހުލުވެރިކުރުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން އަމީނިއްޔާ ސްކޫލްގައި ޑްރިލްއެއް ކުރިއަށް ގެންދަވައިފިއެވެ.

މިއީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި އެމްއެންޑީއެފް ގުޅިވަޑައިގެން ރާއްޖޭގެ ހުރިހައި ސްކޫލެއްގައި ކުރިއަށް ގެންދަވަން ހަމަޖެހިފައިވާ ޑްރިލްއެއް ކަމަށް އެމްއެންޑީއެފުން ހާމަކުރައްވައެވެ. އަދި މިއީ މިއަހަރު ބާއްވަވާ ފުރަތަމަ ޑްރިލްކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ކުއްލި ޙާލަތެއް މެދުވެރިވާ ވަގުތު ރައްކާތެރިތަނަކަށް މީހުން ބަދަލުކުރާނެ ގޮތްތަކާއި ފަސްޓެއިޑްގެ ޢަމަލީ ތަމްރީން މި ޑްރިލްގައި ދެއްވާފައިވެއެވެ. އަމީނިއްޔާ ސްކޫލުގެ މިއަދު ހެނދުނު ދަންފަޅީގެ 1087 ދަރިވަރުންނާއި މުދައްރިސުން މި ޑްރިލްގައި ބައިވެރިކުރައްވާފައިވެއެވެ. އަދި މެންދުރު ފަހުގެ ދަންފަޅީގައިވެސް މިޑްރިލް ކުރިއަށް ގެންދަވާނެ ކަމަށް އެ ސްކޫލް ވިދާޅުވެއެވެ.

img:http://s4.psmnews.mv/images/660x400/14872405448484.jpg|އަމީނިއްޔާ ސްކޫލުގައި ކުރިއަށްގެންދިޔަ ފަޔަރ ޑްރިލްގެ ތެރެއިން- ފޮޓޯ: އަމީނިއްޔާ ސްކޫލް

ޕީއެސްއެމްއަށް މަޢުލޫމާތު ދެއްވަމުން އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލް ނާޒްލީން ވާފިރު ވިދާޅުވީ މިފަދަ ކަންކަމަށް ސްކޫލްގެ މުދައްރިސުންނާއި ދަރިވަރުން ހޭލުންތެރިވެފައިވާ މިންވަރު މި ޑްރިލްގެ ސަބަބުން ދަނެގެނެވުނު ކަމަށެވެ.

"އަމީނިއްޔާ ސްކޫލުގައި ބޭއްވިގެން މިދިޔަ ފަޔަރ އިވެލުއޭޝަން ޑްރިލްއަކީ ވަރަށް ބޭނުންތެރި ވަރަށް ފައިދާހުރި، ދަރިވަރުންނާއި މުދައްރިސުން ވަރަށް ގިނަ ކަންތައްތަކަށް ލޯ ހުޅުވިގެންދިޔަ ޙަރަކާތެއްގެ ގޮތުަގއި އަޅުގަނޑުމެން ފާހަގަކުރަނީ. ކުއްލި ޙާލަތެއ ދިމާވާއިރު އަމަލުކުރަންޖެހޭ ގޮތާއި މެދު ހުރިހާ ކުދިންނާއި މުވައްޒަފުން ލޯ ހުޅުވުމުގެ ފުރުޞަތު ބޮޑުވެގެންދޭ." ނާޒްލީން ވާފިރު ވިދާޅުވިއެވެ.

މި ޑްރިލްގައި މޯލްޑިވްސް ޕޮލިސް ސާރވިސްއާއި ދިވެހި ރެޑްކެރެސެންޓްވެސް ޙަރަކާތްތެރިވެވަޑައިގެންނެވިއެވެ. އަދި މިއަހަރުގެ ތެރޭގައި ރާއްޖޭގެ އެހެން ސްކޫލްތަކުގައިވެސް މި ޑްރިލް ކުރިއަށް ގެންދަވާނެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.