ޚަބަރު

މައްސަލަތައް ތަޙްޤީޤު ކުރުމަށް އޭސީސީގެ ޓީމްތައް އަތޮޅުތަކަށް


އޭސީސީއަށް ހުށައެޅިފައިވާ ބައެއް މައްސަލަތައް ތަޙްޤީޤު ކުރެއްވުމަށްޓަކައި އެކޮމިޝަންގެ ތަޙްޤީޤު ޓީމްތައް އަތޮޅުތަކުގައި ހަރަކާތްތެރިވާން ފަށްޓަވައިފިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން ވިދާޅުވީ އެކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން، އަތޮޅުތަކަށް ދަތުރުކޮށްގެން ތަޙްޤީޤުކުރައްވައި ބައްލަވަންޖެހޭ މައްސަލަތައް ތަޙްޤީޤު ކުރެއްވުމަށްޓަކައި، މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން އެ ކޮމިޝަންގެ ތަޙުޤީޤު ކުރާ 3 ޓީމެއް 4 އަތޮޅެއްގައި ޙަރަކާތްތެރިވަމުންގެންދާ ކަމަށެވެ. އެގޮތުން އެ ޓީމުތަކުން މަސައްކަތް ކުރާނީ ފ.އަތޮޅާއި، އއ.އަތޮޅާއި، އދ.އަތޮޅު އަދި ގއ.އަތޮޅުގައި ކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ.

މި ދަތުރުތަކުގައި ކޮމިޝަނުގެ 12 އިންވެސްޓިގޭޓަރުން ބައިވެރިވާ ކަމަށާއި، މިދަތުރުތަކުގައި 4 އަތޮޅަކުން 67 މައްސަލައެއް ތަޙްޤީޤު ކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އޭސީސީން ވިދާޅުވެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އައްޑޫސިޓީގައި އެކޮމިޝަންގެ ސަދަން ރީޖަނަލް އޮފީސް ޤާއިމުކުރައްވާފައެވެ. އަދި އެކޮމިޝަންގެ މަސައްކަތްތައް އިތުރަށް ފުޅާކުރެއްވުމުގެ ގޮތުން ރާއްޖޭގެ އިތުރު ސަރަޙައްދުތަކުގައި ރީޖަނަލް އޮފީސްތައް ޤާއިމުކުރެއްވުމުގެ މަސައްކަތް ގެންދަވަނީ ކުރައްވަމުންނެވެ.