ޚަބަރު

ކަނޑޫދޫގައި ޤުރުއާން ކިޔަވަން ދަސްކޮށްދޭ ކްލާސްތަކެއް ފަށައިފި


އެސޯސިއޭޝަން ފޮރ ކަނޑޫދޫ ޑިވަލޮޕްމެންޓުން އިންނަގައިގެން ކަނޑޫދޫގައި ޤުރުއާން ކިޔަވަން ދަސްކޮށްދޭ ކްލާސްތަކެއް ފަށައިފިއެވެ.

އެ ޖަމްޢިއްޔާއިން ބުނިގޮތުގައި 1 މަސްދުވަހުގެ މި ކްލާސްތަކަކީ ކީރިތި ޤުރުއާނަށް ލޯބި ޖައްސައި، ތަޖުވީދުމަގަށް ކީރިތިޤުރުއާން ކިޔެވުމަށް ބާރުއެޅުމަށް ހިންގާ ކްލާސްތަކެކެވެ. މި ކްލާސްތަކުގައި 38 ދަރިވަރުންނާއި، 40 ބެލެނިވެރިން ބައިވެރިވެފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

މި ކްލާސްތަކުގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަވީރާއި ރޭގަނޑު 4 ބަޔަކަށް ބަހާލައިގެންނެވެ. މި ކްލާސްތަކުގައި ކިޔަވާދޭނީ ޤާރީކޯސް ފުރިހަމަކުރައްވާފައިވާ ޤާރީންކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.

މި ކްލާސްތައް ނިމުމުން، ބައިވެރިންގެ މެދުގައި ޤުރުއާން މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެސޯސިއޭޝަން ފޯރ ކަނޑޫދޫ ޑިވަލޮޕްމެންޓުން ހާމަކުރެއެވެ.