ޚަބަރު

ސިނގިރޭޓުން ޑިއުޓީ ނެގުމާ ގުޅޭ ގޮތުން ތިން އިދާރާއެއް ކޮމެޓީއަށް!


ސިނގިރޭޓާއި އެނަރޖީ ޑްރިންކުން ޑިއުޓީ ބޮޑު ކުރުމަށް އިމްޕޯޓް އެކްސްޕޯޓްގެ ޤާނޫނަށް ސަރުކާރުން ހުށަހެޅުއްވި އިޞްލާހް ދިރާސާ ކުރައްވާ އިޤްތިޞާދީ ކޮމެޓީއަށް ސަރުކާރުގެ ތިން އިދާރާއެއް ގެންނެވުމަށް ކޮމެޓީން ނިންމަވައިފިއެވެ. 

މިއަދު ބޭއްވި އިޤްތިޞާދީ ކޮމެޓީގެ ބައްދަލުވުމުގައި ކޮމެޓީއަށް ގެންނެވުމަށް ނިންމެވީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސާއި ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ އަދި ޓޮބައިކޯ ކޮންޓްރޯލް ބޯޑެވެ. ސަރުކާރުގެ ފަރާތުން މަޖިލީހަށް މި އިޞްލާހް ހުށަހެޅުއްވީ ކުޑަހުވަދޫ ދާއިރާގެ މެމްބަރ އަޙްމަދު އާމިރެވެ. އޭނާ ހުށަހެޅުއްވި އިޞްލާހް ދިރާސާ ކުރެއްވުމަށް ބޭއްވި އިޤްތިޞާދީ ކޮމެޓީގެ ބައްދަލުވުމުގައި، ކޮމެޓީގެ މެމްބަރުން ވަނީ ބިލުގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިންމުމަށް ފާސްކުރައްވާފައެވެ. މި ނިންމުން ފާސް ކުރެއްވުމަށް ކޮމެޓީއަށް ހާޒިރުވެވަޑައިގެންނެވި ސަރުކާރު ތިން މެމްބަރުން ވޯޓު ދެއްވި ނަމަވެސް އެ ނިންމުމާ ދެކޮޅަށް އިދިކޮޅު ތިން މެމްބަރުން ވޯޓު ދެއްވަވާފައިވެއެވެ. އެހެންކަމުން ދެ ފަރާތުގެ ވޯޓު އެއްވަރުވުމުން މި މަހުގެ ނިޔަލަށް ބިލުގެ މަސައްކަތް ނިންމެވުމަށް ފާސްވީ ކޮމެޓީގެ ރިޔާސަތުގައި އިންނެވި ދަނގެތި ދާއިރާގެ މެމްބަރ އިލްޙާމް އަޙްމަދުގެ ވޯޓާއި އެކުގައެވެ.ބިލުގެ މަސައްކަތް ކުރިއަށް ދިޔައިރު ކޮމެޓީގައި ތިއްބެވި ދެ ޕާޓީގެ މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވުންތަކެއް ދިޔަ ނަމަވެސް ކޮމެޓީ ނިންމާލެއްވީ ދެފަރާތުންވެސް ކޮމެޓީއަށް ގެންނަން ބޭނުންވި އިދާރާތައް ފާސްކުރެއްވުމަށްފަހުއެެވެ. މި އިޞްލާހް ފާސްވެއްޖެނަމަ ސިނގިރޭޓުން ނަންގަވާ އިމްޕޯޓް ޑިއުޓީ ބޮޑުކުރައްވައިގެން، 200 މިލިއަން ރުފިޔާ އިތުރަށް ލިބޭނެ ކަމަށް ދައުލަތުން ވަނީ ލަފާކުރައްވާފައެވެ. ފިޒީ ޑްރިންކްސްއަށް ނަންގަވާ އިމްޕޯޓް ޑިއުޓީ ބޮޑުކުރައްވައިގެން 9 މިލިއަން ރުފިޔާ އިތުރަށް ލިބޭނެ ކަމަށް ވެސް ދައުލަތުން ލަފާކުރައްވައެވެ.