ޚަބަރު

އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް ހަވާލުކުރި ގޮތް ބަލަނީ!


އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ހަވާލުކުރެއްވި މައްސަލަ ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ދިރާސާ ކުރައްވަން ފަށްޓަވައިފިއެވެ.

މި ކޮމެޓީން އެ މައްސަލަ ދިރާސާ ކުރައްވަން ފެއްޓެވީ ޢާންމު މީހަކު ކޮމެޓީއަށް ފޮނުވި ސިޓީއަކާ ގުޅިގެން ކަމަށް ކޮމެޓީގެ މުޤައްރިރު ކޮމެޓީގެ ބައްދަލުވުމުގައި ވިދާޅުވިއެވެ. މި މައްސަލަ ދިރާސާ ކުރެއްވުމުގެ ގޮތުން މާލިއްޔަތު ކޮމެޓީން ވަނީ މައްސަލައާ ގުޅުންހުރި އިދާރާތަކުން މަޢުލޫމާތުތައް އެއްކުރައްވައި ކޮމެޓީއަށް ގެންނަވާފައެވެ.

މި މައްސަލަ ދިރާސާ ކުރެއްވުމުގެ ގޮތުން މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ވިދާޅުވީ، މި މައްސަލަ އިތުރަށް ކޮމެޓީން ދިރާސާ ކުރެއްވުމުގެ ބަދަލުގައި، ލިބިފައިވާ މަޢުލޫމާތުތަކާއި އެކު އޮޑިޓަރ ޖެނެރަލް އޮފީހަށް މައްސަލަ ދިރާސާ ކުރެއްވުމަށް ފޮނުވުމަށް ހުށަހަޅުއްވާ ކަމަށެވެ. ނުވަތަ ކުޑަ ކޮމެޓީއެއް ނެންގެވުމަށްފަހު މި މައްސަލަ ދިރާސާ ކުރެއްވުމަށް ކުޑަ ކޮމެޓީއަކާ ހަވާލުކުރެއްވުމަށް ފެނިވަޑައިގަންނަވާ ކަމަށް ވެސް ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން މިއަދުގެ ކޮމެޓީގައި ވަނީ ވިދާޅުވެފައެވެ.

އިދިކޮޅު ބައެއް މެމްބަރުން ވިދާޅުވީ، އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް ހެދުމަށް ކޮންޓްރެކްޓަރއާ ޙަވާލުކޮށްފައި ވަނީ އެކަށިގެންވާ އަގެއްގައިތޯ ބެލުމަށް ބޭނުންވާ ކަމަށެވެ. އަދި މި މަސައްކަތަކީ ކޮންޓެރެކްޓަރ ފައިނޭންސް އުޞޫލުން ހިނގަމުންދާ ޕްރޮޖެކްޓެއް ގޮތުގައި ނުބެލެވޭނެ ކަމަށް ވެސް އިދިކޮޅު ބައެއް މެމްބަރުންގެ ވާހަކަފުޅުގައި ތުހުމަތު ކުރައްވާފައިވެއެވެ.