ޚަބަރު

ސީއެސްސީގެ މެމްބަރުކަމަށް ޝަހީޤް ޢައްޔަންކުރަން ރުހުން ދެއްވައިފި


ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ބ.ގޮއިދޫ، ސޯސަންގެ އިބްރާހީމް ޝަހީޤް ޢައްޔަންކުރައްވަން ރައްޔިތުން މަޖިލީހުން ރުހުންދެއްވައިފިއެވެ.  

އޭނާ އެ މަޤާމަށް އައްޔަން ކުރައްވަން ފެނިވަޑައިގަންނަވާކަމަށް 49 މެމްބަރަކު ވޯޓު ދެއްވިއިރު އޭނާ އެ މަޤާމަށް އައްޔަން ކުރައްވަން ފެނިވަޑައިނުގަންނަވާ ކަމަށް 23 މެމްބަރަކު ވޯޓު ދެއްވިއެވެ.

ސީއެސްސީ ހުސްވެފައިވާ މަޤާމަށް ކުރިމަތިލެއްވި 8 ބޭފުޅުންގެ ތެރެއިން ކޮމެޓީ މަރުހަލާގައި އެންމެ މަތިން މާކްސް ލިބިވަޑައިގަތީ އިބްރާހީމް ޝަހީޤްއަށެވެ. މާކްސް ދިނުމުގައި ކޮމެޓީ މަރުހަލާއިން ބައްލަވާފައިވަނީ ތައުލީމާއި ތަޖުރިބާއާއި ނަޒާހަތްތެރިކަމަށެވެ.

ސީއެސްސީގެ މެމްބަރުކަމުގެ މަޤާމަށް ބޭފުޅަކު އައްޔަންކުރަން މަޖިލީހުން ބޭފުޅަކަށް ރުހުން ދެއްވާފައި މިވަނީ ސީއެސްސީގެ މެމްބަރުކަމުގެ މަޤާމުގައި ހުންނެވި ބޭފުޅަކު އެހެން މަޤާމަކަށް ހަމަޖެއްސެވުމާ ގުޅިގެން، ސީއެސްސީގެ މެމްބަރުކަމުގެ މަޤާމު ހުސްވުމުންނެވެ.