ޚަބަރު

ކައުންސިލް އިންތިޚާބުގެ ޕީޕީއެމް ކެމްޕެއިން ފަށައިފި


ލޯކަލް ކައުންސިލް އިންތިޚާބުގެ ޕީޕީއެމް ކެމްޕެއިން ރަސްމީކޮށް ފަށައިފިއެވެ.

މި ކެމްޕެއިން ރަސްމީކޮށް ފެށީ "ހޭވައްލާ"ގެ ނަމުގައި މިރޭ ކާނިވާ ސަރަޙައްދުގައި ކުރިއަށް ގެންދާ ޖަލްސާގައެވެ. މިރޭގެ ޖަލްސާގައި ޕީޕީއެމްގެ މުސްތަޝާރު އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ބައިވެރިވެވަޑައިގަތެވެ.

މިރޭގެ ޖަލްސާގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކާއި، މުހިންމު ޚިދުމަތްތަކުގެމައްޗަށް އަލިއަޅުވާލައްވާފައިވެއެވެ. އެގޮތުން އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވަނީ އޯގާތެރި މުޖުތަމަޢެެއް ބިނާކުރެއްވުމަށާއި، ރާއްޖެއަކީ މިސަރަޙައްދުގައި އޮތް އެންމެ ތަހުޒީބު ޤައުމުކަމަށް ހައްދަވަންކަމަށް ވިދާޅުވިއެވެ. އަދި އިޖުތިމާޢީ ހަމަޖެހުމާއި، ފަރުދުންގެ ދުޅަހެޔޮކަމައި ފުދުންތެރިކަމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ މައްޗަށް ވެސް ރައީސް ބައްލަވާލެއްވިއެވެ.

img:http://s2.psmnews.mv/images/660x400/14872682505102.jpg|މިރޭގެ ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ޕީއެސްއެމް

މިރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޕީޕީއެމްގެ ނާއިބުރައީސް، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބް ޕީޕީއެމް އިން ކާމިޔާބު ކުރަން ޖެހޭނީ ގައުމީ މަސައްކަތެއްގެ ގޮތުގައިކަމަށެވެ. އަދި މިއީ ޤައުމީ ޖިހާދެއްގެ ގޮތުގައި މިއިންތިޚާބު ޕީޕީއެމް އަށް ކާމިޔާބުކޮށްދިނުމަށް މަސައްކަތް ކުރުމަށް ޕީޕީއެމްގެ މެމްބަރުންނަށާއި، ދިވެހި ރައްޔިތުންނަށް ޢަބްދުއްރަހީމް ގޮވާލެއްވިއެވެ.

ޤައުމުގެ ތަރައްޤީ އާއި ޤައުމީ މަސްލަހަތަށްޓަކައި، މިފަހަރުގެ އިންތިޚާބުގައި ޕީޕީއެމްގެ ކެނޑިޑޭޓުންނަށް ވޯޓު ދިނުމަކީ މުހިންމުކަމެއްކަމަށް އަބްދުއްރަޙީމް ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14872683991207.jpg|މިރޭގެ ޖަލްސާގައި ޢަބްދުއްރަޙީމް ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ޕީއެސްއެމް

ޕީޕީއެމްގެ ޓިކެޓުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ބައެއް ކެނޑިޑޭޓުން ވެސް ވަނީ މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވާފައެވެ. އެބޭފުޅުންގެ ވާހަފުޅުތަކުގައިވަނީ ރައީސް ޔާމީންގެ ވެރިކަމުގެ ވޭތުވެދިޔަ 3 އަހަރުދުވަހު ޤައުމަށް ގެނެސްދެއްވި ތަރައްޤީގެ މައްޗަށް އަލިއަޅުއްވާފައެވެ. އަދި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އެބޭފުޅުންނަށް ކާމިޔާބު ވެއްޖެނަމަ މި ތަރައްޤީއަށް އަންނާނެ ކުރިއަރުން އިތުރުވެ ހަލުވި ވެގެންދާނެކަމަށް އެބޭފުޅުން ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ދައުލަތުގެ ވަޒީރުންނާއި ޕީޕީއެމްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.