ސިއްހަތު

ހުޅުމާލޭގައި މަދިރި ކޮންޓްރޯލްކުރުމުގެ ޕްރޮގްރާމެއް ފަށްޓައިފި


ހުޅުމާލޭގައި މަދިރި ކޮންޓްރޯލްކުރުމުގެ ޕްރޮގްރާމެއް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީއިން އިސްނަގައިގެން ހެލްތް ޕްރޮޓެކްޝަން އެޖޭންސީ، އެޗް.ޕީ.އޭއާއި ގުޅިގެން ފަށްޓައިފިއެވެ.

މި ޕްރޮގްރާމަކީ ހުޅުމާލޭގައި މަދިރި އާލާވުން އިތުރުވުމާއި ގުޅިގެން ހުޅުމާލޭގައި ދިރިއުޅޭ އަދި ޒިޔާރާތްކުރާ އާއްމު ރައްޔިތުންނަށް އެކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކާއި، އަދި ޞިއްޚީ ގޮތުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތް ކުރުމުގެ މަޤްސަދުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށް އެޗް.ޑީ.ސީއިން ބުނެއެވެ. އެގޮތުން އެންމެ ގިނައިން މަދިރިފަނި އާލާވެފައިވާ ތަންތަނަކީ ކޮބައިތޯ ބެލުމަށްފަހު، މިއަދު ހެނދުނުން ފެށިގެން މަދިރިފަނި އާލާވެފައިވާ 83 ތަނަކަށް ބޭސްޖެހުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެކުންފުނިން ބުނެއެވެ. މަދިރިފަނި އާލާވެ، މަދިރި އުފެދެން ދިމާވާ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި އެޗް.ޑީ.ސީއިން ފާހަގަކޮށްފައިވަނީ އިމާރާތް ކުރާ ތަންތަނުގެ ލިފްޓް ގޮޅިތަކުގައާއި، ވަޅުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ފެން ހަރުލާފައި ހުރުމެވެ. އަދި އިމާރާތްކުރާ ފަރާތްތަކުން އާއްމު ޞިއްޚީ ރައްކާތެރިކަން އިސްކުރައްވައި، މަދިރި އުފެދުން ހުއްޓުވުމަށް އެއްބާރުލުން ދިނުމުގެ ގޮތުން މިފަދަ ތަންތަނުގައި ފެން ހަރުނުލާނެފަދަ ގޮތަކަށް މަސައްކަތްތައް ރޭވުމަށް އެޗް.ޑީ.ސީއިން އިލްތިމާސްކުރެއެވެ.

ހުޅުމާލޭއިން މަދިރި ކޮންޓްރޯލްކުރުމަށްޓަކާ އެޗް.ޕީ.އޭއާއި ގުޅިގެން ސިލްސިލާގޮތެއްގައި މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުޅި ހުޅުމާލެ ސާފުކުރުމުގެ ޕްރޮގްރާމެއް އާއްމުންނާއި ކުންފުނިތަކާއި ގުޅިގެން ވަރަށް އަވަސް މުސްތަޤުބަލެއްގައި ފެށުމަށް ރާވާފައިވާކަމަށްވެސް އެޗް.ޑީ.ސީއިން ބުނެއެވެ.