ޚަބަރު

"ހީވާގި ކަނބަލުން" މަޢުރަޒުގައި ބައިވެރިވުމަށް އިތުރު ފުރުޞަތެއް


"ހީވާގި ކަނބަލުން" ގެނަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްގެ އިސްނެންގެވުމުގެ މަތިން ބާއްވަވާ މަސައްކަތްތެރިކަމުގެ މަޢުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު އިތުރުކުރައްވައިފިއެވެ.

މި މަޢުރަޒުގައި ބައިވެރިވުމުގެ މުއްދަތު މިއަދަށް ހަމަވިނަމަވެސް އެ މުއްދަތު މާދަމާގެ މެންދުރު 12 ޖެހުމާއި ހަމައަށް ވަނީ އިތުރުކޮށްފައެވެ. "ހީވާގި ކަނބަލުން" މަޢުރަޒުގައި އިސްކޮށް ޙަރަކާތްތެރިވާ އައިމިނަތު މާޝާ ވިދާޅުވީ، މި މަޢުރަޒުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރެއްވީ ގިނަބަޔަކު އެ މަޢުރަޒުގައި ބައިވެރިވުމަށް އަދިވެސް އެދެމުންދާތީ ކަމަށެވެ.

"ކުރީގައި އަޅުގަނޑުމެން އިޢުލާން ކުރެއްވީ މިމަހުގެ 10 ވަނަ ދުވަހުން މިރޭގެ 10:00އަށް. ނަމަވެސް ގިނަބަޔަކަށް ފުރުޞަތު ދިނުމުގެ ގޮތުން އަދި އޭގެއިތުރުން ރަށްރަށުން މަޢުރަޒުގައި ބައިވެރިކުރާ ތަކެތި އައުން ލަސްވާތީވެ މާދަމާގެ މެންދުރު 12:00އަށް އަޅުގަނޑުމެން މި މުއްދަތު އިތުރުކުރީ،" މާޝާ ވިދާޅުވިއެވެ.

މި މަޢުރަޒުގެ މަޤުޞަދަކީ ދިވެހި އަންހެން ކަނބަލުންގެ ހުނަރުވެރި މަސައްކަތްތައް އެއްތަނަކުން ފެންނާނެ އިންތިޒާމެއް ހަމަޖެއްސުމެވެ. މި މަޢުރަޒު ބޭއްވެވުމަށް ނިންމަވާފައިވަނީ މައިގަނޑު 4 ދާއިރާއަކުން، 21 ގިންތިއެއް ހިމަނުއްވައިގެންނެވެ. އެއީ ވަކިވަކި އަންހެން ކަނބަލުންގެ ދާއިރާއާއި އަންހެން ކޮމެޓީތަކުގެ ދާއިރާއާއި ކްލަބް ޖަމްޢިއްޔާތަކުގެ ދާއިރާއާއި ޚާއްޞަ އެހީއަށް ބޭނުންވާ އަންހެން ކަނބަލުންގެ ދާއިރާއެވެ.

މި 4 ދާއިރާއިން ބޭނުންވާ ކޮންމެ ދާއިރާއެއްގައިވެސް އަންހެން ކަނބަލުންގެ ހުނަރު ދައްކުވައިދޭ ކިތަންމެ ކުޑަ މަސައްކަތެއްވެސް ބައިވެރި ކުރެވިދާނެއެވެ.