ރިޕޯޓް

ފާރަގެމަ ސްކޮޑްގެ އޮޕަރޭޝަންތައް ކާމިޔާބު!


މަސްތުވާތަކެތި އަތުލައިގަތުމުގެ އޮޕަރޭޝަންތަކުގައި, ފާރަވެރިކަމަށް ކުއްތާ ނުވަތަ ފާރަގެމަ ބޭނުންކުރެއްވުމުގެ ހުއްދަ، ހޯމް މިނިސްޓްރީން ފުލުހުންނަށް ދެއްވާފައިވަނީ، 2015 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. 

އޭގެ ފަހުން މިވީ މުއްދަތުގެ ތެރޭގައި ފާރަގެމަ ނުވަތަ ކޭ-ނައިން ސްކޮޑް ބޭނުންކޮށްގެން ކާމިޔާބު އޮޕަރޭޝަންތަކެއް ހިންގަވާފައިވެއެވެ. ފާރަވެރިކަމަށް ބޭނުންކުރާ ކުއްތާތަކަށް ކޮންމެ ދުވަހަކުވެސް ޚާއްޞަ ތަމްރީނުތަކެއްދީ ރައްކާތެރިކަމާއެކު ބަލަހައްޓަވައެވެ. 

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވައި، ދިވެހި މުޖުތަމަޢު މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކުރެއްވުމަކީ ސަރުކާރުގެ ސިޔާސަތެކެވެ. މި ސިޔާސަތު ތަންފީޒުކުރެއްވުމަށް ވޭތުވެދިޔަ ތިންއަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ގެންދަވަނީ، ކަމާގުޅުން ހުރި މުވައްސަސާތައް މެދުވެރިކުރައްވައި އެތައް މަސައްކަތްތަކެއް ކުރައްވަމުންނެވެ. މީގެ އެންމެ މުހިއްމު ފިޔަވަޅެއްގެ ގޮތުގައި މަސްތުވާތަކެއްޗާ ދެކޮޅަށް މޯލްޑިވްސް ޕޮލިސްސަރވިސުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހަރުދަނާކުރައްވައި ފުޅާކުރުމަށް ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ބައެއްގެ ގޮތުގައި ވަނީ ފާރަގެމަ އެކުލަވާލައްވާފައެވެ. 

ފާރަގެމަ ބަލަހައްޓަވަމުން ގެންދަވަނީ ހުޅުލޭގައި ތައްޔާރުކުރައްވާފައިވާ ޚާއްޞަ ކެނަލްއެއްގައެވެ. ފާރަގެމައިގައި 16 ކުއްތާ ހިމެނެއެވެ. ކުއްތާ ބޭނުންކުރައްވައިގެން، މަސްތުވާތަކެތެއްކާ ދެކޮޅު އޮޕަރޭޝަންތައް ފުލުހުން ހިންގަވަނީ ތަފާތު ތިން ގޮތަކަށެވެ. 

އެއީ ޝައްކުކުރެވޭ މީހެއްގެ ގާތަށް ފާރައެއް ގެންގޮސްގެން ފާސްކުރުމާއި، ވެހިކަލެއް ނުވަތަ އުޅަނދަކުން މަސްތުވާތަކެތި ހޯދުމާއި، ތަނެއްގައި ވަޅުލާފައި ހުރިކަމަށް ބެލެވޭ މަސްތުވާތަކެތި ހޯދުމެވެ. މީގެތެރެއިން ކޮންމެ ފާސްކުރުމެއްގައި ބޭނުންކުރައްވަނީ އެޙާލަތާ ގުޅޭގޮތަށް ތަމްރީނުކުރެވިފައިވާ ވަކި ސައިޒެއްގެ ކުއްތާއެކެވެ. މީގެތެރެއިން ތަންތަނާއި، މީހުން ފާސްކުރުމަށް އެންމެ ބޮޑު ސައިޒުގެ ކުއްތާ ބޭނުންކުރާއިރު، ވެހިކަލް ފަދަ ތަކެތީގެ އެތެރެ ފާސްކުރަނީ ކުޑަ ކުއްތާއެއް ބޭނުންކުރައްވައިގެންކަން ފާހަގަކޮށްލެވެއެވެ. ފާރަގެމައިގެ ލީޑިންގ ހޭންޑްލަރ ސާޖަންޓް މުޙައްމަދު ޒިރުފާން ވިދާޅުވީ، ފާރަތަށް ތަމްރީނުކުރެވިފައިވާނީ ދެ ގޮތަކަށްކަމަށެވެ. އެގޮތުން މީހުން ފާސްކުރުމަށް ޢާއްމުކޮށް ބޭނުންކުރަނީ ވީހާވެސް ގެއްލުން ކުޑަކޮށް މަސްތުވާތަކެތި ހޯދާ ފާރަކަން ޒިރުފާން ފާހަގަކުރެއެވިއެވެ.

"ބައެއް އެއްޗިއްސަކީ ކޮނެގެން ނަގާނެ ވަކި އަޅުވައިގެން ނަގާނެ، ވަކިއަޅާ އެއްޗެހި. އަނެއްބައި އެއްޗިއްސަކީ، މަސްތުވވާތަކެތި ފެނުނީމަ އިށީންނާނީ ނުވަތަ އޮށޯއްންނާނީ. އެއަށް މިކިޔަނީ ގްރެސިވް ނުވަތަ ޕެސިވް އިންޑިކޭޝަންއޭ. މީހުން ބަލައި ފާސްކުރުމަށް އަޅުގަނޑުމެން ބޭނުންކުރަމުން ދަނީ މުޅީން ޕެސިވް ޑޯގްތައް. އެއެއްޗިހީގެ ގޮތަކީ މީހާއަށް ވީހާވެސް ގެއްލުން ކުޑަކޮށް، ވަސް ދުވުމުން އެމީހާ ކުރިމައްޗަށްގޮސް އިށީންނާނީ.،" ޒިރުފާން ވިދާޅުވިއެވެ. 

ޒިރުފާން ވިދާޅުވީ، ފާރަގެމައިގައި ހިމެނޭ ހުރިހާ ކުއްތާތައްވެސް ވަކި ސެޓޭންޑެޑެއްގައި ހިފެހެއްޓުމަށް ކޮންމެ ދުވަހަކުވެސް ވަކި ގަޑިތަކެއްގައި ތަމްރީނުކުރާކަމަށެވެ. 

"މިއިއްޗިހި ބެހެއްޓުމުގެ ހުރިހާ ޒިންމާތަކެއް އުފުލާނީ މިއިއްޗިހި ބަލަހައްޓާ ފުލުހުން. މިތާ އުޅޭ ބިދޭސީންގެ މަސައްކަތަކަށް އޮންނާނީ ހަމައެކަނި ސާފުކުރުން. ކޮންމެ ދުވަހަކު މަދުވެގެން  އެއްގަޑިއިރު މިއިއްޗިހި ތަމްރީނު ކުރާނެ، ދުނިޔޭގެ އެހެން ގައުމުތަކުގެ މިކަންކުރާ ޑޯގްތަކާއި އެއް ސެޓޭންޑަޑަށް މީގެ ސްޓޭންޑަރޑް ރަނގަޅުކުރަން އެކިއެކިކަހަލަ ސިނާރިއޯތަކުގައި އަދި އެކި ތަންތަނުގައި މީގެ ތަމްރީނުތަށް ކުރިއަށް ގެންދޭ"  ޒިރުފާން ވިދާޅުވިއެވެ. 

މިހާރު މައިގަނޑު ގޮތެއްގައި ފާރަ ބޭނުންކުރަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ނަމަވެސް، ރާއްޖޭގެ ހުރިހާ އިންޓަނޭޝަނަލް އެއަރޕޯޓްތަކާއި، ސީޕޯޓްތަކުގައި ފާރަގެމަ ބޭނުންކުރައްވަން މިހާރު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި އައްޑޫސިޓީގެ ޕޯޓުތަކުގައި ފާރަގެމް ބަހައްޓަވާނެކަމަށް ފުލުހުން ވިދާޅުވެއެވެ.