ޚަބަރު

ސިނގިރޭޓުގެ އަގު ބޮޑުކުރަން މެމްބަރުން ތާޢީދު


ސިނގިރޭޓް  ވިއްކަމުން އަންނަ އަގު މިހާރަށްވުރެ ބޮޑުކުރުމަށް ސަރުކާރުން ހުށަހަޅުއްވާފައިވާ އިޞްލާޙަށް ތާއީދުކުރައްވާ ރައްޔިތުން މަޖިލީހުގެ މެމްބަރުން ވާހަކަދައްކަވައިފިއެވެ.

މެމްބަރުން މިހެން ވިދާޅުވީ، ސިނގިރޭޓާ އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑު ކުރުމަށް ސަރުކާރުގެ ފަރާތުން އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް ހުށަހެޅުއްވި އިޞްލާހަށް މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

2017ވަނަ އަހަރަށް ލަފާކުރައްވާ ބަޖެޓުގައި ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ރާއްވަވާފައިވާ ކަންތައްތަކުގެ ތެރޭގައި، ޞިއްޙަތަށް ގެއްލުން ހުރި ބައެއް މުދަލުގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރެއްވުން ވަނީ ހިމަނުއްވާފައެވެ.

ސަރުކާރުގެ ފަރާތުން ކުޑަހުވަދޫ ދާއިރާގެ މެމްބަރ އަޙްމަދު އާމިރު އިމްޕޯޓް އެކްސްޕޯޓްގެ ޤާނޫނަށް ހުށަހެޅުއްވި އިޞްލާހަށް ބަހުސް ކުރައްވަމުން ވިލިމާލެ ދާއިރާގެ މެމްބަރ އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވީ ދުނިޔޭގެ ނިސްބަތުން ރާއްޖެއަކީ އަދިވެސް، ދުންފަތުގެ ބާވަތްތަކުގެ އަގު ހެޔޮ ޤައުމެއް ކަމަށެވެ. ނިހާންގެ ވާހަކަތަކަށް ބާރު ދެއްވާ ގެމަނަފުށީ ދާއިރާގެ މެމްބަރ ޖަމީލް އުސްމާން ވިދާޅުވީ، މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް ސިނގިރޭޓުން ނުވަތަ ދުންފަތުގެ ބާވަތްތަކުން ލިބޭ ގެއްލުމުގެ މައްސަލައަކީ ނުރައްކާތެރި މައްސަލައެއް ކަމަށެވެ. އޭނާ ވިދާޅުވީ ދުންފަތުގެ އިސްތިއުމާލް އެންމެ ގިނައިން ކުރަމުން އަންނަނީ، ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި ކަމަށެވެ.

"އެކަމަކު ސިނގިރޭޓުން ލިބޭ ގެއްލުން ކުޑަ ކަމަކަށް އެއްވެސް މީހަކަށް ދެކޮޅެއް ނުހެދޭނެ. ޑޮކްޓަރުންވެސް ދުނިޔޭގައި ކުރެވިފައި ހުރި ދިރާސާތަކުންވެސް އެތަކެއް ނުރައްކާތެރި ކެމިކަލެއް ސިނގިރޭޓްގައި ހުންނަކަށް އެނގެން އޮތީ.،" ނިހާން ވިދާޅުވިއެވެ.

"މިހާ ނުރައްކާތެރި ކަމެއް، އަޅުގަނޑުމެންގެ މުޖުތަމަޢުގައި ފެތުރިގެންދާއިރު އަޅުގަނޑުމެން މަޖިލީހުން އެބަޖެހޭ ގޮތްތަކެއް ކަނޑައަޅަން. އެބަޖެހޭ ގޮތްތަކެއް ހޯދަން. ޤާނޫނުތައް ހަދައިގެންވެސް ޕްރޮގްރާމްތައް ހަދައިގެން އާންމު ރައްޔިތުން ހޭލުންތެރި ކުރުވަންވެސް.،" ޖަމީލް އުސްމާން ވިދާޅުވިއެވެ.

މި ބިލާ ދެކޮޅަށް ވާހަކަދެއްކެވި ބޭފުޅުންވެސް ދުންފަތާ އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑު ކުރުމަކަށް ދެކޮޅެއް ނުހައްދަވައެވެ. ނަމަވެސް ސަރުކާރުން ޑިއުޓީ ބޮޑުކުރުމުގެ ވިސްނުން ގެންގުޅުއްވާއިރު ދުންފަތާއި ދެކޮޅު ކެމްޕެއިންތަކާއި ދުންފަތަށް ޢާންމުން ހޭލުންތެރި ކުރުވުމުގެ މުހިއްމު ކަމަށް އިދިކޮޅު މެމްބަރުން ވަނީ ވާހަކަފުޅުދައްކަވާފައެވެ.

"އަދި ހަމަ އެއާއެކު އަޅުގަނޑުމެންނަކަށް ނުފެނޭ ދުންފަތް ބޭނުންކުރާ މީހުން ހުއްޓުވުމަށްޓަކައި މަސައްކަތްތަކެއް ކުރާ ތަނެއް، ސަރުކާރުން މިކަންކަމަށް ވެސް ވިސްނަން އެބަޖެހޭ ޑިއުޓީ ބޮޑުކުރާއިރު.،" ޢަބްދުﷲ ރިޔާޒު ވިދާޅުވިއެވެ.

"ސިޔާސީ ހުރިހާ ފަރާތްތައް ސިނގިރޭޓާއި ނުވަތަ މިފަދަ ސިއްޙަތަށް ގެއްލުންވާ ފަދަ ކަންކަމާއި ދެކޮޅަށް ކެމްޕެއިން ކުރަން އެބަޖެހޭ. އަޅުގަނޑުމެން އެބަޖެހޭ މިކަމަށް ހޭލުންތެރި ކުރަން،" ފައިސަލް ނަސީމް ވިދާޅުވިއެވެ.

އެކްސްޕޯޓް އިމްޕޯޓް ޑިއުޓީގެ ޤާނޫނަށް ކުޑަހުވަދޫ ދާއިރާގެ މެމްބަރ އަޙުމަދު ޢާމިރު ހުށަހެޅުއްވި އިޞްލާޙުގައި ވަނީ ސިނގިރޭޓުން މިހާރު ނަގަމުން އަންނަ 1.75 ރުފިޔާ 3.75 އަށް ބޮޑުކުރެއްވުމަށެވެ. އަދި ސިނގިރޭޓުން ނަންގަވާ އިމްޕޯޓް ޑިއުޓީ ބޮޑުކުރައްވައިގެން، 200 މިލިއަން ރުފިޔާ އިތުރަށް ލިބޭނެ ކަމަށް ވަނީ ލަފާކުރައްވާފައެވެ.

ފިޒީ ބުއިންތައް ބޭނުންކުރާ މީހުންގެ އަދަދު މަދުކުރުމަށްޓަކައި ފިޒީ އަދި އެނަރޖީ ބުއިންތަކުން 20 އިންސައްތައިގެ އެޑްވެލޮރަމް ޓެކްސްއެއް ނެގުމަށް މިއަހަރުގެ ބަޖެޓުގައި ހިމަނުއްވާފައިވެއެވެ. އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް ސަރުކާރުން ހުށަހެޅުއްވި އިޞްލާޙިގައި ވަނީ އެނާރޖީ އަދި ސޮފްޓް ޑްރިންކުން ލީޓަރަކަށް 4.60 ރުފިޔާ ބޮޑުކުރަން ހުށަހަޅުއްވާކަމަށެވެ.

 ފިޒީ ޑްރިންކްސްއަށް ނަންގަވާ އިމްޕޯޓް ޑިއުޓީ ބޮޑުކުރައްވައިގެން 9 މިލިއަން ރުފިޔާ އިތުރަށް ލިބޭނެ ކަމަށް ވަނީ ލަފާކުރައްވާފައެވެ.