ރާއްޖޭގެ ސްކޫލްތަކުގައި ޢަރަބި ބަސް ކިޔަވައިދެއްވުމަށް ސަޢޫދީޢަރަބިއްޔާއިން ރާއްޖެއަށް ފޮތް ހަދިޔާކޮށްފިއެވެ. މި ފޮތްތަކާ ޙަވާލުވެވަޑައިގަތީ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމެވެ.
ރާއްޖޭގެ ޢަރަބި އިސްލާމީ ތަޢުލީމް ފުޅާކުރައްވައި ދަރިވަރުންގެ އަޤީދާ ވަރުގަދަކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ސަޢޫދީ ސަރުކާރުން ގެންދަނީ ރާއްޖެއަށްއެހީތެރިވަމުންނެވެ.
މިގޮތުން ޢަރަބި ބަސް ކިޔަވައިދެއްވުމަށް ޓީޗަރުން ރާއްޖެއަށް ފޮނުއްވުމާއި ކިޔެވައިދެއްވުމަށް ބޭނުންކުރާ ފޮތްފަދަ ތަކެތި ހަދިޔާކުރުން ހިމެނެއެވެ. އަދި މަތީ ތަޢުލީމްގެ ގިނަ ފުރުޞަތުތަކެއްވެސް ސަޢޫދީ ސަރުކާރުން ރާއްޖެއަށް ވަނީ ދީފައެވެ. ރާއްޖޭގައި އިސްލާމީ ތަޢުލީމް ފުޅާކުރައްވައި ދަރިވަރުންގެ އަޤީދާ ވަރުގަދަކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްތަށް އެއްބާރުލުން ދިނުމުގެ ގޮތުން ސަޢޫދީ ސަރުކާރުން ވަނީ ސަތާރަހާސް ފަސްސަތޭކަ ފޮތް ރާއްޖެއަށް ހަދިޔާކޮށްފައެވެ.
މިކަމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވެވި ރަސްމިއްޔާތުގައި މި ފޮތްތަކާ ޙަވާލުވެވަޑައިގަތީ އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޝިހާމެވެ. މިރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޝިހާމް ވަނީ، ރައީސް ޔާމީން ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު ރާއްޖޭގައި އިސްލާމީ ތަޢުލީމް ފުޅާކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާފައެވެ. މިގޮތުން ރާއްޖޭގެ ސާޅީސް އެއް ސްކޫލެއްގައި ޢަރަބި ބަސް، މާއްދާއެއްގެ ގޮތުގައި ކިޔަވައިދެއްވަމުން ގެންދަވާކަމަށާއި އަދި ރާއްޖޭގެ އުތުރާއި ދެކުނުގައި ޢަރަބި މީޑިއަމްގެ ދެ ސްކޫލް ހިންގަވަމުން އަންނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެއިތުރުން ތަޢުލީމީ ދާއިރާއަށް ސަޢޫދީޢަރަބިއްޔާއިން ދެމުން ގެންދާ އެހީތެރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"މިދިޔަމަހު ފަނަރަވަނަ ދުވަހު ސަޢޫދީޢަރަބިއްޔާއިން ޢަރަބި ކިވައިދެއްވަން 17 ޓީޗަރުން މިކޮޅަށް ވަޑައިގެން މިހާރު އަތޮޅުތަކަށް އެބޭފުޅުން ވަޑައިގެން މަސައްކަތް ފައްޓަވައިފި. އޭގެތެރޭގައި މިހާރު އަޅުގަނޑުމެން ޢަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލްތަކުގައިވެސް އެބޭފުޅުން ކިޔަވައިދެއްވަމުން އެބަގެންދަވާ. އަދި އެބޭފުޅުން ވަޑައިގަތުމުން އެތަންތަނުންވެސް ވަރަށް ހިތްހެޔޮކަމާ އޯގާތެރިކަމާއެކު އެބޭފުޅުންނަށް ކަމޭހިއްތަވަމުން އެބަގެންދަވާ.،" އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.
ސަޢޫދީ ސަރުކާރުން ހަދިޔާކުރެއްވި މިފޮތްތައް ބޭނުންކުރައްވާނީ ގްރޭޑް އެކަކުން ފެށިގެން ފަހެއްގެ ނިޔަލަށް ހިމެނޭ ގްރޭޑްތަކުގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މިދިޔަ އަހަރުވެސް ސަޢޫދީ ސަރުކާރުން ވަނީ ރާއްޖޭގެ ސްކޫލްތަކުގައި ޢަރަބި ބަސް އުނގަންނައިދެއްވުމުގައި ބޭނުންކުރެއްވުމަށް ސަތޭކަހާސް ފޮތް ހަދިޔާކޮށްފައެވެ.