ޚަބަރު

ޕްރީ ސްކޫލާއި ޡާނަވީ ތަޢުލީމު ހިލޭ ދޭންޖެހޭ ގޮތަށް ހަދަނީ!


ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12 ނިމެންދެން ހިލޭ ތަޢުލީމުގެ ފުރުޞަތު ދިވެހިރާއްޖޭގައިވާ ކޮންމެ ކުއްޖަކަށް ލިބެންޖެހޭނެ ކަމަށް ބަޔާންކުރައްވާ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފިއެވެ. ފުނަދޫ ދާއިރާގެ މެމްބަރ އަޙްމަދު ސަލީމް މަޖިލީހަށް މިއަދު ހުށަހެޅުއްވި އެ ބިލަކީ ތަޢުލީމާބެހޭ ބިލެވެ.

ތަޢުލީމާބެހޭ ބިލު މަޖިލީހަށް ހުށަހެޅުއްވި ފުނަދޫ ދާއިރާގެ މެމްބަރ އަޙްމަދު ސަލީމް ވިދާޅުވީ އެ ބިލު މަޖިލީހަށް ސަރުކާރުން ހުށަހެޅުއްވުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގައި އުނގެނުމުގެ ޙައްޤު އެންމެ ފުރިހަމަ ގޮތުގައި، ލިބިދިނުމަށްޓަކައި ޤާއިމްކުރައްވަންޖެހޭ ޤާނޫނީ އޮނިގަނޑު ޤާއިމްކުރެއްވުން ކަމަށެވެ. ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ކުޑަކުދިންހެ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި އިޤްތިޞާދީ އަދި ޘަޤާފީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއަށް ރިޢާޔަތްކުރައްވައި އުނގެނުމުގެ ޙައްޤު ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް ދިވެހިރާއްޖޭގައި ކަށަވަރުކޮށްދޭނެ ނިޒާމެއް ޤާއިމްކުރުމުގެ ޙައްޤުލިބިގެން ދިއުމަކީވެސް މި ބިލް ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވުމުގެ ބޭނުމެއް ކަމަށް ސަލީމް ވިދާޅުވިއެވެ. img:http://s2.psmnews.mv/images/660x400/14664243648319.jpg|ފުނަދޫ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް / ފޮޓޯ: މަޖިލިސް

ބިލުގައި ވަނީ ބިލު ފާސްވުމާއެކު ހަނގާކުރުން ފަދަ ޢަމަލުތަކާއި އެކި ބާވަތުގެ ގޯނާކުރުމާއި އަނިޔާވެރިކަމުން ރައްކާތެރިވެފައިވާ އަމާން މާޙައުލެއްގައި އުނގެނުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ. އަދި ރަސްމީ ތަޢުލީމީ ނިޒާމުގައި ބައިވެރިވެ، އެ ނިޒާމުގެ ތެރެއިން ތަޢުލީމް ޙާޞިލްކުރުމުގެ ޙައްޤު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށްވެސް ލިބިގެންދާނެ ކަމަށެވެ.މި ބިލުގައި ވަނީ އެއްވެސް ކުއްޖަކު ބާކީނުވާ ގޮތުގެ މަތިން ޕްރީ ސްކޫލު ތަޢުލީމާއި ޘާނަވީ ތަޢުލީމް ހިލޭ ދިނުމަށްޓަކައި އެކަށީގެންވާ ފުރުޞަތުތަކާއި ވަޞީލަތްތައް ފަހިކޮށްދިނުމަކީ ދައުލަތުގެ ވާޖިބެއް ކަމަށެވެ.ވޮކޭޝަނަލް އެޑިއުކޭޝަން ހިމެނޭގޮތުން އެންމެހާ ބާވަތްތަކުގެ ޡާނަވީ ތަޢުލީމް ލިބިދިނުމަށްޓަކައި އެކަށީގެންވާ ނިޒާމެއް ތަރައްޤީ ކުރުމާއި ކޮންމެ ކުއްޖަކަށްމެ ތަޢުލީމް އުނގެނުމުގެ ފުރުޞަތު ލިބިދީ، ތަޢުލީމް އުނގެނުމުގެ ހިލޭ ފުރުޞަތާއި ތަޢުލީމް ޙާޞިލް ކުރަމުންދާ ކުއްޖާ ބޭނުންވެއްޖެ ހިނދެއްގައި މާލީ އެހީތެރިކަން ދިނުމަކީވެސް ދައުލަތުގެ މައްޗަށް ބިލުން ލާޒިމްކުރައްވާފައިވާ ކަންތައްތަކެވެ.ބިލުގައި ދައުލަތުގެ މައްޗަށް ކަންތައްތަކެއް ވާޖިބުކުރައްވާފައިވާއިރު ބިލުން ވަނީ މައިންބަފައިންގެ މައްޗަށްވެސް ކަންތައްތަކެއް ލާޒިމްކުރައްވާފައެވެ. އެގޮތުން ކުދިން ޤަވާޢިދުން ސްކޫލަށް ފޮނުވުމާއި ސްކޫލަށް ދާއިރު ކުއްޖާ ހުންނަނީ ރަނގަޅު ކާނާ ލިބި، ދުޅަހެޔޮ ޞިއްޙަތެއްގައިކަމާއި ހަމައަށް ނިދި ލިބިފައިވާކަން ކަށަވަރުކުރުން ހިމެނޭގޮތުން ދަރިންގެ އަސާސީ ބޭނުންތައް ފުއްދައިދިނުމަކީ މައިންބަފައިންގެ މައްޗަށް ބިލުގައި ލާޒިމްކުރައްވާފައިވާ ކަންތައްތަކެވެ. އަދި ދަރިންގެ ކިޔެވުމުގައި ޓީޗަރުންނަށް ދޭންޖެހޭ އެއްބާރުލުން ދިނުމަކީވެސް މައިންބަފައިންގެ ޒިންމާއެއް ކަމަށް ބިލުގައިވެއެވެ.

ކިޔަވާ ކުދިންގެ ޒިންމާތައް ކަމަށް ބިލުގައިވަނީ އެކުދިން ޤަވާޢިދަށް ސްކޫލަށް ޙާޟިރުވާން ޖެހޭނެކަމަށެވެ. އަދި ސްކޫލުތަކުން ޤާއިމްކުރައްވާފައިވާ ތަޢުލީމީ ނިޒާމުގައި ފުރިހަމައަށް ބައިވެރިވެ، ކިޔެވުމުގެ ފުރުޞަތުތަކުގެ ބޭނުން ހިފައި، ފަރުވާތެރިކަމާއެކު ކިޔެވުމަށް މަސައްކަތް ކުރުވުމަކީވެސް ކިޔަވާ ކުދިންގެ މައްޗަށް މި ބިލުން ލާޒިމް ކޮށްފައިވާ ކަންތައްތަކެވެ.މި ބިލު ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤް ކުރައްވާތާ އެއްމަސް ދުވަހުގެ ތެރޭގައި ޓީޗަރސް ރަޖިސްޓްރޭޝަން ކައުންސިލްގެ ނަމުގައި އެޑިއުކޭޝަން މިނިސްޓްރީން ކައުންސިލެއް އުފައްދަންވާނެ ކަމަށް ބިލުގައިވެއެވެ. އަދި މި ކައުންސިލް އުފެއްދުމަށްފަހު ރާއްޖޭގައި ހިންގާ އެއްވެސް ސްކޫލެއްގައި ނުވަތަ އެނޫންވެސް ކިޔަވައިދޭ ތަނެއްގައި ރަޖިސްޓްރީކުރުމަކާނުލައި ޓީޗަރަކަށް މަސައްކަތެއް ނުކުރެވޭނެ ކަމަށް ބިލުގައިވެއެވެ. އަދި އެފަދައިން ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް މެނުވީ އެއްވެސް ސްކޫލެއްގައި ޓީޗަރަކަށް ވަޒީފާ އަދައެއް ނުކުރެވޭނެ ކަމަށާއި ރަޖިސްޓްރީކޮށްފައިނުވާ އެއްވެސް ޓީޗަރަކު ވަޒީފާގައި ބަހައްޓައިގެންވެސް ނުވާނެކަމަށް ބިލުގައިވެއެވެ.