ޚަބަރު

ޅޮއްސަށް އުދަ އަރައި، ގެއްލުންވެއްޖެ


ނ.އަތޮޅު ޅޮއްސަށް ރޭ ދަންވަރު އުދަ އަރައި، އެރަށުގެ ބަނދަރަށް ގެއްލުންތަކެއް ލިބިފައިވާކަމަށް ޅޮހީ ކައުންސިލުން ވިދާޅުވެއްޖެއެވެ. 

ޕީ.އެސް.އެމްއަށް މަޢުލޫމާތުދެއްވަމުން ޅޮހީ ކައުންސިލްގެ ރައީސް މުޙައްމަދު އިރުފާން ވިދާޅުވީ، ރޭ ދަންވަރު ދިޔަވަރު ބޮޑުވި ވަގުތު، އެރަށުގެ 300 ފޫޓަށްވުރެ ބޮޑު ސަރަޙައްދަކަށް އުދައިގެ އަސަރުކޮށްފައިވާކަމަށެވެ. މި ޙާދިސާގައި އެރަށުގެ އެއްވެސް މީހަކަށް އަދި ގެއަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެެ. ނަމަވެސް އުދައިގެ ސަބަބުން ބަނދަރުގެ އެއްގަމު ތޮށިން ބައެއް ހަލާކުވެފައިވާކަމަށާއި، އަރައިފޭބުމަށް ބޭނުންކުރާ ސިޑިވެސް ހަލާކުވެފައިވާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.  

އަދި ބަނދަރުގެ ބޭރު ތޮށީގައި ޖާހާފައިވާ ހިލައިގެ ބޮޑުބައެއް މިހާރު ރޫޅިފައިވާ ކަމަށްވެސް އިރުފާނު ވިދާޅުވިއެވެ. ޅޮހީ ކައުންސިލުން ވިދާޅުވީ މީގެ ކުރިންވެސް އެރަށަށް އުދައަރާކަމަށާ، އެހެންނަމަވެސް މިއީ ފަހުގެ ތާރީޚެއްގައި އެރަށަށް މިހާބޮޑަށް އުދަ އެރި ފުރަތަމަ ފަހަރުކަމަށެވެ. 

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވިގޮތުގައި، މިއީ އިރުވައި މޫސުން ކަމުން، މިދުވަސްވަރު ޢާއްމުންކޮށް ރާއްޖޭގެ ރަށްރަށަށް އުދައެރުމުގެ ފުރުޞަތު ކުޑަވާނެކަމަށެވެ. އެހެންނަމަވެސް ރާއްޖެއަކީ ބިން ތިރި ޤައުމަކަށްވެފައި، ދިޔަވަރު ބޮޑުވާ ވަގުތަކުގައި އުދައެރުމުގެ ޙާދިސާތައް ބައެއް ރަށްރަށަށް ނުމޫސުމުގައިވެސް ކުރިމަތިވުން އެކަށީގެންވާ ކަމަށާއ މިއީ އާދަޔާ ޚިލާފަށް އުދަ އެރުމުގެ މޫސުމެއް ނޫންކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.