ތަރައްްޤީ

"ޕީޕީއެމްއާ މެމްބަރުން ގުޅެނީ އިޚްލާޞްތެރިކަމާއެކު"


ޕީ.ޕީ.އެމްއާ އަލަށް ގުޅޭ މެންބަރުންނަކީ، ސަރުކާރުން ކޮށްދެއްވާ ކަންކަން ބަލައިގަނެ، ސާރުކާރު ހިންގާ ޕާޓީއާ އިޚްލާޞްތެރިކަމާއެކު ގުޅޭ މެންބަރުންކަމަށް ރައީސް ޔާމީން 2018 ކެމްޕެއިން އޮފީހުން ބުނެފިއެވެ.

ސަރުކާރާ މެންބަރުން ގުޅެނީ މަޖުބޫރުކޮށްގެންކަމަށް ބުނެ، ބައެއް މީޑިއާތަކުގައި ހުރި ޚަބަރުތައް ދޮގުކުރައްވައި ވާހަކަދައްކަވަމުން ރައީސް ޔާމީން 2018 ކެމްޕެއިން އޮފީހުގެ މީޑިއާކަންކަން ބަލަހައްޓަވާ އިބްރާހީމް މުޢާޒް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ޕީ.ޕީ.އެމްއަށް މެންބަރުން އިތުރުކޮށްދެއްވުމުގެ މަސައްކަތް 2013 ވަނަ އަހަރު ފަށްޓަވާފައިވާކަމަށެވެ. އޭރު އެމަސައްކަތް ފެށްޓެވީ ވަރަށް އާދައިގެ ގޮތަކަކަމަށާއި، ނަމަވެސް މިއަދު އެމަސަކަތް ފުޅާކުރައްވައި، ރާއްޖޭގެ އަތޮޅުތަކާއި، މާލޭގެ އެކި އަވަށްތަކުގައި ކެމްޕެއިން ޙަރަކާތްތައް ހިންގަވަމުންގެންދަވާކަމަށް މުޢާޒް ވިދާޅުވިއެވެ.

މުޢާޒް  ވިދާޅުވީ، ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށާއި، ޚާއްޞަ އެހީތެރިކަން ބޭނުންވާ މީހުންނަށް ޢިނާޔަތްތައް ދެއްވަމުން ގެންދަވާއިރު، ރައީސްގެ އަންބިކަނބަލުންނަކީވެސް މުޖުތަމަޢުގައި އަޅާލުން ބޭނުންވާ މީހުންނާ ވަރަށް ޤާތުން މަސައްކަތް ކުރައްވައި، އެފަދަ މީހުންނަށް އެހީތެރިވެވަޑައިގަންނަވާ ބޭފުޅެއްކަމަށެވެ. މިކަމުގެ ސަބަބުން ސަރުކާރަށް ތާއީދުކޮށް، ސަރުކާރު ހިންގާ ޕާޓީއާ ގުޅުމަށް އިޚްލާޞްތެރިކަމާއެކު ގިނަބަޔަކު އެދެމުން އަންނަކަމަށް މުޢާޒް ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14582079211160.jpg|އިބްރާހީމް މުއާޒް ޢަލީ - ފައިލް ފޮޓޯ: ޕީއެސްއެމް

"މަޖުބޫރުކޮށްގެންކަމަށް އެ ވިދާޅުވާ ފަރާތްތަކަށް ދަންނަވަން އޮތީ، އިޚްލާޞްތެރިކަމާ އެކީގައި، އަޅުގަނޑުމެންގެ ޓީމްތަކަށް ގުޅުއްވައިގެން، އަންނާނީ ކޮން އިރަކުންތޯ، މިހިސާބަށް އާދެވޭނީ ކޮން އިރަކުންތޯ، މިމަސައްކަތްޕުޅު އަމިއްލަފުޅަށް ދިވެހިރައްޔިތުންގެ ތެރެއިން ޕީ.ޕީއެމްގެ މެންބަރުންނަށްވާން އެދިވަޑައިގަންނަވާ ބޭފުޅުންނަށް ލިބިވަޑައިގެންނެވި ފުރުސަތުގައި، އަޅުގަނޑަށް ހަމަ ގާއިމުވެސް ދަންނަވަން ކެރޭނެ އެއީ އެފަރާތްތަކުގެ އެދިވަޑައިގަތުމެއްކަމަށް. އެފަރާތްތަކުން ބޭނުންވާ ފެންވަރަށް އަދިވެސް އެފުރުސަތު އަޅުގަނޑުމެންނަށް ފޯރުކޮށެއް ނުދެވޭ. އެގާރަހާހަށްވުރެ ގިނަ ފޯމްވެސް އަޅުގަނޑުމެނަށް ފުރޭނެ" މުއާޒު ވިދާޅުވިއެވެ.

އިބްރާހީމް މުޢާޒް ވިދާޅުވީ، ރައީސްގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްގެ ބެއްލެވުމުގެ ދަށުން ހިންގަވާ ރައީސް ޔާމީން 2018 ކެމްޕެއިން އޮފީސް ހިންގަވަނީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި، ސިޔާސީ ޕާޓީތަކުގެ ޤަވާޢިދުތަކާ ތަޢާރުޒް ނުވާގޮތަށްކަމަށެވެ. އެއްވެސް މީހަކަށް ގަދަބާރުން ނުވަތަ ބާރުތަކެއްގެ ބޭނުންކޮށްގެން ޕީ.ޕީ.އެމްއަށް ވެއްދުމުގެ މަސައްކަތް ނުކުރައްވާކަމަށާއި، 11030 ފޯމް ފުރުވުމުގެ މަސައްކަތްކުރީ 250 ޓީމަކުން ލީޑަރުންތަކަކާއެކު، އެކި ސަރަޙައްދުތަކަށް ފޮނުވައިގެންކަމަށް އޭނާ ވިދާޅުވިއެވެ.

"ތިމަންނާގެ ފޯމްގައި ތިމެނަ ސޮއިކުރީ މަޖުބޫރުންނޭ، ތިމެންނަ ފޯމުގައި ސޮއިކުރީ މިވެނިހެންވެގެނޭ، މިއޮތީއޭ ތިމަންނަ މިގޮތަށް މަޖުބޫރުކޮށްގެން ފުރިހަމަކޮށްފައި އޮތް ފޯމު. މިހެން ވިދާޅުވާ މީހަކު މީޑިއާގައި ހާޒިރުގައި އަޅުގަނޑުމެންނަށް ދައްކަވާ" މުއާޒް ވިދާޅުވިއެވެ. 

މުޢާޒް ވިދާޅުވީ، ރައީސް ޔާމީނަށް 2018 ގެ އިންތިޚާބު ކާމިޔާބުކޮށްދޭން ކުރިއަށް އޮތްތަނުގައިވެސް މުހިއްމު މަސައްކަތްތަކެއް ކުރަން ރާވާފައިވާކަމަށެވެ. އަދި މެންބަރުން އިތުރުކުރުމަށްވެސް ރާއްޖޭގެ އެކި އަތޮޅުތަކާއި މާލޭގައި، ރައީސް ޔާމީން 2018 ކެމްޕެއިން އޮފީހުން ކުރިއަށް ގެންދާނެކަމަށް އެ އޮފީހުން ބުނެއެވެ.