ޚަބަރު

ސަރުކާރުން ޑިމޮކްރެޓިކް އުޞޫލުތަކަށް ބަދަލެއް ނުގެނޭ - ރައީސް


މިސަރުކާރު ވެރިކަމަށް ވަޑައިގަތުމަކުން ރާއްޖޭގެ ޑިމޮކްރަޓިކް އެއްވެސް އަޞްލަކަށް ބަދަލެއް ނާންނަކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މާލެއަތޮޅު ހިންމަފުށީގެ ބިންހިއްކުމުގެ މަޝްރޫޢު ނިމުން ފާހަގަކުރެއްވުމަށް އެރަށުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ހިންމަފުށީގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވީ، އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނެއް ފާސްކުރައްވައި، އެޤާނޫނަށް ޢަމަލުކުރައްވަން ފެއްޓެވުމުން މީހުންގެ އަބުރަށް އަރައިގަތުމާއި، ނޫސްތަކުގައި މީހުންނާބެހޭ ވާހަކަތައް ހިތުހުރިގޮތަކަށް ގެނެސްދިނުން ހުއްޓިފައިވާކަމަށެވެ. އެހެންނަމަވެސް ޤާނޫނުއަސާސީން ކަށަވަރުކޮށްދެއްވާފައިވާ އެއްވެސް ޙައްޤަކަށް ނުވަތަ މިނިވަންކަމަކަށް ސަރުކާރުން ހުރަސްއަޅުއްވާފައި ނުވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ދިވެއްސެއްގެ އެއްވެސް ޙައްޤެއް ރާއްޖޭގައި ގެއްލިފައި ނުވާނެކަމަށާއި، އެއްވެސް ދިވެއްސަކަށް ރާއްޖެ އައުންވެސް މަނާކުރެވިފައި ނުވާކަން ރައިސް ޔާމީން ވަނީ ފާހަގަކުރައްވާފައެވެ.

"މިހާރުވެސް މީހަކު އަންނާނެތަނަކަށް އަންނަންވީ، ދަތުރު ފަތުރުކުރުމުގެ މިނިވަންކަން އެބައޮތް. ދައްކާނެ ވާހަކައެއް ދައްކަންވީ. ބޭރުގައި ތިއްބެވި ބޭފުޅުން އަދިވެސް ރާއްޖެއަށް ވަޑައިގަންނަވަންވީ. އެކަމަކު އެބޭފުޅުން އިޚްތިޔާރު ކުރައްވަންވާނެ ރާއްޖެއަށް ޒިޔާތަރްކުރާއިރު، އެބޭފުޅުންގެ ޙުކުމްތަކެއް ހުރެއްޖެއްޔާ އެބޭފުޅުން ދާންވީ ގެޔަށްތޯ ނޫނީ އެހެން ތަނަކަށްތޯ. އެކަމަކު ރާއްޖެއަށް ޒިޔާރާތްކުރެއްވޭނެ އަޅުގަނޑުމެން މަރުހަބާވެސް ކިޔާނަން." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖެއިން އަމަލުކުރައްވާ ޑިމޮކްރަސީގެ އެއްވެސް އަސްލަކަށް ބަދަލު ގެނެވޭނީ ޤާނޫނު އަސާސީއަށް ބަދަލުގެނެސްގެން ކަމަށާއި، އެފަދަ އެއްވެސް ބަދަލެއް މިސަރުކާރު އައިފަހުން ޤާނޫނު އަސާސީއަށް ގެންނަވާފައި ނުވާކަމަށެވެ.

img:http://s3.psmnews.mv/images/660x400/14869954230828.jpg|ތުލުސްދޫ ބިން ހިއްކުން ފާހަގަކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވާހަކަފުޅުދައްކަވަނީ

"މި ސަރުކާރު އައިފަހުން ޑިމޮކްރެޓިކް އެއްވެސް އަސްލަކަށް ބަދަލެއް ނާދެ. އެވަރުގެ ބަދަލެއް ގެނެވޭނީ ޤާނޫނުއަސާސީއަށް އިސްލާހްގެނެސްގެން. އަޅުގަނޑުމެން ޤާނޫނު އަސާސީއަށް ގެނައި އަހަމައެކަނި އިސްލާހަކީ، ރާއްޖޭގެ އާބާދީ ޒުވާންވެގެން ދިޔައިމަ ރައީސްކަން ކުރާ މީހުންނާއި ނައިބު ރައީސްކަން ކުރާ މީހުންނަކީ ތަންކޮޅެއް ޒުވާން އުމުރުފުރާތަކުގެ މީހުންނަށް ކުރިމަތިލެވޭނެ ގޮތަށް ހަދައިދިނުން. އެނޫން އެއްވެސް އަސާސަކަށް އަޅުގަނޑުމެން ބަދަލެއް ނުގެންނަން'" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ދިވެހި ރާއްޖޭގެ ކޮންމެ ރަށަކަށްވެސް ތަރައްޤީ ބޭނުންވާކަމަށާއި، ތަރައްޤީ ގެނެސްދެއްވަން ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. ނަމަވެސް މުޒާހަރާކޮށްގެން ރަށްރަށް ބޭނުންވާ ކަންކަމަށް އެދިވަޑައިގަތުމުން އެކަންކަން ކޮށްދެއްވަން އެހާ ފަސޭހަ ނުވާނެކަން ރައީސްގެ ވާހަކަފުޅުގައި ވަނީ ބަޔާންކުރައްވާފައެވެ.  

ދިވެހި ރާއްޖޭގެ ރަށްރަށަށް ބޭނުންވާ ހުރިހާ ތަރައްޤީ ބޭނުންވާ ހަލުއިމިނުގައި ނުގެނެވޭނަމަވެސް ރަށްރަށް ލިބޭ ފައިދާތައް މަދުނޫންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިގޮތުން، ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން މިހާރު އަށްހާހަށްވުރެ ގިނަ ޑޮލަރު ބޮލަކަށް ޖެހޭކަމަށާއި، ރައްޔިތުންގެ އެއްބާރުލެއްވުމާއި، މަޖިލީހުގެ މެންބަރުން މަސައްކަތް ކުރައްވައިގެން ކުރިއަށް އޮތް ދެއަހަރުގެ ތެރޭގައި އެޢަދަދު ބާރަހާސް ޑޮލަރަށްވުރެ މައްޗަށް ޖައްސަން ބޭނުންވާކަމަށް ރައިސް ވިދާޅުވިއެވެ. އަދި އެ އަމާޒަށް ވާޞިލްވެވިއްޖެނަމަ އޭގެ ފައިދާ ހިންމަފުށީ ފަދަ ރަށްރަށުގެ ގެސްޓްހައުސް ވިޔަފާރިވެރިންނެކޭ އެއްފަދައިން މުޅި ދިވެހި ރައްޔިތުންނަށްވެސް އިޙްސާސް ކުރެއްވޭނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.