ތަރައްްޤީ

ހިންމަފުށީ ބިން ހިއްކުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރައްވައިފި


ކ. ހިންމަފުށީ ބިން ހިއްކުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރައްވައިފިއެވެ.

މިމަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް މިއަދު ހިންމަފުށީގައި ބޭއްވެވި ރަސްމިއްޔާތުގައި ހަނދަނީ ބިނާގެ ފަރުދާ ކައްސަވާލަދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމެވެ.

ކ. ހިންމަފުށީގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން އެރަށުގެ ދެކުނު ފަރާތު ފަޅުތެރެއިން 21.6 ހެކްޓަރުގެ ބިން ހިއްކަވާފައިވެއެވެ. އަދި ހިއްކި ސަރަޙައްދު ހިމާޔަތްކުރެއްވުމަށްޓަކައި 890 މީޓަރުގެ ރިވެޓްމަންޓް މިމަޝްރޫޢުގެ ދަށުން ޖަހާފައިވެއެވެ.

ހިންމަފުށީ ބިން ހިއްކުމުގެ މަސައްކަތް ޙަވާލުކުރައްވާފައިވާ ކުންފުނި، ނެދަރލޭންޑްސްގެ ވެންއޫޑް ޑްރެޖިންގ މެރިން ކޮންޓްރެކްޓަރާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މިމަޝްރޫޢުގައި ބިން ހިއްކުމަށް ބޭނުންކޮށްފައިވާ ޑްރެޖަރަކީ ދުނިޔޭގައިވެސް އޮތް އެންމެ ބޮޑު ޑްރެޖަރުކަން ސަރުކާރުން ފާހަގަކުރައްވައެވެ. މިމަޝްރޫއަށް 130 މިލިއަނަށްވުރެން ގިނަ ރުފިޔާ ޚަރަދުކުރައްވާފައިވެއެވެ.

img:http://s1.psmnews.mv/images/660x400/14869860949946.jpg|ހިންމަފުށީ ބިން ހިއްކުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް

ހިންމަފުށީގައި އަލަށް އިތުރުކުރެވުނު މި ބިން ބޭނުންކުރެވޭނީ ބޯހިޔާވަހިކަމާއި އެފަދަ އެހެން ބޭނުންތަކަށް ކަމަށް ރަށު ކައުންސިލާއި ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ. އެހެންކަމުން މިއީ މިހާރުވެސް ގެދޮރު ދޫކުރުމާއި އަދި ރަށަށް ގެންނަން ބޭނުންވާ ޢުމްރާނީ ތަރައްޤީތައް ގެނައުމަށް ލިބިގެންދިޔަ މުހިންމު ފުރުޞަތެއްކަން ރަށު ކައުންސިލުން ފާހަގަކުރައްވައެވެ.

ރާއްޖޭގެ ރަށްރަށުގެ ބިމުގެ މުއްސަނދިކަން އިތުރުކޮށްދިނުމުގެ ގޮތުން މިދިޔަ އަހަރުގެތެރޭގައި ސަރުކާރުން 4 ރަށެއްގެ ބިން ހިއްކުމުގެ މަޝްރޫޢު ނިންމަވާފައިވެއެވެ. މީގެތެރޭގައި ހިންމަފުށީގެ އިތުރުން، އައްޑޫސިޓީގެ ފޭދޫ އާއި ގދ. ތިނަދޫ އާއި ކ. ތުލުސްދޫގެ ބިން ހިއްކުމުގެ މަޝްރޫޢު ހިމެނެއެވެ.