ޚަބަރު

ޖަނުމަނުގެ އިންތިޚާބީ ރައީސަށް، ރައީސް ތަހުނިޔާ ވިދާޅުވެއްޖެ


ޖަރުމަނުގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވި ފްރޭންކް ވޯލްޓަރ ސްޓައިންމަޔަރއަށް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަހުނިޔާ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ފްރޭންކް ވޯލްޓަރ ޖަރުމަނުގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވިކަމަށްޓަކައި އެމަނިކުފާނަށް ވަރަށް ހޫނު މަރްޙަބާއެއް ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ރާއްޖެއާއި ޖަރުމަނާ ދެ ޤައުމުގެ ދެމެދުގައި ޤާއިމްކޮށްފައިވާ ސިޔާސީ ގުޅުމަށް 2016 ވަނަ އަހަރު 50 އަހަރު ފުރިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި، ޖަރުމަނަކީ ރާއްޖެއަށް ވަރަށް މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވަމުން، ޖަރުމަނުގެ އިންތިޚާބީ ރައީސްގެ ޒަޢާމަތުގައި، ޖަރުމަނަށް އިތުރު ފާގަތިކަމާއި ކުރިއެރުން ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ވެސް ރާއްޖެއާއި ޖަރުމަނާ ދެޤައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރިކަމުގެ ގުޅުން، ކުރިއަށް އޮތް ތާނގައި، ޙާއްޞަކޮށް ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިންނާއި، އިޤްތިޞާދީ ދާއިރާއިންނާއި، ޓެރަރިޒަމް ނައްތާލުމުގެ ދާއިރާއިން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.