ތަރައްްޤީ

ތުލުސްދޫ ގިރާ ސަރަހައްދު ޙިމާޔަތްކުރެއްވުމުގެ މަސައްކަތް ފަށަނީ


ކ. ތުލުސްދުއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް އަވަސް ޙައްލެއް ހޯދަވައިދެއްވުމަށްޓަކައި ސަރުކާރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. ތުލުސްދޫ ރަށް ގިރުމުގެ ސަބަބުން ގޯތިތަކުގެ ތެރެއަށް ލޮނުވަދެ، އެކަމުގެ ޝަކުވާ ލިބެމުންދާކަން ކައުންސިލުން ފާހަގަކުރައްވައެވެ. އެހެންކަމުން ތުލުސްދޫ ރައްޔިތުންނަށް ލިބިގެންދިޔަ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެރަށުގެ ރަށްގިރުމުގެ މައްސަލައަށް އަވަސް ޙައްލެއް ހޯދަވައިދެއްވާނެކަމަށް ރައީސުލްޖުމުހޫރިއްޔާ ވިދާޅުވުމެވެ. 

ތުލުސްދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރެއްވުމަށް މިއަދު ބޭއްވެވި ރަސްމިޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމުހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ ތުލުސްދޫ ގިރާ ސަރަޙައްދު ޙިމާޔަތްކުރެއްވުމުގެ މަސައްކަތް މިއަހަރުގެ އޭޕްރީލްމަހުގެ ތެރޭގައި ފަށްޓަވާނޭކަމަށެވެ. އަދި މިކަމަށް ބޭނުންވާ ފައިސާ މިއަހަރުގެ ބަޖެޓްގައި ކަނޑައަޅުއްވާފައިވާކަން ރައީސުލްޖުމުހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެރަށުގައި ނަރުދަމާގެ މައްސަލައަށް އަވަސް ޙައްލެއް ހޯއްދަވައިދެއްވާނެކަމަށްވެސް ރައިސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ތުލުސްދޫ ކައުންސިލުން ޢިމާރާތްކުރައްވަމުން ގެންދަވާ މިސްކިތަށް ބޭނުންވާ އެހީތެރިކަން ސަރުކާރުން ދެއްވާނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމޫހޫރިއްޔާ ދެއްވިއެވެ. އަދި އެށުގެ ފެނަށް ދިމާވެފައިވާ މައްސަލައަށްވެސް ޙައްލެއް ހޯދަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.