ޚަބަރު

ތުލުސްދޫއާއި ހިންމަފުށީގެ ބިން ހިއްކުމުގެ ނިމުން ފާހަގަކުރަނީ


ކ. ތުލުސްދުއާއި ހިންމަފުށީގެ ބިން ހިއްކެވުމުގެ މަޝްރޫޢު ނިންމަވައި އެމަޝްރޫޢުތައް ރައީސުލްޖުމްހޫރިއްޔާ މާދަމާ އިފްތިތާޙު ކޮށްދެއްވާނެއެވެ.

ރާއްޖޭގެ ރަށްރަށުގެ ބިމުގެ މުއްސަނދިކަން އިތުރުކޮށްދެއްވުމުގެ ގޮތުން، ބިން ހިއްކެވުމުގެ މަޝްރޫޢުތަކުގެ ތެރެއިން ކ. ހިންމަފުށީގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން އެރަށުގެ ދެކުނު ފަރާތު ފަޅު ތެރެއިން 21.6 ހެކްޓަރުގެ ބިން ވަނީ ހިއްކަވާފައެވެ. 

މިމަޝްރޫޢަށް 130 މިލިއަނަށްވުރެން ގިނަ ރުފިޔާ ޚަރަދުކުރައްވާފައިވެއެވެ. ހިންމަފުށީ ބިން ހިއްކަވައި ހިއްކި ސަރަޙައްދު ޙިމާޔަތްކުރެއްވުމަށް 890 މީޓަރުގެ ރިވެޓްމަންޓް ވަނީ ޖައްސަވާފައެވެ. ހިންމަފުށީ ބިންހިއްކުމުގެ މަޝްރޫޢު ހިންގެވީ ނެދަރލޭންޑްސްގެ ވެންއޫޑް ޑްރެޖިންގ މެރިން ކޮންޓްރެކްޓަރއާ ޙަވާލުކުރައްވައިގެނެވެ.

ތުލުސްދޫގެ ބިން ހިއްކުމުގެ މަޝްރޫޢަކީ ބޮސްކާލިސް ކުންފުންޏާ ޙަވާލުކުރައްވައިގެން ހިންގެވި މަޝްރޫޢެކެވެ. މިމަޝްރޫޢުގެ ދަށުން ތުލުސްދޫން 33 ހެކްޓަރުގެ ބިން ވަނީ ހިއްކަވާފައެވެ. މިއާއެކު މިހާރު އެރަށުގެ ބޮޑުމިނަކީ 68 ހެކްޓަރެވެ.

ތުލުސްދޫގައި ހިއްކަވަފައިވާ ބިން އެކަށީގެންވާ ގޮތުގައި ބޭނުންކުރެއްވުމަށާއި ހިއްކި ސަރަޙައްދު ޙިމާޔަތްކުރެއްވުމަށް ބޮޑު ހިލަޖައްސަވައި ރަނގަޅު ފެންވަރުގެ އެއްގަމު ތޮށްޓެއްވެސް ލައިދެއްވާފައެވެ.