ޚަބަރު

މިއަދަކީ ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ދުނިޔޭގެ ރޭޑިއޯ ދުވަސް


ބަވަނަވަމުން އަންނަ ދުނިޔޭގައި، ޓެކްނޮލޮޖީގެ ގޮތުން ބޮޑެތި ކުރިއެރުންތައް ލިބި، އިންސާނުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަމުންދާ ބަދަލުތަކާއެކުވެސް، ކުރިން އާދަވެފައިވާ ބައެއް ކަންކަން މީހުން ދޫކޮށެއް ނުލައެވެ. ރޭޑިއޯ މިއީ މިކަމުގައި ފާހަގަކޮށްލެވޭ މިސާލެކެވެ. ކޮންމެ އަހަރެއްގެވެސް ފެބްރުއަރީ މަހުގެ 13 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ރޭޑިއޯ ދުވަހުގެ ގޮތުގައެވެ.

ރޭޑިއޯއަކީ ބްރޯޑްކާސްޓިންގައި ނުވަތަ އެއްތަނުން އަނެއްތަނަށް މަޢުލޫމާތު ފޯރުކޮށްދިނުމުގައި އެންމެ ގިނަދުވަސްވީ، އަދި މިހާރުވެސް ދުނިޔޭގެ ފެންވަރުގައި ގިނަ ބަޔަކު މަޢުލޫމާތު ހޯދުމަށް ބޭނުންކުރާ ވަޞީލަތެކެވެ. މީލާދީން އަށާރަސަތޭކައިގެ ފަހުގެ އަހަރުތަކުގައި ރޭޑިއޯ ސިގްނަލް މެދުވެރިކޮށް ތަފާތު މެސެޖްތައް އެއްތަނުން އަނެއްތަނަށް ފޮނުވުމުގެ ޓެސްޓްތަކާއި، ރޭޑިއޯ އުފެއްދުމުގެ ތަފާތު މަސައްކަތްތައް ބައެއް ޤައުމުތަކުގެ ދިޔައީ ތަޖުރިބާ ކުރަމުންނެވެ. އޭގެ ފަހުން ނަވާރަސަތޭކައިގެ ކުރީކޮޅު ރޭޑިއޯ އީޖާދުކުރެވި ފުރަތަމަ ފަހަރަށް ކޮމާރޝަލް ރޭޑިއޯ ދުނިޔޭގައި ތަޢާރަފްވެގެންދިޔައެވެ.

ރޭޑިއޯ ހިމެނިފައިވަނީ އެކި ކަންކަމަށް މީހުން ހޭލުންތެރިކުރުމަށް ބޭނުންކުރި އެންމެ މުހިއްމު އެއް ވަޞީލަތަށެވެ. ރޭޑިއޯ ޕްރޮގްރާމްތަކުގެ އަލީގައި ދުނިޔެއަށް ބޮޑު އިންޤިލާބުތައް ގެނުވިއެވެ. މިހާރު ގެންގުޅޭ ފޯނުތަކާއި، އަތުކުރީގަޑީގައިވެސް ރޭޑިއޯ އަޑުއަހާލެވޭގޮތަށް ހުރިނަމަވެސް، އެންމެ ކުރީގައި ފެނިގެންދިޔަ ރޭޑިއޯތަކަކީ މިއާ ޚިލާފަށް ބަލާބެލުމަށް އެހާ ކުޑަނޫން ފޮށްޓެއްގެ ސިފައިގައި ހުންނަ މެޝިނެކެވެ.

ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު، ރޭޑިއޯގެ ޚިދުމަތަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައި، އެގޮތުން، ކުރީން ހަމައެކަނި އޭ.އެމް މެދުވެރިކޮށް ރޭޑިއޯގެ ސިގްނަލް ފޮނުވި ނަމަވެސް މިހާރު، ބޭނުންކުރާ ގިނަ ޗެނަލްތައްވެސް ފޮނުވަމުންދަނީ އެފް.އެމް މެދުވެރިކޮށެވެ. މިހާރު އިންޓަނެޓް މެދުވެރިކޮށް ރޭޑިއޯ ލައިވްސްޓްރީމާއި، ތަފާތު އެޕްލިކޭޝަންތައް މެދުވެރިކޮށްވެސް ރޭޑިއޯ އަޑުއަހާލެވެއެވެ.

ރޭޑިއޯގެ ޚިދުމަތް ދުނިޔޭގައި ދޭންފެށިތާ ޤަރުނަކަށްވުރެވެސް ގިނަ އަހަރުފަހުން، ބައިނަލްއަޤްވާމީގޮތުން ރޭޑިއޯ ދުވަހެއް ފާހަގަކުރަން ފެށީ 2012 ވަނަ އަހަރުއެވެ. ޔުނެސްކޯއިން ދުނިޔޭގެ ރޭޑިއޯ ދުވަސް ފާހަގަކުރަން ފެށުމުގެ މައިގަނޑު މަޤްޞަދަކީ، މަޢުލޫމާތު ފަތުރާ މީޑިއަމެއްގެ ގޮތުން، ރޭޑިއޯއަކީ، މިހާތަނަށްވެސް އެންމެ މީހުން ބަލައިގަންނަ ގިނަދުވަސްވީ ވަޞީލަތަށް ވުމާއެކު މި ވަޞީލަތް ބޭނުންކޮށްގެން، ބްރޯޑްކާސްޓަރުންގެ މެދުގައި ދުނިޔޭގެ ފެންވަރުގައި އެއް އަމާޒަކަށް ގުޅިގެން މަސައްކަތް ކުރުމެވެ.

އެގޮތުން، މައުލޫމާތު ފެތުރުމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ އިތުރުން، ޖިންސްގެ ތަފާތުކުރުންތައް ނައްތާލުމަށް މުޅި ދުނިޔޭގައި އަޑުފެތުރުމެވެ. މިކަން ޙާޞިލުކުރުމަށް ދުނިޔޭގެ އެކި ޤައުމުތަކުގެ ރޭޑިއޯ ޖަމްޢިއްޔާތަކާއި، ރޭޑިއޯ ޗެނަލްތައް މެދުވެރިކޮށް ޔުނެސްކޯއިން ކޮންމެ އަހަރަކުވެސް ތަފާތު ޙަރަކާތްތަކެއް ހިންގަވައެވެ. މިއަހަރުގެ ބައިނަލްއަޤްވާމީ ރޭޑިއޯ ދުވަހަށް ޔުނެސްކޯއިން ކަނަޑައަޅާފައިވާ ޝިޢާރަކީ "ރޭޑިއޯ އިޒް ޔޫ" ނުވަތަ ރޭޑިއޯއަކީ ތިބާއެވެ. މިއީ ރޭޑިއޯ އަޑުއެހުންތެރިންނާއި، މުޖްތަމަޢުގެ ބައިވެރިވުމާއެކު ރޭޑިއޯ ބްރޯޑްކާސްޓިންގެ ކުރިއެރުވައި ތަރައްޤީކުރުމުގެ މަސައްކަތްތަކުގައި ހިމެނުމަށް ގޮވާލާ ޝިޢާރެކެވެ.

ދިވެހި ރާއްޖޭގައި އެންމެ ފުރަތަމަ ރޭޑިއޯގެ ޚިދުމަތް ފެށީ، 1962 ވަނަ އަހަރުއެވެ. އެއަހަރު ރާއްޖޭގައި ޤާއިމްކުރެވުނު ފުރަތަމަ ރޭޑިއޯ ސްޓޭޝަނުން، ފުރަތަމަ ފޮނުވި ޓްރާންސްމިޝަންގެ ދިގުމިނަކީ، 4 މިނެޓާއި ދެ ސިކުންތެވެ. ރާއްޖޭގެ އެންމެ ދުވަސްވީ ރޭޑިއޯ ޗެނަލް ދިވެހިރާއްޖޭގެ އަޑަށް 54 އަހަރު ފުރިފައިވާއިރު، ރޭޑިއޯގެ ޚިދުމަތަކީ ދިވެހިންގެވެސް ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑު އިންޤިލާބެއް ގެނުވި ވަޞީލަތެކެވެ.

އެގޮތުން 1990 ގެ އަހަރުތަކުގައި ސަރުކާރުން ފެއްޓެވި އަސާސީ ތަޢުލީމުގެ މަޝްއޫޢުގެ ދަށުން މީހުންނަށް ކިޔަވައިދިނުމާއި، ދީނި މައުލޫމާތާއި، ޞިއްޙީ މަޢުލޫމާތާއި ރީތި އާދަތަކާއި، މުނިފޫހި ފިލުވުމާއި، ދިވެހި ސަޤާފަތް ކުރިއެރުވުމަށް ބޭނުންވާ ގިނަ މަޢުލޫމާތުތަކެއް އޭރު ހުރި ހަމައެކަނި ރޭޑިއޯ ސްޓޭޝަނުން ދިވެހި ރައްޔިތުންނާއި ހަމައަށް ގެނެސްދީފައިވެއެވެ. އަދި މަސްވެރިކަމާއި ދަނޑުވެރިކަމާއި އިޤްތިޞާދީ އަދި އިޖްތިމާޢީ ދާއިރާއިން ދިވެހި ރައްޔިތުންގެ ހޭލުންތެރި ކުރުވުމާއި އެކަންކަން އުނގަންނައިދިނުމުގެ މުހިންމު ދައުރެއް ޤައުމީ ރޭޑިއޯއިން އަދާކުރިއެވެ.

ދުނިޔޭގެ އެކިތަންތަނުގައި ހިނގާ ބޮޑެތި ކަންކަމުގެ ޚަބަރާއި، މަޢުލޫމާތާއި ރާއްޖޭއަށް ދިމާވާ ކޮންމެ ޙާދިސާއެއްގެ މަޢުލޫމާތު އެންމެ އިތުބާރާއެކު ދިވެހިނަށް ލިބެނީ ރޭޑިއޯއިނެވެ. ފަހުގެ ތާރީޚްގައި ރާއްޖެއަށް ދިމާވި އެންމެ ނުރައްކާތެރި އެއް ހާދިސާ، 1988 ވަނަ ނޮވެމްބަރ 3 ގެ ޢުދުވާނީ ޙަމަލާ ވެރިރަށް މާލެއަށް އަމާޒިވިއިރު އަތޮޅުތެރޭގައި ތިބި ރައްޔިތުންނަށް މާލޭގައި ކަމެއް ހިނގައިގެން އުޅުނުކަންވެސް އެގުނީ ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތް މެދުކެނޑުމުންނެވެ.

އެދުވަސްވަރަކީ މާބޮޑެތި މުވާޞަލާތީ ވަޞީލަތެއް ނެތް ޒަމާނެއްކަމުން ހުރިހާ ރައްޔިތުންވެސް ތިބީ ދިވެހިރާއްޖޭގެ އަޑު އިވޭނެ އިރެއްގެ އިންތިޒާރުގައެވެ. މާލޭގައި ހިނގައިގެން އުޅޭ ކަންތަކުގެ މައުލޫމާތު އެންމެ ރަނގަޅަށް ދިވެހިންނަށް ލިބުނީވެސް ރޭޑިއޯ މެދުވެރިކޮށެވެ. މީގެއިތުރުން ގަލްފު ހަނގުރާމައިގެ މަޢުލޫމާތާއި ތަފާތު ބަލިތައް ރާއްޖެއިން ނައްތާލުމަށް ހޭލުންތެރި ކުރުވުމުގައި ރޭޑިއޯގެ ދައުރު ފާހަގަކޮށްލެވެއެވެ.

1969 އަހަރު ރާއްޖޭގައި ފެށި ރޭޑިއޯގެ ޚިދުމަތް ފުޅާވެ އަމިއްލަ ފަރާތަކަށް ރޭޑިއޯ ޗެނަލް ހިންގެވުމަށް ސަރުކާރުން 2008 ދެއްވި ހުއްދަޔާއެކު މިއަދު ރާއްޖޭ 11 ރޭޑިއޯ ޗެނަލް އޮޕަރޭޓް ކުރަމުންދެއެވެ. ރޭޑިއޯތައް ތަމްސީލްކުރާ ޖަމްޢިއްޔާއެއް އުފެއްދުމުގެ މަސަކަތްވެސް މިހާރު މިވަނީ ރާއްޖޭގައި ފަށްޓަވާފައެވެ. އެގޮތުން އެކަމަށް ޝައުގުވެރިވާ 6 ރޭޑިޔޯ ސްޓޭޝަންގެ މެދުގައި ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.

މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ރޭޑިއޯ ދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްޞަ ޕްރޮގްރާމްތަކެއް ދިވެހރާއްޖޭގެ އަޑާއި، ދިވެހި އެފް.އެމް އަދި ދީނުގެ އަޑުންވެސް މިއަދު ގެނެސްދިނުމަށް ހަމަޖެހިފައިވެއެވެ.