ފެނާއި ނަރުދަމާގެ ޚިދުމަތް ފަދަ އަސާސީ ޚިދުމަތްތައް ރައީސް ޔާމީންގެ މި ދައުރުގައި ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ދެއްވާނެ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ ތާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މި ސަރުކާރުގެ ފާއިތުމިވީ 3 އަހަރު ދުވަހުގެ ތެރޭގައި ފެނާއި ނަރުދަމާގެ ގިނަ މަޝްރޫޢުތަކެއް ވަނީ ހިންގަވާފައެވެ. އެގޮތުން 18 ރަށެއްގެ ނަރުދަމާ ނިޒާމްގެ މަސައްކަތް ނިންމަވާ، 15 ރަށުގެ ފެނުގެ މަސައްކަތް ވަނީ ނިންމަވާފައެވެ. އަދި 21 ރަށެއްގައި ނަރުދަމާ ޤާއިމް ކުރެއްވުމުގެ ޢަމަލީ މަސައްކަތް ފައްޓަވައިގެން ކުރިއަށްގެންދަވާއިރު 12 ރަށެއްގައި ފެނުގެ ނިޒާމް ޤާއިމް ކުރެއްވުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ. އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހިމް ވިދާޅުވީ، ފެނާއި ނަރުދަމާގެ މަސައްކަތްތަކަކީ މި ސަރުކާރުން ވަރަށް އިސްކަމެއް ދެއްވައިގެން ވަރަށް ކާމިޔާބުކަމާއެކު ކުރިއަށްގެންދަވާ މަޝްރޫޢުތަކެއް ކަމަށެވެ.
"ފެނާއި ނަރުދަމާގެ ޕްރޮޖެކްޓްތަކަކީ ވަރަށް ކާމިޔާބުކަމާއެކު މި ސަރުކާރުން ރައީސް ޔާމީން ކުރިއަށްގެންދަވާ ޕްރޮޖެކްޓްތަކެއް. އަޅުގަނޑު ހާމަކޮށްލަން ބޭނުންވާ އެއް ނުކުތާއަކީ މީއީ ހަމަ ތަރައްޤީގެ ޕްރޮޖެކްޓްތަކޭ. ބައެއް ބޭފުޅުން މިފަދަ ޕްރޮޖެކްޓްތަކަކީ ތަރައްޤީގެ ޕްރޮޖެކްޓްތަކެއް ނޫނޭ ވިދާޅުވިޔަސް މިއީ ހަމަ ތަރައްޤީގެ ބޮޑެތި ރައްޔިތުން ބޭނުންވެފައިހުރި ތަރައްޤީގެ ޕްރޮޖެކްޓްތަކެއްކަން އަޅުގަނޑު ހާމަކޮށްލަން ބޭނުން" މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ ތާރިޤް އިބްރާހިމް ވިދާޅުވިއެވެ.
މިއަހަރުވެސް ރާއްޖޭގެ އެކި ރަށްރަށުގައި ފެނާއި ނަރުދަމާގެ މަސައްކަތް އަލަށް ފެށްޓެވުމަށް ހަމަޖެހިފައިވާ ކަމަށާއި ބައެއް ރަށްރަށުގައި މި މަސައްކަތް ފެއްޓެވުމުގެ ގޮތުން ކޮންޓްރެކްޓަރެއް ހޯއްދެވުމަށް އިޢުލާން ކުރައްވާފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ބައެއް ރަށްރަށުގައި ފެނާއި ނަރުދަމާގެ ޑިޒައިންގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.