ކުޅިވަރު

މަޤާމުން އިސްތިޢުފާ ދޭކަށް ނުވިސްނަން - ވެންގާ


މަޤާމުން އިސްތިޢުފާ ދޭން ނުވިސްނާ ކަމަށް އާސެނަލްގެ ކޯޗް ވެންގާ ބުނެފިއެވެ.

ރޭ ހަލްސިޓީ އަތުން ދެލަނޑު ސުންލަނޑުން މޮޅުވި މެޗަށްފަހު ކޯޗް ވެންގާ ބުނީ މަޤާމުން އިސްތިޢުފާ ދޭން ބަޔަކު ގޮވި ނަމަވެސް އޭނާ އެކަމަށް ނުވިސްނާ ކަމަށާއި، ބޭނުންވަނީ ސަޕޯޓަރުން އުފާކޮށްދޭން ކަމަށެވެ. އަދި މަޤާމުގައި ހުރެ، އެކަން ކުރެވޭ ކަމަށް ޤަބޫލުކުރާ ކަމަށްވެސް 67 އަހަރުގެ ވެންގާ ބުންޏެވެ.

އާސެނަލް ނެރެމުންދާ ދަށް ނަތީޖާތަކުގެ ސަބަބުން ފަހަކަށް އައިސް އެކްލަބްގެ ސަޕޯޓަރުން ދަނީ ވެންގާ މަޤާމުން އިސްތިޢުފާ ދޭން ޖެހޭ ވަގުތު އައިސް ޖެހިއްޖެ ކަމަށް ބުނަމުންނެވެ. 1996 ވަނަ އަހަރު އާސެނަލްގެ ކޯޗްކަމާ ޙަވާލުވި އާސެން ވެންގާ ވަނީ އެކްލަބަށް ގިނަ ކާމިޔާބީތަކެއް ހޯދަދީފައެވެ. ޕްރިމިއަރ ލީގުގައި ރޭ އާސެނަލް ދެލަނޑު ސުންލަނޑުން މެޗް ކާމިޔާބުކޮށް ތާވަލްގެ 3 ވަނައަށް ޖެހިލިއިރު، ރޭގެ މެޗްގައި އާސެނަލްގެ ދެލަނޑުވެސް ކާމިޔާބުކޮށްދިނީ އެލެކްސިސް ސަންޗޭޒެވެ. އާސެނަލްއަށް ކުރިއަށް އޮތީ ޗެމްޕިއަންސް ލީގު 2 ވަނަ ބުރުގައި ބަޔާން މިއުނިކާ ވާދަކުރަން ޖެހޭ މެޗެވެ.