ޚަބަރު

އެގާރަހާސް އައު މެމްބަރުންގެ ސޮއި ޕީޕީއެމްއަށް ހޯދައިފި


ސަރުކާރުން ހިންގާ މައި ޕާޓީ ޕީޕީއެމްއަށް 100,000 މެމްބަރުން ހަމަ ކުރުމުގެ ގޮތުން އެޕާޓީން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން 11,000 މެމްބަރުންގެ ސޮއި އެޕާޓީއަށް ހޯދައިފިއެވެ. މި މެމްބަރުންގެ ފޯމްތައް މިއަދު ވަނީ ޕީޕީއެމްއާ ޙަވާލުކޮށްފައެވެ. ތާޖުއްދީން ސްކޫލްގައި މިރޭ އޮތް ޙަފްލާއެއްގައި ޕީޕީއެމްއާ އަލަށް ގުޅުނު 11،000 މެމްބަރުންގެ ފޯމްތަކާ ރަސްމީގޮތުން ހަވާލުވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާޙީމެވެ.

ސަރުކާރުން ހިންގާ މައިޕާޓީ ޕީޕީއެމްއަށް މެމްބަރުން އިތުރު ކުރުމަށް އެޕާޓީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕާޓީގެ އެކި ޓީމުތައް އަންނަނީ ޙަރަކާތްތެރިވަމުންނެވެ. އެޕާޓީން މީގެކުރިން ބުނެފައި ވަނީ ރާއްޖޭގައި އޮތް އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީއަކަށް އެޕާޓީ ހަދާނެ ކަމަށެވެ. އަދި އެކަން ފުރިހަމަ ކުރުމަށްފަހު މިހާރު އެޕާޓީގެ އަމާޒަކަށް ވެފައި ވަނީ، އެޕާޓީއަށް 100،000 މެމްބަރުން ހަމަކުރުމެވެ.

ޕީޕީއެމްއިން ބުނީ އެޕާޓީން 11،000 މެމްބަރުންގެ ސޮއި ހޯދާފައި ވަނީ ޕާޓީގެ އެކި މެމްބަރުން ޓީމުތަކަށް ބަހާލައިގެން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ގޮސް ކަމަށެވެ. އަދި މިއަދު ޕީޕީއެމްއަށް ވަންނަން ބޭނުންވާ މީހުން ގިނަވަމުން އަންނަ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

މި ޙަފްލާގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ މި ދުވަސްވަރަކީ ރާއްޖޭގެ ބައެއް ސިޔާސީ ޕާޓީތަކުގެ ލީޑަރުން، އެހެން ޤައުމުތަކުގައި ހިންގާ ސިޔާސީ މުޒާހަރާގައި ބައިވެރިވަމުން އަންނަ ދުވަސްވަރެއް ކަމަށެވެ. އަދި އެހެން ޤައުމުތަކުގެ މަގުތައް މަތީގައި ކުރާނެ ކަމެއް ނެތިގެން ބައެއް ސިޔާސީ ވެރިން އުޅެމުން އަންނަ ކަމަށާއި، އެބޭފުޅުން ބޭނުންވަނީ ނޫހުގެ ސުރުޙީއަށް އަރަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެހެންނަމަވެސް މި އެގާރަހާސް ފޯމް މި ބުނެދެނީ، ދެން މިޤައުމުގައި އެބޭފުޅުންނަށް އެއްވެސް ފުރުޞަތު ނެތްކަން. ހަމަ އެއްވެސް ފުރުޞަތެއް ނެތްކަން. ދިވެހި ރައްޔިތުން ދެން ބޭނުމެއް ނުވޭ، މި ޤައުމު ފަނާ ކުރާކަށް،" މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.

ޕީޕީއެމްއަށް އަލަށް އެގާރަހާސް މެމްބަރުން ގުޅުނުއިރު ޕީޕީއެމްއިން ވަނީ އެޕާޓީގެ އައު އޮފީސްވެސް ހުޅުވާފައެވެ. މި އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ޕީޕީއެމްގެ ނައިބު ރައީސް ޢަބްދުއްރަޙީމް ޢަބްދު ﷲ ވިދާޅުވީ އެޕާޓީން އަންނަ ރިޔާސީ އިންތިޚާބާއި ކުރިމަތިލާނީ އެއްލައްކަ ފަންސާސްހާސް މެމްބަރުންނާއި އެކު ކަމަށެވެ.