ޚަބަރު

ބީއެމްއެލުން ހުޅުމާލެ ސާފުކުރުމުގެ ހަރަކާތެއް ހިންގައިފި


ބޭންކު އޮފް މޯލްޑިވްސްއިން ހުޅުމާލެ ސާފުކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ. މި ޙަރަކާތަކީ ބޭންކް އޮފް މޯލްޑިވްސް އިން މިހާރު ކުރިއަށްގެންދާ "އަހަރެންގެ ބޭންކު ދިވެހިންގެ ބޭންކު" މި ޝިއާރުގެ ދަށުން ކުރިއަށްގެންދިޔަ ޙަރަކާތެކެވެ. img:http://s2.psmnews.mv/images/660x400/14868272685902.jpg|ބީއެމްއެލުން ކުރިޔަށް ގެންދިޔަ ހުޅުމާލެ ސާފުކުރުމުގެ ހަރަކާތުގައި ބައިވެރިވި އެ ބޭންކުގެ މުވައްޒަފުން - ފޮޓޯ: ޕީއެސްއެމް

"އަހަރެންގެ ބޭންކު ދިވެހިންގެ ބޭންކު" މި ޝިއާރުގެ ދަށުން ބޭންކް އޮފް މޯލްޑިވްސްއިން މިހާރު ކުރިއަންގެންދާ ހަރަކާތްތަކަކީ ބޭންކް އޮފް މޯލްޑިވްސްއާއި މުޖުތަމަޢުއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް ބޭންކުގެ ފަރާތުން މުޖުތަމައުއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކެއް ކަމަށް އެ ބޭންކުން ބުނެއެވެ. މިއަދު ހަވީރު ކުރިއަށްދިޔަ މިހަރަކާތުގައި ހުޅުމާލޭ ނިރޮޅުމަގު ގޮނޑުދޮށުން ފެށިގެން ހުޅުމާލޭ ބާބަކިރު އޭރިއާއާއި ހަމައަށް ގޮނޑުދޮށް ވަނީ ސާފުކޮށްފައެވެ. ބޭންކް އޮފް މޯލްޑިވްސްއިން މިހާރު ފަށާފައިވާ އަހަރެންގެ ބޭންކު ދިވެހިންގެ ބޭންކު ކެމްޕެއިންގެ ދަށުން މުޖުތަމަޢުއަށް ފައިދާހުރި ގިނަ ކަންތައްތަކެއް ކުރުމަށް ރާވާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސްގެ މެނޭޖަރ ޕަބްލިކް ރިލޭޝަން މުޙައްމަދު ސައީދު ވިދާޅުވިއެވެ.

މިހަރަކާތުގައި ބޭންކުގެ ދުއިސައްތައަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވެފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ބުނެއެވެ. މިހަރަކާތުގައި ބައިވެރިވި ބޭންކުގެ މުވައްޒަފުން ބުނީ، މުޖުތަމަޢުއަށް ފައިދާހުރި މިފަދަ ކަމެއްގައި ބައިވެރިވުމުން ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.