އައިޑިއަލް ބޯޓް ބިލްޑިންގް ކޮމްޕެނީން ރ. އިންނަމާދޫ ސްކޫލްގައި ބިނާކުރި މިސްކިތް ހުޅުވައިފިއެވެ.
މި މިސްކިތް ހުޅުއްވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކާއި ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިއެއް ކަމަށްވާ އައްޝައިޚް އަޙްމަދު ސަމީރު އިބްރާހީމާއި އައިޑިއަލް ބޯޓް ބިލްޑިންގް ކޮމްޕެނީގެ ވެރިންގެ ޢާއިލީ ބޭފުޅެއްކަމަށްވާ އަލްފާޟިލް އާދަމް ޝަމްވީލެވެ.
މި މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވީ ރާއްޖޭއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށް ވުމާއެކު ސްކޫލްތަކުގައި މިސްކިތްތައް ބިނާކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ކޮންމެ ސްކޫލެއްގައިވެސް މިސްކިތެއް ބިނާކުރަންޖެހޭ ގޮތަށް ކަނޑައެޅެން ޖެހޭކަމަށް ނިހާނު ވިދާޅުވިއެވެ. އަދި މިފަދަ މަސައްކަތްތަކުގައި ރާއްޖޭގެ ވިޔަފާރިވެރިންގެ އެހީތެރިކަން ލިބިގެންދާނެ ކަމަށް ޔަޤީންކުރައްވާ ކަމަށް ނިހާނު ވިދާޅުވިއެވެ.
"މުސްތަޤްބަލުގައި މަޖިލީހުގެ ތެރޭގައި އަޅުގަނޑުމެންނަށް ކުރެވޭ މަސައްކަތުގައި ވެސް ފަހަރުގައި އަޅުގަނޑުމެންނަށް ޗެޕްޓަރެއް އިތުރުކުރެވިދާނެ ކަމާއި ބެހޭ ޤާނޫނުތަކާ ދައުލަތުގެ މައްޗަށް އެ ފަރާތްތަކަށް އަޅުގަނޑުމެންނަށް ލާޒިމްކުރެވިދާނެ ދެން އަޅާ ސްކޫލްތަކެއްގައި ދަރިވަރުން ނަމާދުކުރާނެ މިސްކިތެއް ސްކޫލުގެ އެ އިމާރާތުގެ ތެރެއަށް އިތުރުކޮށްދެއްވުމަށް." ނިހާން ވިދާޅުވިއެވެ.
ޕީއެސްއެމްއަށް މަޢުލޫމާތު ދެއްވަމުން އައިޑިއަލް ބޯޓް ބިލްޑިންގް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ރައީފް ވިދާޅުވީ މި މަސައްކަތަކީ މާތްﷲ ގެ ދަރުމައާއި ޘަވާބަށް އެދިވަޑައިގެން ކުރެއްވި މަސައްކަތެއް ކަމަށެވެ.
"އަޅުގަނޑު ސްކޫލް ނިންމިތާ 15 އަހަރު ފަހުން ސްކޫލަށް ކުރި ޒިޔާރަތެއްގައި ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވީ ސްކޫލްގައި ކުދީންނަށް ނަމާދުކުރެވޭނެ ގޮތެއް އެހާ ހިސާބަށް ވެސް ހަމަޖެހިފައި ނެތް ވާހަކަ. އެހާ ހިސާބުން އަޅުގަނޑުމެން ނިންމީ އައިބީބީގެ މެނޭޖްމެންޓާ މަޝްވަރާކޮށްގެން، އިންނަމާދޫ ސްކޫލުގައި ކުދީންނަށް މިސްކިތެއް ބިނާކުރެވޭނެ ގޮތްތަކެއް ހޯދައިދޭން." ޙަސަން ރައީފް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާޙާއި ނިލަންދޫ ދާއިރާގެ މެމްބަރ ޑރ. ޢަބްދުﷲ ޚަލީލާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުޙައްމަދު އަމީތުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
133ކުދީން ތަޢުލީމު ޙާޞިލްކުރާ އިންނަމާދޫ ސްކޫލްގައި ބިނާކުރި މި މިސްކިތަކީ 80 ކުދީންގެ ޖާގައިގެ މިސްކިތެކެވެ. އެ ސްކޫލްގައި ގްރޭޑް 10 އާ ހަމައަށް ކިޔަވައިދެއެވެ. އިއިޑިއަލް ބޯޓް ބިލްޑިންގް ކޮމްޕެނީ (އައިބީބީ) އަކީ އިންނަމާދޫގެ ތަރައްޤީއަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްދޭ ޖަމްޢިއްޔާއެކެވެ. އިންނަމާދޫގައި ހިނަވާގެއެއް އެޅުމަށްވެސް އެ ކުންފިނިން ވަނީ ނިންމާފައެވެ.