ޚަބަރު

މިރޭ ފަތިސްނަމާދަށްފަހު ކޭތަ ނަމާދުކުރުން އޮންނާނެ


މިރޭ ރާއްޖެއަށް ހަނދު ކޭތަ ފެންނާނޭކަމަށް ފަލަކީ ހިސާބުތަކުން ދައްކާތީ، ރާއްޖޭގެ ހުރިހައި ރަށެއްގައި، ހަނދުކޭތަ ނަމާދު ކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް އިން ނިންމަވައިފިއެވެ.

ކޭތަ ނަމާދު ކުރުމާބެހޭ ގޮތުން އެމިނިސްޓްރީން ޢާއްމުކުރައްވާފައިވާ ބަޔާނެއްގައިވަނީ، 14 ޖުމާދުލްއޫލާ 1438 ވާ ހޮނިހިރު ވިލޭރޭ މެންދަމު 03:35 އާއި 07:53 އާއި ދެމެދު ހަނދުކޭތަ ހިފާނޭކަމަށެވެ. އަދި މިހަނދުކޭތަ، ރާއްޖެއަށް ފެންނާނޭކަމަށް ފަލަކީ ހިސާބުތަކުން ދައްކާތީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ މިސްކިތެއްގައި، މިރޭ ފަތިސްނާމަދަށް ފަހު، ފަސްމިނެޓުގެ ވަގުތުކޮޅަކަށްފަހު ކޭތަ ނަމާދުކުރުން އޮންނާނޭކަމަށެވެ.

މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ހުންނަ އެންމެ ބޮޑު މިސްކިތެއްގައި، ކޭތަ ނަމާދު ކުރެވޭނޭ އިންތިޒާމް ހަމަޖެއްސެވުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އަތޮޅު ކައުންސިލްތަކަށާއި ރަށުކައުންސިލްތަކަށްވެސް އަންގަވާފައެވެ.

ކޭތަނަމާދުގެ ޚުޠުބާ އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓްގައިވެސް މިހާރު ވަނީ ޝާއިޢުކުރައްވާފައެވެ.

އިސްލާމިކް މިނިސްޓްރީން ކުރިން ނެރުއްވި ޢިއުލާނުގައި، މާދަމާރޭ ކޭތަ ނަމާދު ކުރުމަށް ހަމަޖެހިފައިވާކަމަށް ބަޔާންކުރައްވާފައިވީ ނަމަވެސް އެމިނިސްޓްރީން ފަހުން ނެރުއްވި ޢިއުލާނެއްގައި ވަނީ މިރޭ ރާއްޖެއަށް ހަނދުކޭތަ ފެންނާނެކަމަށާއި، މިރޭގެ ފަތިސްނަމާދަށްފަހު ކޭތަ ނަމާދުކުރުން އޮންނާނެ ކަމަށެވެ.