މޯލްޑިވްސް ފެސްޓިވަލް އޮފް އާރޓްސް ފަށައިފިއެވެ.
ނޭޝަނަލް ސެންޓަރ ފޮރ ދި އާރޓްސް، އެންސީއޭ އަދި ޝްވަޗް ގުޅިގެން އާރޓް ގެލަރީގައި ބާއްވާ މިފެސްޓިވަލް އިފްތިތާޙްކޮށްދެއްވީ މައި ކޮލެޖްގެ ރެކްޓަރ، ޑރ. އާމާލް ޢަލީއެވެ.
މޯލްޑިވްސް ފެސްޓިވަލް އޮފް އާރޓްސް މިއަދު އިފްތިތާޙްކޮއްދެއްވަމުން ޑރ. އާމާލް ޢަލީ ވިދާޅުވީ، މިފަދަ ފުރުޞަތުތަކުގެ ސަބަބުން ޒުވާނުންނަކީ، މުޖުތަމަޢަށް ފައިދާކުރަނިވި ބަޔަކަށްވެ، އާރޓްސްގެ ހުނަރު ދައްކާލުމުގެ ފުރުޞަތު މަގުފަހިވެގެން ދާނެކަމަށެވެ. އަދި މިއީ ރާއްޖޭގައި އާރޓްގެ ދާއިރާ ކުރިއަރާ މުއްސަނދިވެގެންދާނެ ފަދަ ފުރުޞަތެއްކަން ފާހަގަކުރައްވައި، ޒުވާނުންގެ ހުނަރު އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށް އަމިއްލަވަންތަކަމަށް ލޯބިކުރުމަށް ޑރ. އާމާލް ޢަލީ އިލްތިމާސް ކުރެއްވިއެވެ.
މި ފެސްޓިވަލްގައި އެކި ޖަމްޢިއްޔާ ޖަމާޢަތްތަކާއި، އަމިއްލަ ފަރުދުން ހިމެނޭ ގޮތަށް 35 ސްޓޯލެއްގައި 80 ފަންނާނުންގެ ކުރެހުން ހިމަނާފައިވެއެވެ.
ކުރެހުމާއި، އާރޓް އަދި ކްރާފްޓާއި ޕޯސްޓަރ ފަދަ ތަކެތި މި ފެސްޓިވަލުގައި ހިމަނާފައިވާއިރު ގިނަ ކުރެހުންތަކުގައި ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، ޘަޤާފަތާއި އާދަކާދަ ސިފަކޮށްދީފައިވާކަން ފާހަގަކޮށްލެވެއެވެ.
ތިންދުވަހަށް ދެމިގެންދާ މިފެސްޓިވަލަށް ވަނުމުގެ ފުރުޞަތު ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 10:00 އިން ރޭގަނޑު 10:30 އާއި ހަމައަށް އާންމުންނަށް ވަނީ ހުޅުވާލާފައެވެ.