ޚަބަރު

ޙުސައިން ޢަލީގެ "އަ ސީކްރެޓް ވީ ޝެއަރ" ޅެން ފޮތް ނެރެފި


ޒުވާން ލިޔުންތެރިޔާ ޙުސައިން ޢަލީ، އިނގިރޭސިބަހުން ލިޔުނު ޅެންފޮތް "އަ ސީކްރެޓް ވީ ޝެއަރ" ނެރެފިއެވެ.

ޕަބްލިކް ސަރވިސް މީޑިއާގެ މާލްދީބް މަޖައްލާގެ ސްޓާފް ރައިޓަރ ޢުމުރުން 21 އަހަރުގެ ޙުސައިން ޢަލީގެ މި ޅެން ފޮތަކީ، އަމިއްލަ ޙަޔާތުގައި ދިމާވެފައި ހުރި ކަންކަމަށް ބިނާކޮށް، އެކުލަވާލައިފައިވާ ޅެންތަކެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފޮތެކެވެ.

މަޝްހޫރު ފޭސްބްކް ޕޭޖްތަކުގައި އޭނާގެ ޅެންތައް ހިމަނާފައިވާ ރާއްޖޭގެ ކުޅަދާނަ ލިޔުންތެރިޔާ ޙުސައިން ޢަލީ، އިނގިރޭސިބަހުން ލިޔުނު ޅެންތައް ހިމެނޭ "އަ ސީކްރެޓް ވީ ޝެއަރ" ޅެންފޮތް ނެރެދެއްވީ ދިވެހިރާއްޖޭގެ އަޑުގެ ސިނެކޯމާލަމްގައި ބޭއްވި ޙަފްލާއެއްގައި މޯލްޑިވްސް ޔޫތް މޫވްމަންޓްގެ ރައީސް ޢައްޒާމް އިބްރާހީމްއެވެ.

ޕަބްލިކް ސަރވިސް މީޑިއާގެ މާލްދީބް މަޖައްލާގެ ސްޓާފްރައިޓަރެއްގެ ގޮތުގައި ޙަރަކާތްތެރި ދައުރެއް އަދާކުރަމުން އަންނަ، ޢުމުރުން 21 އަހަރުގެ ޙުސައިން ޢަލީ އިނގިރޭސިބަހުން ތައްޔާރުކުރި މި ޅެން ފޮތް ލިޔެފައިވަނީ ޖުމްލަ 6 މަސް ދުވަހުގެ ތެރޭގައެވެ. އޭނާ ބުނިގޮތުގައި އިނގިރޭސިން ޅެން ލިޔަން ފެށީ އޭނާގެ ދައްތަ މީގެ ދެއަހަރު ކުރިން ނިޔާވުމާ، ގުޅިގެން ދިރިއުޅުމުގައި ދިމާވި ކަންކަމުގެ މައްޗަށް ބިނާކޮށްކަމަށެވެ.

img:http://s3.psmnews.mv/images/660x400/14867578549914.jpg|"އަ ސީކްރެޓް ވީ ޝެއަރ" ޅެންފޮތް ނެރުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް

"މާލްދީބުގެ ރައީޓަރއަކަށް އުޅެމުން މިކަން ކުރުންވީ ވަރަށް ބުރަ މަސައްކަތަކަށް. ދެން އެހެން އުޅެލާފަ ހުސްވަގުތެއް ލިބިއްޖެއްޔާ އަބަދުވެސް ކޮންމެވެސް ކަހަލަ ޅެމެއްލިޔެލަން. އާންމޮކޮށް ޅެން ލިޔެފައި ހުންނާނީ ފޯނުގައި. ގިނަ ފަހަރު ފެރީތެރޭގައި އިނދެގެން ނޫނީ ކާރުގައި އިނދެގެން ޅެންތަށް ލިޔެފައި ހުންނާނީ." ޅެންތައް ލިޔަން ވަގުތު ހޯދިގޮތް ހުސައިން ޢަލީ ކިޔައިދިނެވެ.

ހަތަރު ބާބަކަށް ބަހާލެވިފައިވާ "އަ ސީކްރެޓް ވީ ޝެއަރ"  ޅެން ފޮތުގައި 120 ޅެން ހިމެނެއެވެ. މި ޅެން ފޮތް ނެރުމަށްފަހު ވާހަކަދައްކަމުން މޯލްޑިވްސް ޔޫތް މޫވްމަންޓްގެ ރައީސް ޢައްޒާމް އިބްރާހީމް ވިދާޅުވީ، ޙުސައިން ޢަލީ ފަދަ ޒުވާން އާރޓިސްޓަކު މިފަދަ ފޮތެއް ނެރުމަކީ ދިވެހި ހުރިހާ ޒުވާން ކުދިންނަށްވެސް ވަރަށް ރަނގަޅު މިސާލެއްކަމަށެވެ.

ޙަޔާތުގައި ދިމާވާ ކޮންމެ ކަމަކުންވެސް އަރައިގަނެވޭނެކަން ދައްކައިދޭ އަދި ހާމަކޮށްދޭ ގޮތަށް ޅެންތައް މިފޮތުގައި ލިޔެފައިވާއިރު، މިޙަފްލާގައި ޙުސައިންގެ ގާތް ރަޙްމަތްތެރިން ވަނީ އޭނާގެ މަސައްކަތަށް ތައުރީފްކޮށް، "އަ ސީކްރެޓް ވީ ޝެއަރ" ގައި ހުރި އެކުދިންނަށް ފާހަގަކުރެވޭ ޅެންތަށް ހުށައަޅައިދީފައެވެ.

img:http://s3.psmnews.mv/images/660x400/14867578313245.jpg|"އަ ސީކްރެޓް ވީ ޝެއަރ" ޅެންފޮތް ނެރުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް

"އަ ސީކްރެޓް ވީ ޝެއަރ" ޅެން ފޮތް ޙުސައިން ޢަލީ މިއަދު ވަނީ ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލަށް ހަދިޔާކޮށްފައެވެ. މި ރަސްމިއްޔާތުގައި ޙުސައިން ޢަލީގެ މަސައްކަތަށް ޕީއެސްއެމްގެ ވެރިން ވަނީ ހިއްވަރުދީ ތަޢުރީފްކޮށްފައެވެ. އަދި މާލްދީބު މަޖައްލާގެ ޓީމްވެސް މިކަމުގައި ބައިވެރިވެ ޙުސައިން ޢަލީއަށް ތަރުޙީބު ދީފައިވެއެވެ.

"އަ ސީކްރެޓް ވީ ޝެއަރ"  ޅެންފޮތް ޙުސައިން ޢަލީގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ކޮންޓެކްޓް ކޮށްގެން މިހާރު ލިބޭނެކަމަށާއި، ވަރަށް އަވަހަށް އެފޮތް ބުކްޝޮޕްތަކުން ލިބޭނެ އިންތިޒާމް ހަމަޖައްސާނެކަމަށް ޙުސައިން ވަނީ ބުނެފައެވެ.

އޭނާ އެކުލަވާލި މި ޅެން ފޮތުގެ ބައެއް ޅެން ވިޒުއަލް ފޮތެއްގެ ސިފައިގައިވެސް ނެރެން މަސައްކަތްކުރާކަމަށް، ފޮތް ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ހުސައިން ޢަލީ ބުނެފައިވެއެވެ.