ޚަބަރު

ޒަމާނީ ޓެކްނޮލޮޖީއަކީ ދެބައޮޑުވުމަށް އޮތް މަގަކަށް ނަހަދަމާ!


ޒަމާނީ ޓެކްނޮލޮޖީއާއެކު ދެބައޮޑުވުމުގެ ބަލި އިތުރަށް ފެތުރެމުންދާތީ، އެކަމަށް ސަމާލުކަންދީ ރައްކާތެރިވުމަށް ރާއްޖޭގައި ދެއްވި މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައްވައިފިއެވެ.ދެބައޮޑުވުމާއި އެކަމުގެ ނުރައްކާތެރިކަމުގެ މައްޗަށް ރާއްޖޭގެ މިސްކިތްތަކުގައި ދެއްވި ޚުޠުބާގައި ސިފަކުރައްވާފައިވާ ގޮތުގައި ދެބައޮޑުވުމަކީ، ހިތުގެބަލިތަކުގެ ތެރޭގައި ހިމެނޭ ވަރަށް ނުރައްކާތެރި ބައެއްޔެކެވެ. ދުލުގެ އާފާތްތަކުގެ ތެރޭގައި ހިމެނޭ ބޮޑު އާފާތެކެވެ. އަދި އިޖްތިމާޢީ ވަބާތަކުގެތެރޭގައި ހިމެނޭ ބޮޑު އާފާތެކެވެ.

ޚުޠުބާގައި ފާހަގަކުރައްވާފައިވާ ގޮތުގައި ޒަމާނީޓެކްނޮލޮޖީއާއި މުވާޞަލާތީ ތަރައްޤީގެ ބޭނުންކޮށްގެން ދެބައޮޑުވުން ދަނީ ބާރަށް ފެތުރެމުންނެވެ. އެކަމުގެ ނުރައްކާ އިތުރުވެ، އެކަމުގެ ސަބަބުން މުޖުތަމަޢުގެ އަފްރާދުންނަށް ގެއްލުން ލިބި، އެކަކު އަނެކަކު ހަތުރުންނަށް ހަދަމުން ގެންދާކަމަށާއި އެކަމުގެ ސަބަބުން މުޖުތަމަޢު ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލަމުންދާކަމުގެ އިންޒާރު ޚުޠުބާގައި ދެއްވާފައިވެއެވެ. ދެބައޮޑުވުމަކީ ކޮބައިކަން ޚުޠުބާގައި ބަޔާންކުރައްވާފައިވާ ގޮތުން އެއީ، މީސްތަކުންގެ މެދުގައި ދޭތެރެ ޖެއްސުމަށްޓަކައި އެކެއްގެ ނުބައި ވާހަކަ އަނެކެއްގެ ގާތުގައި ދެއްކުމެވެ. ދޭދޭ ފަރުދުންގެ މެދުގައި އޮންނަ ރަނގަޅު ގުޅުން ފަސާދަކުރުމެވެ. ރުޅިވެރިކަން އުފައްދައި މުޖުތަމަޢު ނާމާންކުރުމެވެ. ދެބައޮޑުވާ މީހާގެ ޢަމަލުތައް ހުންނާނެ ގޮތް ބަޔާންކުރައްވައި އޭނާއަކީ އެއްސިފައަށްވުރެ އަނެއްސިފައިގެ ނުބައިކަން ބޮޑު މީހެއްކަމަށް ވިދާޅުވެފައިވެއެވެ.

"މީސްތަކުން އޭނާގެ ބަސް ޤަބޫލުނިކޮށްފާނެތީ، އޭނާއަކީ ގިނަގިނައިން ހުވާކުރާ މީހެކެވެ. ކިތަންމެ ރީތި ހެދުމެއް ލައިގެން ހުއްޓަސް އޭނާއަކީ ޤަދަރެއް ނެތް މީހެކެވެ. އޭނާއަކީ އެހެން މީހުންނަށް ޙަސަދަވެރި މީހެކެވެ. އެހެން މީހަކަށް އޭނާ އެއްވެސް ހެވަކަށް ނޭދޭނެތެވެ. އެހެން މީހަކަށް ހެޔޮކަމެއް ލިބިއްޖެނަމަ، އެކަމާމެދު ދެރަވާނެތެވެ. އެ ނިޢުމަތް އޭނާގެ ކިބައިން ނިގުޅައިގަނެވޭތޯ މަސައްކަތްކުރާނެއެވެ. ޝަކުވާތަކާއި ކުޓުވުންތައް ގިނަކޮށްގެންނެވެ. ފުރައްސާރަކޮށްގެންނެވެ." ޚުޠުބާގައި ބަޔާންކުރައްވާފައިވެއެވެ.

ޚުޠުބާގައި ބަޔާންކުރައްވާފައިވާ ގޮތުގައި މީހަކަށް ލިބޭ ހެޔޮކަމެއް ނިގުޅައިގަތުމަށް ކުރާ މަސައްކަތުގައި އެހެން މީހެއްގެ ޙައްޤަކަށް، އިންޞާފަކަށް ދެބައޮޑުވާ މީހާއެއް ނުބަލާނެއެވެ. އޭނާއަކީ މާތް ﷲ ޙަރާމްކުރައްވާފައިވާ ކަންތައްތަކަށް އަރައިގަނެ، އެކަމުގައި ހައްދުފަހަޅައި ގޮސްފައިވާ އަދި އެހެން މީހުންނަށް ގޯނާކުރުމަށް ލޯބިކުރާ މީހެކެވެ.

img:http://s2.psmnews.mv/images/660x400/14590183742938.jpg|ބަޔަކު ވާހަކަދައްކާލަން މަޑުކޮށްލައިގެން- ފައިލް ފޮޓޯ: ޕީއެސްއެމް

ޚުޠުބާގައި ވިދާޅުވެފައިވާ ގޮތުން، ދެބައޮޑުވާ މީހާއަކީ ދެފުށް ދެގޮތް މީހަކަށް ވުމާއެކު އޭނާ ތަފާތު މީހުންގެ ގާތަށް ދާނީ ތަފާތު ފޭރާމެއްގައި ތަފާތު މޫނަކައިގެންނެވެ. އޭނާގެ މަޞްލަޙަތާ އެއްގޮތަށް އޭނާގެ ކުލަ ބަދަލުކޮށްލާނެއެވެ. މަޖިލިސްތަކާއި ބައްދަލުވުންތަކާއި ވައިބަރގްރޫޕްތަކުގައި އޭނާގެ މަސައްކަތަކަށް ވާނީ މީހުންގެ އަބުރު ކަތިލުމެވެ. ޖެއްސުންކުރުމާއި ކުށެއް ނެތް މަޢުޞޫމް މީހުންނަށް ލަނޑުދީ، އެކަމާ އުފާފާޅުކޮށް ހަޖޫކިޔުމެވެ. ދެބައޮޑުވާ މީހާ މަސައްކަތްކުރަނީ އެހެން މީހެއްގެ ފުށުން ފެންނަ ކޮންމެ ހެޔޮކަމެއް ފޮރުވައި އެއަށް ފަސްއަޅައި، ކުޑަކުޑަ ކަންފުޅެއްގެ ނުބައިކަމެއް ފެނުނުނަމަވެސް އެކަމެއް ބޮޑުކޮށް ފާޅުކުރަމުންނެވެ. ދެބައޮޑުވާ މީހުންގެ ނުބައި މަސައްކަތުން ނިކުންނަ ނަތީޖާގެ މައްޗަށްވެސް ޚުޠުބާގައި ބައްލަވާލައްވާފައިވެއެވެ.

"ލޯތްބާއި ކުލުނާއި ވަފާތެރިކަންމަތީ އުޅުނު ކިތައް ދެމަފިރިންގެ ޙަޔާތް، ދެބައޮޑުވުމުގެ ސަބަބުން ބަރުބާދުވެފައި ވޭހެއްޔެވެ. އެކުވެރިކަމާއި އެއްބަނޑު އެއްބަފާކަންމަތީ ދިރިއުޅެމުން ދިޔަ ކިތައްކިތައް ޢާއިލާ ދެބައޮޑުވުމުގެ ސަބަބުން ޠޫފާނުގައި ޖެހި ޚަރާބުވެ، ހަތުރުވެރިވެފައިވޭ ހެއްޔެވެ. އެއް އޮފީހެއްގައި ނުވަތަ އެއް މުއައްސަސާއެއްގައި އެކުއެކީގައި ރަޙްމަތުތެރިކަމާއެކު މަސައްކަތްކުރަމުން ދިޔަ ކިތައް މުވައްޒަފުންނަށް ދެބައޮޑުވުމުގެ ނާމާ ކޮޅިގަނޑުގައިޖެހި ވަޒީފަގެއްލި އެކުވެރިކަން ގެއްލި މޫނުކެނޑިފައި ވޭހެއްޔެވެ. ވެރީންނާއި އެމީހުންގެ ދަށުގައި މަސައްކަތްކުރާ މީހުން ޖެހި، އެމީހުންގެ ކުރިއެރުމާއި ޙައްޤު އުޖޫރަ ނުލިބި އެބަތިބިހެއްޔެވެ."  ޚުޠުބާގައި ބަޔާންކުރައްވާފައިވެއެވެ.

ޚުޠުބާގައި ބަޔާންކުރައްވާފައިވާ ގޮތުގައި ދެބައޮޑުވާ މީހުންނަކީ، އެމީހުންގެ ދީން ވިއްކާލާފައިވާ ބައެކެވެ. އެމީހުންނަކީ އެހެން މީހުންގެ ރުހުން ހޯދުމަށްޓަކައި ﷲ ގެ ކޯފާގެ ތެރެއަށް ވެއްޓިގެންފައިވާ ބައެކެވެ.