މުނިފޫހިފިލުވުން

ތިއޭޓަރ ރައުންޑުގެ ދެވަނަ ބުރަށް 24 ބައިވެރިއަކު ދަތުރުކޮށްފި


ވާދަވެރި ހުށައެޅުންތަކަކަށްފަހު، މޯލްޑިވިއަން އައިޑަލް ތިއޭޓަރ ރައުންޑުގެ ދެވަނަ ބުރަށް 24 ބައިވެރިއަކު ދަތުރުކޮށްފިއެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބޭއްވި އޮޑިޝަންތަކުން ގޯލްޑަން ޓިކެޓް ލިބުނު ބައިވެރިންގެ މެދުގައި ބޭއްވި ތިއޭޓަރ ރައުންޑްގެ ފުރަތަމަ ޝޯވ މިރޭ ޓީ.ވީ.އެމުން ވަނީ ދައްކާފައެވެ. މިރޭގެ ޝޯވގައި ގޯލްޑަން ޓިކެޓް ލިބުނު 44 ބައިވެރިން ވާދަކޮށް، މާދަމާ ރޭގެ ޝޯވއަށް ނުދެވި 20 ބައިވެރިއަކު މި މުބާރާތުން ވަކިވެފައިވެއެވެ. 

މޯލްޑިވިން އައިޑަލްގެ ޝޯވތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދިޔަ އެއް ޝޯވއަކީ ތިއޭޓަރ ރައުންޑެވެ. އޮޑިޝަންތަކުން 3 ޖަޖުންގެ ނުވަތަ 2 ޖަޖުންގެ އާނ ބަހާއެކު ގޯލްޑަން ޓިކެޓު ލިބުނު ބައިވެރިން މޯލްޑިވިއަން އައިޑަލްގެ ޓައިޓަލަށް ވާދަކުރުމުގެ އަސްލު ކުރިމަތިލުން ފެށޭ ހިސާބަކީ، ތިއޭޓަރ ރައުންޑެވެ. ބައިވެރިންގެ ކިބައިންވެސް ވާދަވެރިކަމުގެ ކުލަވަރުތައް ފެންނަން ފަށާ ހިސާބަކީ މިއީއެވެ.

މޯލްޑިވިއަން އައިޑަލްގެ ސީޒަން ދޭއްގެ ތިއޭޓަރ ރައުންޑް ޝޫޓްކޮށްފައިވަނީ އއ. މަތިވެރީއާއި، އެރަށުގެ ކައިރީގައި އޮންނަ ފިނޮޅެއްގައެވެ. އޮޑިޝަންތަކާއި ޚިލާފަށް، ތިއޭޓަރ ރައުންޑް ކުރިއަށް ގެންގޮސްފައިވަނީ 2 ބުރަކަށް ބަހާލައިގެންނެވެ. އެގޮތުން މިރޭގެ ޝޯވގައި ގޯލްޑަން ޓިކެޓް ލިބުނު 44 ބައިވެރިން ވަކި ވަކި ގްރޫޕްތަކެއްގެ ގޮތުގައި ޓްރެކް ޖަހައިގެން ވަނީ ލަވަހުށައަޅައިދީފައެވެ. އަދި ތިއޭޓަރ ރައުންޑުގެ 2 ވަނަ ބުރަށް ދަތުރުކުރާ ބައިވެރިން މާދަމާ ރޭގެ ޝޯވގައި އައިޑަލް ބޭންޑްގެ ލައިވް މިއުޒިކާއެކު ސޯލޯ ޕަރފޯމަންސެއް ހުށައަޅައިދޭނެއެވެ. މި ރައުންޑް ވެގެންދާނީ މި ޝޯވގެ ބައިވެރިންގެ ތެރެއިން ބެލުންތެރިން ސަޕޯޓްކުރާ ބައިވެރިއެއް ކަނޑައެޅުމަށް ލިބިގެންދާ ފުރުޞަތަކަށެވެ.

ތިއޭޓަރ ރައުންޑުގެ ޝޯވތައް އެއްކޮށް ނިމޭއިރު، އައިޑަލްގެ ދެން އޮތް ރައުންޑްކަމުގައިވާ ޕިއާނޯ ރައުންޑުގައި ވާދަކުރާނެ ބައިވެރިން ކަނޑައެޅޭނެއެވެ. މޯލްޑިވިއަން އައިޑަލްގެ ޝޯވތަކަށް ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަންނާނުންނާއި، ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުޙީބަކާއި މަޤުބޫލުކަމެއް އަންނަނީ ލިބެމުންނެވެ.