ޚަބަރު

ސިނގިރޭޓާއި އެނަރޖީ ބުއިންތަކުން ޑިއުޓީ ބޮޑުކުރަން ހުށަހަޅައިފި


ސިނގިރެޓާއި ފިޒީ އަދި އެނަރޖީ ބުއިންތަކުން ޑިއުޓީ ބޮޑުކުރެއްވުމަށް، އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން އިޞްލާޙު ހުށަހަޅުއްވައިފިއެވެ. މި އިޞްލާޙު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރު ކޯލިޝަން އެމްޑީއޭގެ މެމްބަރ އަދި ކުޑަހުވަދޫ ދާއިރާގެ އަޙްމަދު ޢާމިރުއެވެ.

2017 ވަނަ އަހަރަށް ލަފާކުރައްވާ ބަޖެޓުގައި ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ރާއްވަވާފައިވާ ކަންތައްތަކުގެ ތެރޭގައި، ޞިއްޙަތަށް ގެއްލުން ހުރި ބައެއް މުދަލުގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރެއްވުން ވަނީ ހިމަނުއްވާފައެވެ. އެގޮތުން މިހާރު ނަންގަވަމުން އަންނަ 1.75 ރުފިޔާ ޑިއުޓީ އިތުރުކުރުމުން ބާޒާރުގައި ސިނގިރޭޓު ލިބެން ހުންނަ އަގު ބޮޑުވާނެ ކަމަށާއި ދުންފަތުގެ އިސްތިޢުމާލުކުރުން މަދުކުރުމަށް މިކަމުގެ ސަބަބުން އެހީތެރިވެދޭނެ ކަމަށް ލަފާކުރައްވާފައިވެއެވެ.

އެކްސްޕޯޓް އިމްޕޯޓް ޑިއުޓީގެ ޤާނޫނަށް ކުޑަހުވަދޫ ދާއިރާގެ މެމްބަރ އަޙުމަދު ޢާމިރު ހުށަހެޅުއްވި އިޞްލާޙުގައި ވަނީ ސިނގިރޭޓުން މިހާރު ނަގަމުން އަންނަ 1.75 ރުފިޔާ 3.75 އަށް ބޮޑުކުރެއްވުމަށެވެ. އަދި ސިނގިރޭޓުން ނަންގަވާ އިމްޕޯޓް ޑިއުޓީ ބޮޑުކުރައްވައިގެން، 200 މިލިއަން ރުފިޔާ އިތުރަށް ލިބޭނެ ކަމަށް ވަނީ ލަފާކުރައްވާފައެވެ.

ފިޒީ ބުއިންތައް ބޭނުންކުރާ މީހުންގެ އަދަދު މަދުކުރުމަށްޓަކައި ފިޒީ އަދި އެނަރޖީ ބުއިންތަކުން 20 އިންސައްތައިގެ އެޑްވެލޮރަމް ޓެކްސްއެއް ނެގުމަށް މިއަހަރުގެ ބަޖެޓުގައި ހިމަނުއްވާފައިވެއެވެ. އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް ސަރުކާރުން ހުށަހެޅުއްވި އިޞްލާޙިުގައި ވަނީ އެނާރޖީ އަދި ސޮފްޓް ޑްރިންކުން ލީޓަރަކަށް 4.60 ރުފިޔާ ބޮޑުކުރަން ހުށަހަޅުއްވާކަމަށެވެ.

ފިޒީ ޑްރިންކްސްއަށް ނަންގަވާ އިމްޕޯޓް ޑިއުޓީ ބޮޑުކުރައްވައިގެން 9 މިލިއަން ރުފިޔާ އިތުރަށް ލިބޭނެ ކަމަށް ވަނީ ލަފާކުރައްވާފައެވެ.

މި ބާވަތްތަކުގެ އިތުރުންވެސް ދައުލަތަށް ޢާމްދަނީ ހޯއްދެވުމަށް ބަޖެޓުގައި ގިނަ ކަންތައްތަކެއް ހުށަހަޅުއްވާފައިވެއެވެ. އެގޮތުން މާލެ ސަރަޙައްދުގެ ދުއްވާ އެއްޗެހީގެ ތޮއްޖެހުން ކުޑަކުރުމަށް ކޮންޖެސްޝަން ޗާޖެއް ތަޢާރަފުކުރެއްވުމަށް ނިންމާފައިވާއިރު، ކޮންޖެސްޝަން ޗާޖުގެ ގޮތުގައި 261 މިލިއަން ރުފިޔާ ލިބޭނެކަމަށްވެސް ވަނީ ލަފާކުރައްވާފައެވެ.