ވިޔަފާރި

އައި-ހަވަންގެ މާސްޓަރ ޕްލޭން އޭޕްރީލްމަހަށް ނިމޭނެ - ރައީސް


ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ބަދަލެއް ގެންނަވަން ސަރުކާރުން ކުރައްވާ މަސައްކަތުގެ ތެރެއިން ފަށްޓަވާފައިވާ ސްޕެޝަލް އިކޮނޮމިކް ޒޯން ނުވަތަ އައިހަވަންގެ މާސްޓަރ ޕްލޭންގެ މަސައްކަތް އަންނަ އެޕްރީލް މަހަށް ނިމޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެެއެވެ. 

އައިހަވަންގެ މާސްޓަރ ޕްލޭން ހަދަން ސަރުކާރުން ވަނީ މި ސަރަޙައްދުގެ އެންމެ ބޮޑު އެއް ކޮންސަލްޓެންސީ ކުންފުނި، ސިންގަޕޫރުގެ ސުރުބާނާ ޖްރޯންގް، އެސްޖޭއާ ޙަވާލުކޮށްފައެވެ. 

ރައްޔިތުން މަޖިލިސް މި އަހަރަށް ހުޅުއްވުމުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޔާމީން ވިދާޅުވީ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުތައް ރާއްޖޭގައި ތަރައްޤީކުރައްވައި ރާއްޖޭގެ ޒުވާނުން ބޭނުންވާ ވަޒީފާގެ ފުރުޞަތުތަކާއި އަދި މިހާތަނަށް ރާއްޖެއަށް އައިސްފައިނުވާ ތަރައްޤީ ގެނައުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާކަމުގައި. އެގޮތުން ރާއްޖޭގައި އުތުރުގައި ތަރައްޤީކުރައްވާ އިޤްތިޞާދީ މައި ހަބް އައި-ހެވަންގެ ތަފްޞީލް ޕްލޭންތައް މިއަހަރު ނިމޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެކަން ނިމުމާއެކު އެ މަޝްރޫޢަށް އިންވެސްޓްމަންޓްތައް ހޯއްދެވުމުގެ އަމަލީ މަސައްކަތް މިއަހަރު ފަށްޓަވާނެއެވެ.

img:http://s2.psmnews.mv/images/660x400/14633344433141.jpg|ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް - ފައިލް ފޮޓޯ: ރައީސް އޮފީސް

އައިހެވަން މާސްޓަރ ޕްލޭންގެ ތަފްޞީލް ލިބުމުން ހިއްކަން ޖެހޭ ސަރަހައްދާއި މީހުން އާބާދުކުރާނެ ސަރަޙައްދުތަކާއި އެއަރޕޯޓާއި ޕޯޓް ހަދާނެ ސަރަޙައްދުތައް ކަނޑައެޅޭނެއެވެ. މާސްޓަރ ޕްލޭން ހަދާނީ ފީސިބިލިޓީ ރިޕޯޓްގައި ފާހަގަކޮށްފައިވާ ހަތް ސަރަޙައްދަކަށް އަމާޒުކޮށްގެނެވެ.

އައިހަންވަން މަޝްރޫޢަކީ ރައީސް ޢަބްދުﷲ ޔާމީންގެ އިޤްތިޞާދީ ތަޞައްވުރުގައި ހިމެނޭ އެންމެ ބޮޑު އެއް މަޝްރޫޢުއެވެ. ރައީސް ޔާމީންގެ ތަޞައްވުރަކީ، އަހަރަކު އެތައް ޓްރިލިޔަން ޑޮލަރެއްގެ މުދާ ބަރުކޮށްގެން ރާއްޖެ ކައިރިން ދަތުރުކުރާ އިންޓަރނޭޝަނަލް ޝިޕިންގ ލައިންގެ މައިމަރުކަޒަކަށް ދިވެހި ރާއްޖެ ހެއްދެވުމެވެ. ހުޅަނގާއި އިރުމަތީގެ މުދާތައް ބަދަލުކުރެވޭ މަރުކަޒަކަށް ރާއްޖެ ހެއްދެވުމެވެ.

ހަމައެކަނި ފަތުރުވެރިކަމަށް ރާއްޖެ ބަރޯސާވެފައި އޮންނަ އޮތުން ނިމުމަކަށް ގެންނެވުމަށް ސަރުކާރުން ރާއްވަވާފައިވާ އެންމެ ބޮޑު މަޝްރޫޢަކީވެސް އައިހެވަން މަޝްރޫޢުއެވެ.