ޚަބަރު

ޤައިދީންގެ ދީނީ ހޭލުންތެރިކަން އިތުރުކުރަން ޕްރޮގްރާމެއް ފަށައިފި


ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް އިސްލާމިކް މިނިސްޓްރީން ހިންގަވާ އައު ޕްރޮގްރާމްގެ ދަށުން، މާފުށީ ޖަލުގައި ތިބި ޤައީދީންނަށް މަޢުލޫމާތު ދެއްވުމުގެ ޕްރޮގްރާމެއް ފަށްޓަވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މިއީ މާފުށީ ޖަލުގައި ތިބި ޤައިދީންގެ ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމާއި، ދީނީ ގޮތުން އޮޅުންފިލުވަން ބޭނުންވާ ކަންކަން ފަސޭހަކަމާއެކު އޮޅުންފިލުވޭނެ މަގު ފަހިކޮށްދެއްވުމަށް ހިންގަވާ ޕްރޮގްރާމެއް ކަމަށެވެ. 

މަޢުލޫމާތު ދެއްވުމުގެ ސެޝަން މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. މި ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި މަޢުލޫމާތު ދެއްވުމަށް ހަމަޖެހިފައިވަނީ އިސްލާމީ އަޤީދާއާ ބެހޭގޮތުން ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. މި ޕްރޮގްރާމްގައި މަޢުލޫމާތު ދެއްވާނީ އައްޝައިޚު ޙަސަން ތަޢުފީޤާއި، އައްޝައިޚު އަޙުމަދު މައުމޫން ޢަބްދުލް ޢަޒީޒްއެވެ.

މީގެއިތުރުން ސްކޫލްތަކުގެ ދަރިވަރުންނަށް ޚާއްޞަކުރައްވައިގެން ސްކޫލް އެސެމްބްލީގައި، ދީނީ މަޢުލޫމާތު ދެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މިނިސްޓްރީން ގެންދަވަނީ، ސަރުކާރު މުވައްޒަފުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމުގެ ގޮތުން، ހަފްތާގެ އެކި ދުވަސްތަކުގައި އެކި ވުޒާރާތަކުގެ މުވައްޒަފުންނަށް މަޢުލޫމާތު ދެއްވުމުގެ ސެޝަންތައް ކުރިއަށް ގެންދަވަމުންނެވެ.