ޚަބަރު

71 ރަށެއްގައި އައުޓްޑޯ ޖިމް ޤާއިމްކުރުން އެޗްޑީސީއަށް


ރާއްޖޭގެ 71 ރަށެއްގައި އައުޓްޑޯ ޖިމްތައް ޤާއިމްކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލުކޮށްފިއެވެ.

2026 ގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމްތައް ޤާއިމްކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.

މިކަން ކާމިޔާބުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން 71 ރަށެއްގައި އައުޓްޑޯ ޖިމް ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހ. މީރުމާގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ކުޅިވަރު ވުޒާރާގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ގިނަ ދާއިރާތަކެއްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި އެއްބަސްވުމުގައި ކުޅިވަރު ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރުއެވެ.

އަންނަ އަހަރުގެ ނިޔަލަށް ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމްކުރުމުގެ މަސައްކަތުގެ ތެރެއިން އެޗްޑީސީއާ ހަވާލުކުރެވުނު 71 މަޝްރޫޢުއާއެކު ޖުމްލަ 102 އައުޓްޑޯ ޖިމް ޤާއިމްކުރުމަށް ސަރުކާރުގެ ކުންފުނިތަކާވަނީ ހަވާލުކުރެވިފައެވެ. މީގެ އިތުރުން އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން ހަތް އައުޓްޑޯ ޖިމް ޤާއިމްކުރުން ކުރިއަށް އެބަދެއެވެ.

މިއަހަރާއި އަންނަ އަހަރު އިތުރު 41 އައުޓްޑޯ ޖިމް ޤާއިމްކުރުމަށް ހަވާލުކުރުމަށްވަނީ ހަމަޖެހިފައެވެ.