ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ޑިމޮކްރަސީގެ ރީތި ނަމޫނާ ދައްކަވާ ވެރިކަމަށް ވަޑައިގަތުމަށްފަހު ކުރެއްވީ ހުދުމުހުތާރު ވެރިކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ އައު އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ބަހުގެ ހަމަލާތަކެއް ދެއްވާ ފާޑުވިދާޅުވެފައިވެއެވެ. ސްރީލަންކާގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރައީސް ޔާމީނަށް ތާއީދު ނެތުމަކީ އެމަނިކުފާނުގެ ކުށެއް ނޫންކަމަށެވެ. ރައީސް ނަޝީދުގެ މިވާހަކަފުޅުތަކަށް ރައްދުދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޑިމޮކްރަސީގެ ޗެމްޕިއަންގެ ގޮތުގައި ވަކާލާތުކުރެއްވުމަށް ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެން ކުރެއްވިހާވެސްކަމަކީ މީހުން މަގުމައްޗަށް ނެރެ ތަންތަން ހަލާކުކުރެއްވުމާއި ރާއްޖެ ހަލަބޮލިކޮށްލުން ކަމަށެވެ. އަދި ރައްޔިތުންގެ ހައްޤުތަކަކީ އޮތް އެއްޗެއްކަމަށް ނުބައްލަވާ ޤާނޫނަކަށް ބެއްލެވުމެއްނެތި ސިޔާސީ މީހުން ހައްޔަރުކޮށް ކޯޓްތަކުގައި ތަޅު އަޅުވާ ފަނޑިޔާރުންވެސް ހައްޔަރުކޮށް ފައިވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
"އެހާ ހިސާބުން އަޅުގަނޑުމެން ފިކުރަށް ކެތް ނުވީ. އެހާ ހިސާބުން އަޅުގަނޑުމެން ނިންމީ ދެން އިނަފް އިސް އިނަފް މިހާރު ފުދިއްޖޭ އަޅުގަނޑުމެން އެބަޖެހޭ ބަދަލު ކުރަން. އަޅުގަނޑުމެން ނުކުތީ ފުލުހުންނާ ސިފައިންނާއި ދެކޮޅަކަށް ނޫން،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ފާޑުވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ ރައީސް ނަޝީދުގެ ކުށަކީ އެމަނިކުފާނަށް ތާއީދު ނެތުން ނޫންކަމަށް. އެހެންނަމަވެސް ރައީސް ނަޝީދުގެ ކުށް އެއަށްވުރެ މާބޮޑުކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
"ބޭފުޅުން ފަހަރުގައި ވިދާޅުވެދާނެ ކަންނޭނގެ އެބޭފުޅުންގެ ކުށެއް ނޫނޭ ރައީސް ޔަމީނަށް ތާއީދު ނެތުމަކީ، ތެދުފުޅެއްމެ. އެއީކީ ނޫން އެބޭފުޅާގެ ކުށަކީ. އެބޭފުޅާގެ ކުށް އެޔައްވުރެ މާ ބޮޑު،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ރިޔާސީ ޕްރައިމެރީއެއް ބާއްވަން ކެރުނު ހަމައެކަނި ޕާޓީއަކީ ޕީޕީއެމްކަމަށެވެ. އަދި ދެންވެސް އެކަން ކުރަން ކެރޭނީވެސް އެ ޕާޓީއަށްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.