ޚަބަރު

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުނަށް މާލީ އެހީތެރިކަން ދެއްވަނީ


ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންގެ ތެރެއިން ނަފްސާނީ އެހީތެރިކަން ބޭނުންވާ މީހުންނަށް ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން މާލީ އެހީތެރިކަން ދެއްވުމުގައި ބައްލަވާނެ މިންގަނޑުގެ އުޞޫލެއް ކަނޑައަޅުއްވައިފިއެވެ.

ޖިންސީ ކުށުގެ ޤާނޫނުގެ 64 ވަނަ މާއްދާގެ ދަށުން ކަނޑައެޅުއްވި މި އުޞޫލު މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާޢިއު ކުރައްވާފައެވެ. ޖިންސީ ކުށުގެ ޤާނޫނުގެ 64 ވަނަ މާއްދާގައި ވަނީ އެ ޤާނޫނުގައި ބުނާފަދަ ކުށެއްގެ ޝިކާރައަކަށްވާ މީހާ ނަފްސާނީގޮތުން ދިމާވެދާނެ އުނދަގުލެއް ލުއިކޮށްދިނުމަށާއި، ޒިންމާދާރު ރައްޔިތެއްގެ ގޮތުގައި ދިރިއުޅުމުގައި ބޭނުންވާ ކައުންސިލިން، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ޚަރަދުގައި އެ އޮތޯރިޓީން އިންތިޒާމްކުރައްވާ އުޞޫލެއްގެ މަތިން އެ އޮތޯރިޓީން ކަނޑައަޅުއްވާ ތަނެއް ނުވަތަ ބަޔަކު މެދުވެރި ކުރައްވައިގެން ހަމަޖައްސައި ދެއްވަންވާނެ ކަމަށެވެ.

މި އުޞޫލުގެ ދަށުން ނަފްސާނީ އެހީ ހޯދުމަށް މާލީ އެހީތެރިކަން ދެއްވުމުގައި ޖިންސީ ކުށެއްގެ ޝިކާރައަކަށްވީ މީހާއަށް ލިބިފައިވާ އަނިޔާތަކުގެ ކުޑަބޮޑުމިނާއި ޖިންސީ ކުށުގެ ޝިކާރައަކަށްވީ މީހާ އެ ހިނދަކު ހުރި ޙާލަތު ވަޒަން ކުރައްވަން ޖެހެއެވެ. އަދި ޖިންސީ ކުށުގެ ޝިކާރައަކަށްވީ މީހާގެ މާލީ ޙާލަތުގެ މައްޗަށް ބައްލަވަން ޖެހެއެވެ.

މި އުޞޫލުގެ ދަށުން ނަފްސާނީ އެހީ ދެވޭނީ ޖިންސީ ކުށުގެ ޤާނޫނުގެ 47ވަނަ މާއްދާގައި ބުނެފައިވާ ކުށްތަކުގެ ޝިކާރައަކަށްވާ މީހުންނަށެވެ. އަދި އެފަރާތްތަކަށް ނަފްސާނީ އެހީތެރިކަން ލިބިދެވޭނީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ކަނޑައަޅުއްވާ މަރުކަޒަކުން ކަމަށްވެސް މި އުޞޫލުގައިވެއެވެ.

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީތެރިކަން ލިބިގެންދާނީ ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންގެ ތެރެއިން ނަފްސާނީ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް މާލީ އެހީތެރިކަން ދިނުމަށް ޕޮއިންޓް ދިނުމުގައި ބަލާނެ މިންގަނޑުގައި ބަޔާންކުރާ ބައިތަކަށް ޕޮއިންޓު ދެއްވައިގެން، އެފަރާތަކަށް ޖުމުލަ 65 ޕޮއިންޓު ލިބިފައިވާނަމައެވެ.