ޚަބަރު

ސްރީލަންކާގެ ފޮރިން މިނިސްޓަރގެ ތަޢުރީފު ރައީސް ޔާމީނަށް


ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތްޕުޅުތަކަށް، ސްރީލަންކާގެ ފޮރިން މިނިސްޓަރ މަންގަލަ ސަމަރަވީރާ ތަޢުރީފު ކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ތަޢުރީފް ކުރައްވައި ވަހަކަފުޅު ދެއްކެވީ، މިއަދު ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް އެމަނިކުފާނާ ބައްދަލުކުރެއްވުމުގެ ރަސްމިއްޔަތުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް، ސްރީލަންކާގެ ފޮރިން މިނިސްޓަރ މަންގަލަ ސަމަރަވީރާއާ، ބައްދަލުކުރެއްވީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ. ސްރީލަންކާގެ ފޮރިން މިނިސްޓަރ މިބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި، އިޤްތިޞާދީ ކުރިއެރުމަށް ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތަކުގެ އިތުރަށް، ދިވެހި ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތައްވެސް ފާހަގަކުރައްވައި އެކަމަށް ތަޢުރީފް ކުރެއްވިއެވެ. img:http://s2.psmnews.mv/images/660x400/14866520792547.jpg|ސްރީލަންކާގެ ފޮރިން މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާ އަބްދު ﷲ ޔާމީން އަބްދުލްޤައްޔޫމާއި ބައްދަލުކުރެއްވުން - ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގައި، ސްރީލަންކާގެ ފޮރިން މިނިސްޓަރ ރާއްޖެއަށް ޒިޔާރަތް ކުރެއްވިކަމަށްޓަކައި އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވިއެވެ. އަދި، ސްރީލަންކާގެ ރައީސަށް ތަހުނިޔާއާއި ހެޔޮއެދުންތައް ރައްދުކޮށްދެއްވުމަށް ފޮރިން މިނިސްޓަރގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ސްރީލަންކާއާ ދެމެދުގައި ޤާއިމްކުރެވިފައިވާ އެކުވެރި ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ސްރީލަންކާއަކީ ރާއްޖެއިން ވަރަށް ބޮޑު އިސްކަމެއް ދޭ، ރާއްޖެއާ ވަރަށް ގާތް ގުޅުމެއް އޮންނަ ޤައުމެއްކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެމަނިކުފާނު އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ދެޤައުމުގެ ދެމެދުގައިވާ ގުޅުން ޞިއްޙީ ދާއިރާއިންނާއި، ތަޢުލީމީ ދާއިރާއިން އިތުރަށް ބަދަހިކުރެވޭނެ ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި، ސްރީލަންކާގެ ފޮރިން މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ފަރާތުން ސްރީލަންކާއަށް އަބަދުވެސް އެއްބާރުލުން ދޭކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.