ކުޅިވަރު

ޗެރިޓީ ޝީލްޑް މެޗުން ލިބޭ ފައިސާ ފަސް ޖަމިއްޔާއަކަށް


މިފަހަރުގެ ޗެރިޓީ ޝީލްޑް މެޗުން ލިބޭ ފައިސާ ފަސް ޖަމިއްޔާއަކަށްދޭން ނިންމައިފިއެވެ.

 މިމަހުގެ 16 ވަނަ ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާ ސީޒަން ހުޅުވާ ޗެރިޓީ ޝީލްޑް މެޗުން ލިބޭ ފައިސާގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ދޭން ނިންމާފައިވަނީ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނާ ކުޑަކުދިންގެ ހިޔާއަށެވެ. ކްލަބް ވެލެންސިޔާއިން ފައިސާ ދޭން ނިންމާފައިވަނީ ޓައިނީ ހާޓްސް އޮފް މޯލްޑިވްސްއަށާއި، ބިއުޓިފުލް އައިސް ޑައުން ސިންޑްރޯމް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށެވެ. މީގެ އިތުރުން މިމެޗަށްފަހު އެފްއޭއެމްއިން ވަނީ އެޑްވޮކޭޓީންގ ދަ ރައިޓްސް އޮފް ޗިލްޑްރެން އާކްއަށް ފައިސާގެ އެހީއެއް ދޭން ނިންމާފައެވެ. 

ހިލޭ ކުޅިބަލަން ވަދެވޭ މިމެޗްގައި ވާދަކުރާނީ ދިވެހި ޕްރިމިއަރ ލީގުގެ ޗެމްޕިއަން މާޒިޔާއާއި އެފްއޭ ކަޕްގެ ޗެމްޕިއަން ވެލެންސިޔާއެވެ. މިމެޗަކީ މާޒިޔާ މިސީޒަންގައި ކުޅޭ ފުރަތަމަ މެޗެވެ. ވެލެންސިޔާ ވަނީ އޭއެފްސީ ކަޕަށް ކޮލިފައިވުމަށް ޕްރިލިމިނަރީ ބުރުގައި ބޫޓާން ތިމްޕޫ ސިޓީއާއެކު ދެމެޗް ކުޅެފައެވެ. 

ޗެރިޓީ ޝީލްޑް ކާމިޔާބުކުރާ ޓީމަށް އެއްލައްކަ ރުފިޔާ ލިބޭއިރު ލިބޭ ހުރިހާ ފައިސާއެއް މެޗް ކުޅޭ މާޒިޔާއާއި ވެލެންސިޔާއިން ވަނީ ޗެރިޓީއަށް ދޭން ނިންމާފައެވެ.