ކުޅިވަރު

ޤަތަރުގައި ވަރލްޑްކަޕް ބޭއްވުމަށް ހަފްތާއަކު 500މިލިއަން ޑޮލަރު


ޤަތަރު ވަރލްޑްކަޕަށް ހަފްތާއަކު 500 މިލިއަން ޑޮލަރު ޚަރަދު ކުރަމުންދާ ކަމަށް ޤަތަރު ފިނޭންސް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

 އެންމެ ބޮޑު ޚަރަދެއް ހިނގާނެ ކަމަށް ބެލެވޭ 2022ވަނަ އަހަރުގެ ވަރލްޑްކަޕަށް ޤަތަރުން ތައްޔާރުވާން ފަށާފައިވާއިރު ކުރިއަށް އޮތް ދެ އަހަރު ތެރޭ ސްޓޭޑިއަމްތަކުގެ ބޮޑުބައި ނިންމާލެވޭނެ ކަމަށް ޤަތަރުގެ ފިނޭންސް މިނިސްޓަރ އަލީ އަލް އިމާދީ ވިދާޅުވިއެވެ. 2022ވަނަ އަހަރުގެ ވަރލްޑްކަޕްގެ ހުރިހާ ކަމަކަށް 200 ބިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް ބެލެވެއެވެ. އަލީ އަލް އިމާދީ ވިދާޅުވީ މަސައްކަތްދާ ސްޕީޑަށް ބަލާފަ މުބާރާތް ފެށުމުގެ ކުރިން ޤަތަރުން ފީފާއާ ދަނޑުތައް ހަވާލުކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށާއި، ޤަތަރުގައި ބޭއްވޭ ވޯލްޑްކަޕަކީ ފުރިހަމަ ވަރލްޑްކަޕަކަށް ހެދޭނެ ކަމަށެވެ.

" މުބާރާތް ފެށޭ ދުވަހު ދަނޑުތަކުގެ ބޭރުގައި ކުލަ ލާން އަހަރެމެން ނުތިބޭނެ. އޭގެ މާކުރިން ދަނޑުތައް ނިންމާލާނެ." ޤަތަރުގެ ފިނޭންސް މިނިސްޓަރ އަލީ އަލް އިމާދީ ވިދާޅުވިއެވެ.

ޤަތަރުން ވަރލްޑްކަޕަށް ކުރާ ހޭދައާއި ޤަތަރުގައި ވަރލްޑްކަޕް ބޭއްވުމަށް ދެކޮޅު ހަދާ ފަރާތްތަކަށް މިއީ ތަފާތު ފެންވަރު ރަނގަޅު ވަރލްޑްކަޕެއްކަން ދައްކާނެ ކަމަށާއި، ޤަތަރު ވަރލްޑްކަޕަކީ އަރަބިންގެ ސަޤާފަތް ފެނިގެންދާނެ ވަރލްޑްކަޕަކަށް ވާނެ ކަމަށްވެސް ޤަތަރުގެ ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ. 

img:http://s3.psmnews.mv/images/660x400/14866238484998.jpg|2022ގެ ވަރލްޑްކަޕް ބޭއްވުމަށް ފަރުމާކުރެވިފައިވާ ސްޓޭޑިއަމްއެއް

2022 ވަނަ އަހަރުގެ ވަރލްޑްކަޕް ބޭއްވުމަށް ޤަތަރަށް ލިބުނުއިރު މުބާރާތް ބާއްވާ އެއްވެސް ސްޓޭޑިއަމްއެއް އަދި ފެންނާކަށްނެތެވެ. ޤަތަރުގެ ސަރުކާރުން ނިންމާފައިވަނީ ވަރލްޑްޕަށް ވަކިން ފަރުމާކުރާ ދަނޑުތަކެއްގައި މެޗްތައް ކުޅުމަށެވެ. ދަނޑުތަކުގެ ޑިޒައިންތަކަށް ބާލައިރު ދަނޑުތައް ފަރުމާކުރެވިފައިވަނީ އެންމެ ފަހުގެ ޓެކްނޮލޮޖީއާއި، އަރަބިންގެ ސަޤާފަތް ފެންނާނެ ގޮތަކަށެވެ. 

ގަދަ ހޫނުން ސަލާމަތްވުމަށް 2022ވަނަ އަހަރުގެ ވަރލްޑްކަޕް އަހަރުގެ ފަހުކޮޅު ކުޅުމަށް ފީފާއިން ވަނީ ނިންމާފައެވެ. އަދި ދަނޑުތަކުގައި ފިނި ހޫނިމިން ހަމަހަމަ ކުރުމަށް ފަހުގެ ޓެކްނޮލޮޖީ ބޭނުން ކުރުމަށްވެސް ޤަތަރުން ވަނީ ނިންމާފައެވެ.