ރިޔާސީ އިންތިޚާބަށް ޕީޕީއެމްއިން ނިކުންނާނީ އެއްލައްކަ ފަންސާސް ހާސް މެމްބަރުންނާއި އެކުގައިކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރ އަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ އައު އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ ޕީޕީއެމްގެ އޮފީހުގެ ދޮރު ކޮންމެ ދިވެހި ކޮންމެ ރައްޔިތަކަށްވެސް ހުޅުވިފައިވާކަމަށެވެ. އަދި ޕީޕީއެމާ ގުޅެން ބޭނުން ކޮންމެ މީހަކަށް ރާއްޖޭގެ ކޮންމެ ސަރަހަދެއްގައި ހުރެގެންވެސް ފޯމް ފުރުމުގެ ފަސޭހަ އިންތިޒާމުތައް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
އަބްދުއްރަޙީމް ވިދާޅުވީ ކުރިއަށް އޮތްތާނގައި ޕީޕީއެމް ފެނިގެން ދާނީ އިތުރު އެހެން އެއްވެސް ސިޔާސީ ޕާޓީއަކަށް ބަލި ނުކުރެވޭ ވަރުގެ ޕާޓީއެއްގެ ގޮތުގައި ކަމަށެވެ.
މި ޙަފްލާގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ، ޕީޕީއެމް ޕާޓީއަކަށް ހަދާ ޕީޕީއެމް އަކީ ޢާންމު ރައްޔިތުން ބަލައިގަންނަ ޕާޓީއަކަށް ހެއްދެވީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްކަމަށެވެ. އަދި ޕީޕީއެމްއާ ދޭތެރޭ ދިވެހިން ދެކެމުން އައި ގޮތް މިއަދު ބަދަލުވެފައި ވަނީ ވެސް ޚުދު ރައީސް ޔާމީން ކުރެއްވި މިންނެތް މަސައްކަތްޕުޅުން ކަމަށް އަޒްލީން ވިދާޅުވިއެވެ.
"ރަތްދައްކާ އަވީގައި އަޅުގަނޑުމެން އެންމެ އަނދާ ހުލިވެގެން ރައީސް ޔާމީންގެ އަޒުމަކަށް އެއްވެސް ބަދަލެއް ނާދޭ، ހިތްވަރުފުޅަކަށް ގުޑުމެއް ނާދޭ. މިއީ މިއަދު މި ފެންނަ ޕީޕީއެމްގެ ޙަޤީޤީ ސިއްރަކީ" އަޒްލީން ވިދާޅުވިއެވެ.
ޕީޕީއެމްގެ އައު އޮފީސް ރަސްމީކޮށް ހުޅުވުމުގެ ޙަފްލާގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫފްގެ ނާއިބް ލީޑަރ އަދި ވިލުފުށި ދާއިރާގެ މެމްބަރ ރިޔާޒް ރަޝީދު ވިދާޅުވީ ރާއްޖެއަށް އިތުރު ތަރައްޤީ ގެންނަން ދިވެހި ރައްޔިތުން ބޭނުން ނަމަ ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބު ކުރައްވަން ޖެހޭކަމަށެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ބަހުގެ ހަމަލާތައް ދެއްވަމުން ރިޔާޒް ވިދާޅުވީ ޑިމޮކްރަސީގެ ހިޔަލުގައި ހުންނަވައިގެން ރައީސް ނަޝީދު ކުރައްވާފައިވަނީ ހުދުމުހުތާރު ވެރިކަމެއް ކަމަށެވެ.
"އޭނާ އަކަށް ދުވަހަކުވެސް ދެން މި ޤައުމަކުން ފުރުޞަތެއް ނުދޭނަން. ﷲ އިރާދަކުރެއްވިއްޔާ އެމްޑީޕީއަކަށް ދުވަހަކުވެސް ދެން މިޤައުމުގެ ވެރިކަމަކަށް ނާދެވޭނެ،" ރިޔާޒް ރަޝީދު ވިދާޅުވިއެވެ.
ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ވިލިމާލެ ދާއިރާގެ މެމްބަރ އަޙްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ މަލްޓި ޕާޓީ ޑިމޮކްރަސީގައި ސިޔާސީ ޕާޓީއެއް ހިންގާ ޕާޓީއެއްގެ ވާހަކަދައްކަން އެންމެ ރަނގަޅަށް އެނގޭނެ ބޭފުޅަކަށް ހުންނަވާނީ ރައީސް ޢަބްދުﷲ ޔާމީން ކަމަށެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީން އަންނަނީ ޢަމަލީ ގޮތުން އެކަން ދައްކަވަމުން ކަމަށެވެ.
ބޮޑުތަކުރުފާނު މަގުގައި އަލަށް ހުޅުއްވި ފީފީއެމް އޮފީހުގެ ބޭރު ފަރުމާކުރައްވާފައިވަނީ ރައީސް ޔާމީންއެވެ. ޖާގައިގެ ގޮތުން ބޮޑު މި އޮފީސް ހުޅުއްވާދެއްވުމަށްފަހު ރައީސް ދެ ކަނބަލުން ވަނީ އެ އޮފީސް ބައްލަވާލައްވާފައެވެ.